ވިޔަފާރި

ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް ރާއްޖޭގައި ހުޅުވައިފި


ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސް "ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް" ރިސޯޓް ހުޅުވައިފިއެވެ.

މިއީ ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓެވެ. މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓް ހުޅުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓްއިން ބުނީ އެ ރިސޯޓް ޑިޒައިންކޮށްފައި ވަނީ ބްރެޒިލްގެ މަޝްހޫރު ކުރެހުންތެރިއެއްކަމަށެވެ. ރިސޯޓްގައި 6 ވައްތަރެއްގެ ވިލާ ހުރެއެވެ. އޭގެތެރޭގައި ބީޗް ވިލާ، ސަންސެޓް ބީލް ވިލާ، އަދި ވޯޓަރ ވިލާތައް ހިމެނެއެވެ.

މި ރިސޯޓްގައި 90 ވިލާއާއި 20 ސްޓޫޑިއޯ ރޫމްއާއިއެކު މުޅި ޖުމްލަ 120 ކޮޓަރި ހުރެއެވެ. އަދި ރިސޯޓްގައި 3 ކޮޓަރީގެ ބީޗް ހައުސްއެއްވެސް ހުރެއެވެ.

ރިސޯޓްގައި 12 ރެސްޓޯރަންޓެއް ހުރެއެވެ. މީގެތެރޭގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓްތައް ހިމެނެއެވެ. އޭގެތެރޭގައި ގްރީކް މެޑިޓޭރިއަން، ސައުތު އެމެރިކާ، ޖަޕަނީޒް، ޕްރެންޗް، އަދި އަރަބި ކެއުންތައް ލިބޭ ރެސްޓޯރަންޓްތައް ހިމެނެއެވެ.

މި ރިސޯޓް ތަރައްޤީކުރިއިރު ފަރުމާކުރުމާއި އާޓްއަށް ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ. އެގޮތުން ދުނިޔޭގެ އެކި ސަހަރައްދުތަކުގެ އާޓިސްޓުންގެ އެކި ކުރެހުންތައް ރިސޯޓްގައި ވަނީ ބަހައްޓާފައެވެ.

މިމަހުގެ 18 ވަނަ ދުވަހު މި ރިސޯޓް ހުޅުވާފައިވާއިރު މިހާރުވެސް މި ރިސޯޓްގައި ފަތުރުވެރިން އެބަތިއްބެވެ. އަދި ގިނަ އަދަދެއްގެ ބުކިންތައްވެސް ލިބެމުންއަންނަކަމަށް ރިސޯޓުން ބުނެއެވެ.

ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސްއަކީ ކަޕެއްލޭ ހޮޓެއް ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެކެވެ. ކަޕެއްލާ ހޮޓެލް ގްރޫޕްގެ މަޝްހޫރު ހޮޓެލްތައް މުޅި ދުނިޔޭގައި ހުރިނަމަވެސް ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސްގެ ފުރަތަމަ ހޮޓެލް މި ހުޅުވީ ރާއްޖޭގައެވެ.

މިހާރު ތަރައްޤީކުރަމުން އަންނަ ރިސޯޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒުހިފާފައެވެ.