ކުޅިވަރު

ބަޔާން ލީގުގެ ފަހުމެޗް ކާމިޔާބީއަކުން ނިންމާލައިފި


ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކް ލީގުގެ ފަހުމެޗް ކާމިޔާބީއަކުން ނިންމާލައިފިއެވެ. ބަޔާން ފަހު މެޗް ކާމިޔާބުކުރީ އެފްސީ އައުސްބަރގްއާއި ބައްދަލުކޮށް 5 ލަނޑު 2 ލަނޑުންނެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބަޔާންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑަކީ އައުސްބަރގްގެ ޖެފްރީ ގޮއުވެލީއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗްގެ 23 ވަނަ މިނެޓްގައި ބަޔާންގެ ލީޑު ފުޅާކޮށްދިނީ ސަރޖީ ގްނެބްރީ ޖަހައިދިން ލަނޑަކުންނެވެ. އޭގެ ދިހަ މިނެޓްފަހުން ޖޯޝުއާ ކިމިޗް ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދިން އިރު 43 ވަނަ މިނެޓްގައި ކިންގްލީ ކޯމަންވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ރޭގެ މެޗްގައި އެންމެ ފާހަގަވެގެންދިޔައީ ބަޔާންގެ ފަހު ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރުމުންނެވެ. މިލަނޑާއެކު ލެވަންޑޯސްކީމިވަނީ ބުންޑަސްލީގާގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް މުގުރާލާފައެވެ. ރޭގެ މެޗްގައި އޭނާ ކާމިޔާބުކުރި ލަނޑަކީ މިފަހަރު ލީގުގައި ޖެހި 41 ވަނަ ލަނޑެވެ. ލެވަންޑޯސްކީ މި މުގުރާލީ 49 އަހަރު ވަންދެން ގަރޑް މުލަރ ދަމަހައްޓާމުންދިޔަ ރިކޯޑެކެވެ. ލެވަންޑޯސްކީވަނީ މިސީޒަންގައި ބަޔާންއަށް ކުޅުނު 46 މެޗްގައި 53 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗް ވެގެންދިޔައީ ލީގުގެ ފަހު މެޗްގެ އިތުރުން ބަޔާންގެ ކޯޗް ހަންސީ ފްލިކާއި ބައެއް ކުޅުންތެރިންވެސް ބަޔާންއަށް ކުޅެދިން ފަހު މެޗަށެވެ. މިގޮތުން ކޯޗް ހަންސީ ފްލިކް މިފަހަރުގެ ސީޒަން ނިމުމާއެކު ޓީމާއި ވަކިވާނެކަން ވަނީ ކުރިން އިޢުލާންކޮށްފައެވެ. 2019 ވަނަ އަހަރު ބަޔާންގެ ކޯޗްކަމާއި ހަވާލުވި ހާންސީ ފްލިކްގެ ކޯޗްކަމުގެ ދަށުން ބަޔާންވަނީ ލީގު ތަށި ދެފަހަރު ކާމިޔާބުކޮށް، ޖަރމަންކަޕާއި ޗެމްޕިއަންސް ލީގާއި ޔުއޭފާ ސުޕަރ ކަޕާއި ކްލަބް ވާރލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ރޭގެ މެޗް ވެގެންދިޔައީ ޑޭވިޑް އަލަބާ އާއި ހާވީ މާޓިނޭޒް އަދި ޖެރޮމީ ބޯޓެންގވެސް އެޓީމަށް ކުޅުނު ފަހު މެޗަށެވެ. މި ތިންކުޅުންތެރިންގެ އެގްރީމަންޓްވެސް މިސީޒަނާއެކު ހަމަވާނެއެވެ.

ރޭގެ މެޗަށްފަހު ބަޔާންއިންވަނީ ބުންޑަސްލީގާގެ ތަށި އުފުލާލާ އުފާފާޅުކޮށްފައެވެ. މިފަހަރުގެ ލީގު ބަޔާން ކާމިޔާބުކުރީ ކުޅުނު 34 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ގާތުން ވާދަކުރި އާރްބީ ލިޕްޒިގަށް ލިބުނީ 65 ޕޮއިންޓެވެ.