ޚަބަރު

ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލަނީ


ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ބޮޑެތި އެއްވުންތައް ބާއްވައި އަޑުއުފުލަން ފަށައިފިއެވެ. އެ އެއްވުންތަކުގައި ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުގެ ޢުދުވާނީ ފައުޖުތަކުން ދެމުންދާ ރަޙުމުކުޑަ ލާއިންސާނީ ޙަމަލާތަކާ ދެކޮޅަށްވެސް ދަނީ އަޑުއުފުލަމުންނެވެ.

މެއި މަހުގެ 10ވަނަ ދުވަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދީފައެވެ. 11 ދުވަސްވަންދެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް އެއްވެސް ޝަރުތަކާ ނުލައި ޙަމަލާދިނުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ.

ފާއިތުވި ހަފުތާތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުތަކުގެ ސަރުކާރުތަކަށް ދަނީ ގޮވައިލަމުންނެވެ. އަދި އިސްރާއީލަށް ޙަތިޔާރު ވިއްކުން މަނާކުރުމަށްވެސް ދަނީ ގޮވައިލަމުންނެވެ. ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއާއި ފަރަންސޭސިވިލާތުގައި ބޮޑެތި މުޒާހަރާތައްވަނީ ބާއްވައިފައެވެ. އަދި އިސްރާއީލަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެމުންދާ އެމެރިކާގެ ބޮޑެތި ސިޓީތަކުގައިވެސް މުޒާހަރާތައްވަނީ ބާއްވައިފައެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި މުޒާހަރާތަކުގައި ޢާންމުންވަނީ ފަލަސްޠީނުގެ ދިދަ ވިހުރުވައި ފަލަސްޠީނު މިނިވަންކުރުމަށް ގޮވާލައިފައެވެ. ޙަމަލާ ބަދަލުކުރުން ހުއްޓާލިފަހުންވެސް އިސްރާއީލުގެ ލާއިންސާނީ ޢަމަލުތަކަށް ނިމުމެއް އައިސްފައިނުވުމުން އެކަމަށް ޙައްލެއް ހޯދުމަށް ޢާންމުން ދަނީ ގޮވައިލަމުންނެވެ. ވިލާތުގެ ބޮޑެތި ޤައުމުތައްކަމަށްވާ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގައިވެސް އެފަދަ އެއްވުންތައްވަނީ ބާއްވައިފައެވެ. އޭގެ އިތުރުން އޮސްޓުރޭލިޔާގެ އެތައް ހާސް ރައްޔިތުންވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް ދޮށަށް އެއްވެ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.