ވިޔަފާރި

"ހަލާލް ޓޫރިޒަމް" ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ޚާއްސަ ކެމްޕެއިނެއް


މުސްލިމް ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް "ހަލާލް ޓޫރިޒަމް" ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

ސައުތު އީސްޓް އޭޝިއާ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން ފެށި މި ކެންޕެއިން ކުރިއަށްގެންދަނީ "ހަލާލް ހޭވް ވިލް ޓްރެވެލް" އާއިއެކުއެވެ.

"ހަލާލް ޓޫރިޒަމް" ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން މި ކެމްޕެއިން ފަށާފައިވަނީ އިއްޔެއެވެ. މި ކެންޕެއިންގެ ތެރެއިން "ހަލާލް ހޭވް ވިލް ޓްރެވެލް" އާއިއެކު 2 ބަހަކުން ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އެއީ އިނގިރޭސިބަހާއި، އިންޑޮނޭޝިއާ ބަހުންނެވެ. ކެންޕެއިންގެ ތެރެއިން މުސްލިމް ފަތުރުވެރިންނަށް ރާއްޖެއިން ލިބެންހުރި ކަންކަން ބުނެދޭނެއެވެ. އޭގެތެރޭގައި ރާއްޖެއިން ލިބެންހުރި ހަލާލް ކާނާއާއި، ޚިދުމަތްތަކުގެ ވާހަކަ ހިމެނެއެވެ.

ކެމްޕެއިންގެ ތެރެއިން ރާއްޖެއަކީ ކޯވިޑް19ގެ މިދަނޑިވަޅުގައިވެސް ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްކަން ބުނެދޭނެއެވެ. މީގެއިތުރުން އާއިލާއާއިއެކު އަދި ވަކިންވެސް ރާއްޖެއަށް އަންނަން ބޭނުންވާ މީހުންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ.

ކެންޕެއިންގެ ތެރެއިން "ހަލާލް ހޭވް ވިލް ޓްރެވެލް" ވެބްސައިޓާއި، ސޯސަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގެ ރީތި މަންޒަރުތަކާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހުރި ގިނަ ފުރުސަތުތައް ބުނެދޭނެއެވެ.

"ހަލާލް ހޭވް ވިލް ޓްރެވެލް"އަކީ އޭޝިއާ ސަރަހައްދުގެ މުސްލިމް ފަތުރުވެރިންގެ މެދުގައި މަޤްބޫލު ޕްލެޓްފޯމެކެވެ. މީގެތެރޭގައި މެލޭޝިއާ އަދި ސިންގަޕޫރު ފަތުރުވެރިން ހިމެނެއެވެ. މަހެއްގެ މައްޗަށް 9.4 މިލިއަން މީހުން "ހަލާލް ހޭވް ވިލް ޓްރެވެލް" ބޭނުންކުރެއެވެ.

ހަލާލް ޓޫރިޒަމް ރާއްޖޭގައި ޕްރޮމޯޓްކުރުމަށް ދުބާއީގައި މިމަހު ކުރިއަށްދިޔަ އޭޓީއެމް ފެއަރގެ ތެރެއިން ވަނީ މޯލްޑިވްސް ހަލާލް ޓްރެވަލް ޕްލެޓްފޯމްއެއްވެސް ލޯންޗުކޮށްފައެވެ. އޭޓީއެމް ފެއަރގެ ތެރެއިން މި ފްލެޓްފޯމް ލޯންޗްކޮށްދެއްވީ މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. މި ޕްލެޓްފޯމްއަކީ މޯލްޑިވްސް ހަލާލް ޓްރެވަލް މާޓުން ލޯންޗްކޮށްފައިވާ ޕްލެޓްފޯމެކެވެ.