ޚަބަރު

ތަހުޤީޤުކުރުމަށޭ ކިޔަފާއި ހައްޔަރުކުރުމަކީ ޤާނޫނު ދަންނަކަމެއް ނޫން: ޝަމީމް


ހަމައެކަނި ޖިނާޢީ ތަހުޤީޤުކުރުމަށްކަމަށް ބުނެ ހައްޔަރުކުރުމަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަންނަކަމެއް ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްސަލަ ތަހުޤީޤްކުރަމުންދާއިރު، އޭނާ ހައްޔަރު ނުކުރަނީ ކީއްވެތޯ ބުނެ ގިނަ ބަޔަކު ސުވާލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޤާނޫނީގޮތުން އުފެދޭ ބަހުސްތަކުގައި، ދެކެވަޑައިގަންނަވާ ގޮތް އަމިއްލަފުޅު ބްލޮގްގައި އާއްމުކުރައްވަމުންގެންދަވާ، ޕްރެސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވަނީ ޖިނާއީ ތަހުޤީޤަށް މީހުން ބަންދުކުރުމުގެ އުސޫލު ކުރިން އޮންނަ ގޮތާއި މިހާރު އޮންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނުގެ ބްލޮގްގައި އާޓިކަލެއް ލިޔުއްވާފައެވެ.

ޝަމީމްގެ ލިޔުއްވުމުގައި ޖިނާއީ އަދުލުގެ ނިޒާމް މިހާރު ހިނގަމުންދާ ގޮތާއި، ކުރިން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލްކޮށްދެއްވިއެވެ. އަދި ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ގިނަ ކަންތައްތަކެއް ވަނީ ސާފުކޮށްދެއްވާފައެވެ.

"ޖިނާއީ ޢަދުލުގެ ނިޒާމައަކީ، މީހަކު ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެމީހަކާމެދު ފިޔަވަޅު އަޅާ ނިޒާމު. މިނިޒާމުގެ ތެރޭގައި ހިމެނެނީ، މީހަކު ކުށެއް ކުރާކަމަށް ތުހުމަތުވާ ވަގުތުން ފެށިގެން، އެމީހާގެ މައްޗަށް ތަޙްޤީޤު ހިންގާ، ދަޢުވާކޮށް، ޝަރީޢަތް ހިންގާ، ޝަރީޢަތުން ކުރާ ޙުކުމް ތަންފީޒުކުރުމާ ހަމައަށް ހިނގާ ހުރިހާކަމެއް" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުރީގެ ނޫ ގާނޫނުއަސާސީ އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ މުޠްލަޤު ބާރު ފުލުހުންނަށް ލިބޭކަމަށެވެ. އެއަށްފަހު، ތަޙްޤީޤުކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 3 މެމްބަރުންގެ ކޮމިޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް. (ޖުމްލަ 23 ދުވަހަށް) މުއްދަތު ޖަހާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"ކޮމިޓީން ދެއްވާ 23 ދުވަސް ނިމުމުން، ރައީސް ޢައްޔަންކުރާ ފަނޑިޔާރަށް ލިޔުންތައް ފޮނުވައިގެން، އިތުރު 30 ދުވަސް (ޖުމްލަ 53 ދުވަހަށް) ޖެހޭ. 30 ދުވަސް ހަމަވުމުން، “ވާނުވާ” (ޝަރީޢަތް ނިމެންދެން ބަންދު) ވެސް ޖެހޭ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ މައްސަލަ ބަލަން ޖިނާއީ ކޯޓެއް އޭރު ހުރިނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ޢައްޔަނު ކުރައްވަން އޭރުގެ ރައީސަށް ފެނިވަޑައިގަތީ ޢާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރެއްކަމަށެވެ. އެގޮތުން ޢާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރު އެކަން ކުރެއްވިއިރު، ބަންދު މީހާ ހާޒިރު ނުކުރާކަމަށާއި، ގެންނަވަނީ މައްސަލައިގެ ލިޔުންތައް އެކަނިކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ފުލުހުން މުއްދަތު އިތުރު ކުރަން ގެނައި އެއްވެސް މީހެއްގެ ބަންދަށް މުއްދަތު ޖަހައިދޭން އޭރު އެއްގޮތަކަށްވެސް ދެކޮޅު ހަދާފައިނުވާކަން އެމަނިކުފާނު ހެއްދެވި ދިރާސާއަކުން ދައްކާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"އޭރު ބަންދުގައި ތިބި މީހުން، އެދެފަނޑިޔާރުންގެ ނަމުގެ ކުރިއަށް ‘ތައްގަނޑު’ގެ ނަމުން ކިޔާކަމަށް މަޝްހޫރު ވެފައި އޮވޭ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުރިން އޮތްގޮތުން ތަޙްޤީޤަށް ބަންދުކުރާ މީހެއްގެ ބަންދާމެދު އެއްވެސް މަރްޙަލާއެއްގައި ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހިގެން ބަންދުގައި ހުރި މީހާއަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް އޭރު ނޯންނަކަމަށެވެ.

"އެނިންމުން އަލުން މުރާޖަޢާ ކޮށްދެއްވުން އެދިގެން ހުށަހަޅާނެ ތަނެއްވެސް، އިޖުރާއާތެއްވެސް އޭރަކު ނޯވޭ. އިސްތިއުނާފު ކުރެވޭނެ ގޮތެއްވެސް ނޯވޭ. ކުރުކޮށް ބުނާނަމަ، ފުލުހުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިނަމަ، އެމީހަކު އެކަމާބެހޭ ގޮތުން ދެކޭ އެއްޗެއް ބުނުމުގެ ފުރުޞަތެއް ނެތި، (“މިނިވަން މުސްތަޤިއްލު”) ފަނޑިޔާރަކާ ހަމައަށް އެމައްސަލަ ދާންވެސް 23 ދުވަސް ނަގާ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ޤާނޫނުއަސާސީއާއެކު ހައްޔަރުކުރުމާއިބެހޭ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ބަންދު ނުކުރެވޭނެގޮތަށް ޤާނޫނުއަސާސީގައި ލިޔުނުކަމަށާއި އަދި މީހަކު ހައްޔަރު ކުރުމާއެކު ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭގޮތަށް ޤާނޫނުގައި ލިޔުނުކަމަށް ޝަމީމް ވިދާޅުވިއެވެ.

"ހައްޔަރު ކުރާތާ 24 ގަޑިއިރު ނުވަނީސްވެސް، އެމީހާގެ ބަންދުގެ ކަންތައް ބަލައި ދިނުން އެދި ‘ހެބިއަސް ކޯޕަސް’ ރިޓަކަށް އެދުމުގެ ފުރުޞަތު އޮވޭ. ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި، ބަންދާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތު، ބަންދުގައި ހުރި މީހާއަށް ލިބެއެވެ. ބަންދާމެދު ފަނޑިޔާރު ނިންމާ ނިންމުން 3 މަރްޙަލާގައި އިސްތިއުނާފުވެސް ކުރެވޭ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ "ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި" 53 ދުވަހަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ ޢަދުލުގެ ނިޒާމު މިހާރު ހިޖުރަކޮށްފައިވާކަމަށެވެ. އަދި ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަޙުޤީޤުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް ޢާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަޙްޤީޤު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭކަމަށެވެ.

"އެއީ، ތަޙްޤީޤު ކުރަން ފަސޭހަވާނެ ކަމެއް. ނަމަވެސް، މިކަމުގެ ތާރީޚީ ޙަޤީޤަތްތައް ހުރި ގޮތުން، ޤާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ޙައްޤުތައް ޙިމާޔަތް ކުރެވޭ ގޮތަކަށް ޤާނޫނު ލިޔެފައި" ޝަމީމް ފާހަގަކުރައްވާފައިވެއެވެ.

ކައިޒީން

ތުހުމަތު ކުރެވޭ މީހުން ގެ ޙައްޤު އެކަނި ތަ؟ ކޮބާ ގެއްލުން ލިބޭ މީހުންގެ ހައްގުތައް. ކޮބާ ހައްޔަރުނުކޮށް ހުރުމުން ހެއްކަށް ނުފޫޒު ފޯރުވުން، ހެކިފޮރުވުން......