ވިޔަފާރި

މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 472 މިލިއަން ރުފިޔާ ހޯދައިފި


ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރި މަސައްކަތުން 472 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 472,137,639 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތުވެސް ކުއާޓަރލީ ރިޕޯޓުގައި ހިމަނާފައިވެއެވެ. އެގޮތުން ޑިއުޒް ކްލިއަރަންސްގ މެދުވެރިކޮށް 204 މިލިއަން ރުފިޔާ ރިމައިންޑަރ ކޯލްސް އަދި އީމެއިލްތައް ކޮށްގެން 90 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.

ފުރަތަމަ ކުއާޓަރގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 8314 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 2055 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 171 ފަރާތަކަށް ހަމަޖައްސާދީފައިވާކަމަށް މީރާގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ރިޕޯޓުގައިވެއެވެ.

މީރާއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލްވެސް ވަނީ ކުއާޓަލީ ރިޕޯޓުގައި ހިމަނާފައެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ، 1.9 ބިލިއަން ރުފިޔާއަށް ޖޫރިމަނާއަށް އަރާފައިވާ 2.8 ބިލިއަން ރުފިޔާއާއި އެކު ޖުމްލަ 4.7 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މިރިޕޯޓުގައިވެއެވެ.

އަދި ޓެކްސް ނޫން އާމްދަނީން ނުލިބި 3.4 ބިލިއަން ރުފިޔާ ހުރި އިރު، ޖޫރިމަނާގެ ފައިސާއަށް 12.7 ބިލިއަން އަރާފައިވެއެވެ. އަދި މިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 16.1 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށްވެސް މީރާއިންވަނީ ހާމަކޮށްފައެވެ.