ޚަބަރު

ޓީޗަރ ބޭސްޑް އެސެސްމަންޓްގައި 74 ދަރިވަރުން ބައިވެރިވޭ


ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމަށްޓަކައި ދޭ ޓީޗަރ ބޭސްޑް އެސެސްމަންޓް 74 ދަރިވަރަކު ހަދަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޭޕްރީލް-މެއި ގައި ބާއްވަން ހަމަޖެއްސި އެޑެކްސަލް އޭލެވެލް އިމްތިހާންގެ ބައެއް ޕޭޕަރުތައް ލީކުވުމާ ގުޅިގެން އިމްތިޙާން ވަނީ ކެންސަލްކޮށްފައެވެ. މިއިމްތިޙާން ކެންސަލް ކުރިނަމަވެސް އޮކްޓޯބަރ-ނޮވެމްބަރުގެ އިމްތިހާނަށް މަޑުކުރަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ދީ އަވަހަށް އިމްތިހާން ހަދަން ބޭނުންވާ ކުދިންނަށް ޓީޗަރ ބޭސްޑް އެސެސްމަންޓެއް ދިނުމަށް ނިންމިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ ޓީޗަރ ބޭސްޑް އެސެސްމަންޓް 14 ސްކޫލަކުން 74 ދަރިވަރުން ހަދަމުން އަންނަކަމަށެވެ. އަދި ޖޫންމަހުގެ 8 ގެ ނިޔަަލަށް އެ އެސެސްމަންޓްތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާކީ ތިބި 2747 ދަރިވަރުން އޮކްޓޫބަރ ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނަށްވަނީ ބަދަލުކޮށްފައެވެ. އިޙްސާން ވިދާޅުވީ މި އިމްތިހާން ކުރިއަށްދާ ގޮތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި އެޑެކްސަލްއިންވެސް ވަރޗުއަލްކޮށް ބަލަމުން އަންނަކަމަށެވެ.

ދަރިވަރުންނަށް ދޭ ޓީޗަރ ބޭސްޑް އިމްތިހާނުގައި ދޭ ސުވާލު ކަރުދާސްތަކަކީ އެޑެކްސަލްގެ މިންގަނޑުތަކަށް ފެތޭ ސުވާލު ކަރުދާސްތަކެއްކަމަށާއި ދަރިވަރުންނަށް ލިބޭނީވެސް އެޑެކްސަލް ގްރޭޑް ސެޓްފިކެޓްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ ސުވާލު ކަރުދާހުން ދަރިވަރުންނަށް ލިބޭ މާކްސްއާއި މިހާރު ދަރިވަރުން ހަދާފައިވާ މޮކް އެގްޒާމްގެ މާކްސް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާގޮތަށް ހަމަޖައްސާފައިވެއެވެ. އަދި ދަރިވަރުންގެ މާކްސްތައް އަންނަމަހުގެ މެދުތެރޭގައި އެޑެކްސަލްއަށް ފޮނުވަން ޖެހެއެވެ.

މިއަހަރުގެ އޭލެވެލް އިމްތިހާނުގައި މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުން ހިމެނޭހެން 2821 ދަރިވަރުން ބައިވެރިވިއެވެ.