ޚަބަރު

ކޯވިޑް-19 : އިތުރު 1،603 މީހުން ޕޮޒިޓިވްވެ، ބަލި މީހުންގެ ޢަދަދު 21،000އިން މައްޗަށް


ރާއްޖެއިން އިތުރު 1،603 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، މިވަގުތު ފަރުވާހޯދަމުންދާ މީހުންގެ ޢަދަދު 21،000އިން މައްޗަށް އަރައިފިއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ފަހުން ޕޮޒިޓިވްވި 1،603 މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 1،025 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވީ 571 މިހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 7 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ ޢަދަދު މިވަނީ 52،405އަށް އަރާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 21،079 އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 286 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 794 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 31،197 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،320 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 120 މީހުންވަނީ ނިޔާވެފައެވެ.