ކުޅިވަރު

8 ރަށެއްގައި ސާފް ޝެކް އަޅަން ކައުންސިލަށް


8 ރަށެއްގައި ސާފް ޝެކް އެޅުމަށް އެރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓުން ވިދާޅުވެއްޖެއެވެ. މި ސާފް ޝެކްތައް އެޅުމަށް ހަމަޖެހިފައިވަނީ ނ. ޅޮހި، ރ. ރަސްމާދޫ، ކ. ތުލުސްދޫއާއި އެ އަތޮޅު ހިންމަފުށި، ލ.އަތޮޅު މާބައިދޫ، ގދ. ގައްދޫ އާއި ވާދޫގެ އިތުރުން ފުވައްމުލަކު ސީޓީގައެވެ.

މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ މި ރަށްރަށުގައި ސާފް ޝެކްތައް އަޅަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މޫދު ކުޅިވަރު ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންކަމަށެވެ. އަދި އަލަށް ސާފް ޝެކްތައް އަޅާ ރަށްރަށުގައި އެ ޝެކްތައް އެޅުމަށްފަހު ސާފިން އަދި ބޯޑިންނަށް ބޭނުންވާ ސާމާނުވެސް އެރަށްރަށް މިނިސްޓްރީން ފޯރުކޮށްދޭނެކަމަށެވެ. އަދި މިރަށްތަކުގައި މޯލްޑިވްސް ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީ ބޯޑިން އެސޯއޭޝަން ގުޅިގެން ތަމްރީން ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަން ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ،

އަލަށް އަޅާ މި ސާފް ޝެކްތަކުގައި ސާފިން އަދި ބޮޑި ބޯޑިން އަޅާ ކުދިން މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. އަދި އެކުދިން ގެންގުޅޭ ސާފް ބޯޑްތަކާއި ބޫގީ ބޯޑްތައް ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމުތައްވެސް ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ސާފް ޝެކް އަޅަން މިހާރު ނިންމާފައިވާ ރަށްތަކުގެ އިތުރުން މ. މުއްޔާއި ދ. ކުޑަހުވަދޫއާއި މާލެ އަތޮޅު ގުރައިދޫއަކީވެސް މި އަހަރު ސާފް ޝެކް އަޅަން ލިސްޓްކުރި ރަށްތައްކަމަށެވެ. އެހެންނަމަވެސް ކޯވިޑާއި ގުޅިގެން ބަޖެޓަށް ގެންވުނު ބައެއް ބަދަލުތަކާއި އެކު މި ރަށްރަށުގެ މަސައްކަތްތައް އަންނަ އަހަރަށް ބަޖެޓް ކުރުމަށް ނިންމާފައިވާކަމަށެވެ.

ސާފިންނާއި ބޮޑީ ބޯޑިންއަކީ މިހާރު ރާއްޖޭގައި ވަރަށް ގިނަ ރަށްރަށުގެ ޒުވާނުން ކުޅެމުންދާ ކުޅިވަރެކެވެ. ބައެއް ޒުވާނުން މަޖަލަކަށް ސާފު ކުރަމުން އަންނައިރު ޕްރޮފެޝަލް މުބާރާތްތަކުގައި ބައިވެރިވަމުން އަންނަ ޒުވާނުންވެސް އަންނަނީ ގިނަވަމުންނެވެ. އަދި ބައެއް މުބާރާތްތަކުން ދިވެހި ސާފަރުން އަންނަނީ ރަނގަޅު ވަނަތައްވެސް ހޯދަމުންނެވެ.