ޚަބަރު

ރޮހިންޔާ މުސްލިމުން ދިރިއުޅޭ ފަސް ސަރަޙައްދެއް ފުރަބަންދުކޮށްފި


ބަންގުލަދޭޝްގެ ދެކުނުއިރުމަތީ ސަރަޙައްދުތަކުގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅޭ ފަސް ސަރަޙައްދެއްގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށުމުން އެ ސަރަޙައްދުތަކަށް ވަދެ ނުކުމެ ނޫޅެވޭގޮތަށް ފުރަބަންދުކޮށްފިއެވެ.

2017ވަނަ އަހަރު މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދޭން ފެށުމުން 1 މިލިޔަނަށްވުރެ ގިނަ މީހުން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވެއެވެ. ބަންގުލަދޭޝްގެ ވަކި ސަރަޙައްދުތަކެއްގައި އެ މީހުން ދިރިއުޅެނީ ތޮށްޖެހިގެން ވަރަށް ދަތި ޙާލުގައެވެ.

ރޮހިންޔާ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކުން އެންމެ ފުރަތަމަ ކޯވިޑް-19 ފެނިފައިވަނީ ބަންގްލަދޭޝުން ކޯވިޑް-19 ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ފެނުނުތާ ދެ މަސް ދުވަސް ފަހުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ 34 އާބާދީއަކުން 863 މީހުންނަށް ކޯވިޑް-19 ޖެހި 13 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ސަރަޙައްދުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މެއި މަހުގެ 19 އަދި 20ވަނަ ދުވަހުވެސް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ 85 މީހުންނަށް ބަލިޖެހިފައިވެއެވެ. އެއާއެކު ރޮހިންޔާ މުސްލިމުން ދިރިއުޅޭ ފަސް ސަރަޙައްދެއް ފުރަބަންދުކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުންވަނީ ނިންމައިފައެވެ.

ބަންގުލަދޭޝްގެ ރެފިއުޖީ ރިލީފް އެންޑް ރީޕެޓުރިއޭޝަން ކޮމިޝަނުން ބުނީ ހަފުތާއެއްގެ މުއްދަތަށް އެ ފަސް ސަރަޙައްދު ފުރަބަންދުކުރާނެކަމަށާއި ދެން ހުޅުވާނީ މެއި މަހުގެ 27ވަނަ ދުވަހުގެ ފަހުންކަމަށެވެ. އެ ސަރަޙައްދުގައި ހުންނަ ފިހާރަތައް ބަންދުކޮށް ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައްވަނީ މެދުކަނޑާލައިފައެވެ. އެ ސަރަޙައްދުތަކުގައި އުޅޭ މީހުން ގެއިން ބޭރަށް ނުނިކުންނާނެކަން ޔަޤީންކުރުމަށް ސަލާމަތީ ބާރުތަކުން ޙަރަކާތްތެރިވަމުންދާނެކަމަށް ބަންގުލަދޭޝުން ބުނެއެވެ.

ރޮހިންޔާ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ކޯވިޑް-19 ފެނުމުން ބަންގްލަދޭޝުންވަނީ އެ ސަރަޙައްދުތަކަށް ވަދެވޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުކޮށްފައެވެ. އެ ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރިއްޖެނަމަ ދަތި ޙާލުގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ ޙާލަތު އިތުރަށް ގޯސްވާނެކަމުގެ ބިރުވަނީ ހީވެފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އެ ސަރަޙައްދުތަކުގައި ބަލިފެތުރުން ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދީފައިވެއެވެ.

ބަންގްލަދޭޝްގައި މިހާތަނަށް 785،198 މީހުންނަށް ކޯވިޑް-19 ޖެހި 12،284 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގެ އާންމުންގެ މެދުގައި ބަލިފެތުރޭ މިންވަރުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެ ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. މެއި މަހުގެ 14ވަނަ ދުވަހު ފާހަރަކުރި ފިޠުރު ޢީދުގެ ކުރިން ބައެއް ފިހާރަތަކާއި ވިޔަފާރިތައް ހުޅުވައި ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމުގެ ޙުއްދައެއް އެ ޤައުމުގެ ސަރުކާރުންވަނީ ދީފައެވެ. ބަންގްލަދޭޝްގައި ޢާންމުންނަށް ކޯވިޑް-19ގެ ވެކްސިން ދެމުންދިޔަ ނަމަވެސް ރޮހިންޔާގެ މުސްލިމުންނަށް ވެކްސިން ދޭކަށް ނުފަށައެވެ.