ކުޅިވަރު

އެޓްލެޓިކޯ މެޑްރިޑްއިން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފި


އެޓްލެޓިކޯ މެޑްރިޑުން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފިއެވެ. އެޓްލެޓިކޯ ލަލީގާ ކާމިޔާބުކުރީ ލީގުގެ ފަހުމެޗްގައި ރޭ ރެއާލް ވަޔަޑޮލިޑް އާއި ބައްދަލު ކުރިމެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗް ކާމިޔާބު ކުރުމާއެކު މިފަހަރު ލީގުގައި އެޓްލެޓިކޯއަށް ވަނީ 38 މެޗުން 86 ޕޮއިންޓް ލިބިފައެވެ. އެންމެ ގާތުން ވާދަކުރި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 38 މެޗުން ހޯދޭވަރު ވީ 84 ޕޮއިންޓެވެ. އެހެންކަމުން މިފަހަރުގެ ލަލީގާ އެޓްލެޓިކޯއަށް ކާމިޔާބުވީ 2 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ވަޔަޑޮލިޑްގެ ދަނޑުގައި ރޭ ކުޅުނު މިމެޗް އެޓްލެޓިކޯ ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

މިސީޒަންގެ ލަލީގާގެ ފަހު މެޗްތައް ކަމުން ރޭ ހުރިހާ މެޗެއް ކުޅެފައިވަނީ އެއްގަޑިއެއްގައެވެ. އަދި ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެޓްލެޓިކޯއަށް އޮތް އިރު ލީގު ދިފާއު ކުރުމުގެ ހަނި ފުރުސަތެއް ރެއާލްއަށްވެސް ރޭގެ މެޗަށް ނިކުންއިރު އޮތެވެ. އެހެންކަމުން ރޭގެ މެޗްތައް ކުޅެމުންދިޔައިރު ރެއަކީ މިދެ ކްލަބްގެ ސަޕޯޓަރުން ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ރެއެކެވެ. އެޓްލެޓިކޯ ރޭގެ މެޗުން މޮޅުވުމުން ލީގު ކާމިޔާބު ކުރެވެން އޮތް އިރު ރެއާލްއަށް ލީގު ދިފާއު ކުރެވެން އޮތީ ރެއާލް އެޓީމްގެ މެޗުން މޮޅުވެ އެޓްލެޓިކޯގެ މެޗުން އެޓީމް އެއްވަރުވެ ނުވަތަ ބަލިވުމުންނެވެ.

އެޓްލެޓިކޯ އާއި ވަޔަޑޮލިޑް ބައްދަލުކުރިމެޗްގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ ވަޔަޑޮލިޑުންނެވެ. މިލަނޑު މެޗްގެ 18 ވަނަ މިނެޓްގައި އޮސްކާ ޕްލާނޯ ކާމިޔާބު ކުރުމާއިއެކު އެޓްލެޓިކޯގެ ސަޕޯޓަރުންނަށް ހާސްކަން ލިބިގެންދިޔައެވެ. މިމެޗްގައި އެޓްލެޓިކޯގެ ފުރަތަމަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހައިދިނީ އެންގެލް ކޮރޭއާއެވެ. އަދި މިމެޗުން މޮޅުވެ އެޓްލެޓިކޯއަށް ލަލީގާ ކާމިޔާބުކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ މިސީޒަންގައި ބާސެލޯނާއިން ބޭނުން ނެތިގެން އެކްލަބުން ބޭރުކޮށްލި ތަޖްރިބާކާރު ފޯވަޑް ލުއިސް ސުވަރޭޒެވެ. މިލަނޑު ސުވަރޭޒް ކާމިޔާބުކޮށްދިނީ މެޗްގެ 67 ވަނަ މިނެޓްގައެވެ. މިއީ އޭނާ މިފަހަރު ލީގުގައި ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. މިއީ ވޭތިވެދިޔަ ހަތް އަހަރުގެ ތެރޭގައި ލަލީގާގެ ޗެމްޕިއަންކަން އެޓްލެޓިކޯއަށް ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އެޓީމުން ކާމިޔާބުކުރި 11 ވަނަ ލީގު ތަށްޓެވެ.

މެޗަށްފަހު ފެންކަޅިވެފައިވާ ސުވަރޭޒްވަނީ އެޓްލެޓިކޯއިން އޭނާއަށް އިތުބާރުކޮށް މިސީޒަންގައި އެޓީމަށް ކުޅުމުގެ ފުރުސަތު ދިނީތީ އެކްލަބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މިސީޒަނަކީ އޭނާ އާއި އޭނާގެ އާއިލާ ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ހިތްދަތިކަން އެންމެ ބޮޑަށް އިހްސާސްކުރި ސީޒަން ކަމަށާއި އޭނާއަށް މިކާމިޔާބީއާއެކު އަދިވެސް މިފެންވަރުގައި ކުޅެވޭނެކަން ސާބިތު ކޮށްދެވިއްޖެކަމަށެވެ. ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗް އެޓީމްވެސް ވަނީ ވިޔަރެއާލް އާއި ބައްދަލުކޮށް ފަހަތުން އަރާ 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްފައެވެ.