ޚަބަރު

މާލޭ ސިޓީގެ މަގުތައް ދޮވެ ސާފުކުރަނީ


ކޯވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭ ސިޓީގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ސިޓީން ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތް އަލުން ފައްޓަވާދެއްވީ މާލޭގެ އައު މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ކުރަމުން އައި މަސައްކަތުގެ ދަށުން މާލޭގެ މަގުތައް ދޮވެ ޑިސްއިންޕެކްޓް ކުރުމުގެ މަސައްކަތް ކުރީގެ ސިޓީ ކައުންސިލުންވެސް ވަނީ ކޮށްފައެވެ. އެގޮތުން އޭރުގެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ މަގުތަކެއް ދޮވެ ސާފުކޮށްފައިވެއެވެ. އަދި ހުޅުމާލެއާއި ވިލިމާލޭގެވެސް ބޮޑެތި މަގުތައް ވަނީ ދޮވެ ސާފުކޮށްފައެވެ.

މިމަހުގެ 17 ވަނަދުވަހު ހުވާކުރި އައު ކައުންސިލުންވެސް އަލުން މިވަނީ މި މަސައްކަތް ފަށާފައެވެ. މި މަސައްކަތް ފައްޓާވާދެއްވުމަށްފަހު މޭޔަރ ޑރ. ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް އަލުން ސާފުކުރަން މި ފެށީ ހެލްތް މިނިސްޓްރީގެވެސް އެދިވަޑައިގަތުމުގެ މަތިންކަމަށެވެ.

މާލޭގެ މަގުތައް މިފަހަރު ސާފުކުރަން ފަށާފައިވަނީ މަސްމާރުކޭޓް ހުންނަ ސަރަހައްދުންނެވެ. މުއިއްޒު ވިދާޅުވީ މިފަހަރު މަގުތައް ދޮވުމުގައި ފުރަތަމަ ހާއްސަ އިސްކަމެއްދޭނީ އެންމެ ގިނަ މީހުން އެއްވެ އުޅޭ ސަރައްހަދުތައް ބަލައިގެންކަމަށެވެ. އަދި އެއަށްފަހު މާލޭގެ ހުރިހާ މަގެއްވެސް ދޮވެ ސާފުކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގެވެސް މަގުތައް ދޮވެ ސާފުކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތުގެ އިތުރުން މާފަންނު ބޮޑުގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. ބޮޑުގޭގައި ހުންނަ ވަގުތީ މިސްކިތްުގެ އުތުރުން އޮންނަ ސަރަހައްދުގައި ޕާކިން ޒޯނެއް ހަދަނީ ބޮޑުގޭގެ އުތުރު ފަރާތުގައި ހުރި ފާރު ތަޅައިލުމަށްފަހު ބޮޑުމަގުން އެތަނަށް ވަދެވޭ ގޮތަށެވެ. މޭޔަރު މުއިއްޒު ވިދާޅުވީ ބޮޑުގޭގައި ޕާކިން ޒޯންނެއް ހަދަނީ އެސަރަހައްދުގެ ރައްޔިތުންގެ އެދުމުގެ މަތިންކަމަށާއި މީ ސައިކަލަށް ހާއްސަކޮށްގެން ހަދާ ޒޯނެއްކަމަށެވެ.

މާލޭ ސިޓީގެ އައު ކައުންސިލުން ވަނީ އެ ކައުންސިލުން ކުރަން ނިންމާފައިވާ ކަންކަން ފާސްކޮށް އާއްމުކޮށްފައެވެ. އެގޮތުން މާލޭގެ މަގުތައް ސާފުމަގުތަކެއްގެ ގޮތުގައި ހެދުމުންގެ މަޝްރޫއެއް ކައުންސިލުންވަނީ ރާވާފައެވެ. މިދިޔަ މަހުގެ 10ވަނަދުވަހު ބޭއްވި އިންތިޚާބުން މިފަހަރުގެ މާލޭ ސިޓީގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ.