ޚަބަރު

ރާއްޖޭގެ ސްޕޯޓް ފިޝިން އިންޑަސްޓްރީވެސް ފަލަސްތީނާއެކު


އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ކުށްވެރިކޮށް ދުނިޔޭގެ އެތައްޤައުމެއްގެ މުސްލިމުން އަންނަނީ އަޑުއުފުލަމުންނެވެ. ނިމިދިޔަ ރަމަޟާންމަހުންފެށިގެން އިސްރައީލުގެ އަނިޔާވެރި ހަމަލާތައް އިތުރުވެފައި ވާތީ، ދިވެހި ސަރުކާރާއި ރައްޔިތުންވެސް އަންނަނީ ފަލަސްޓީނުގެ ޙައްޤުގައި ޤައުމުގެ އެތެރޭގައާއި ބައިނަލް އަޤުވާމީ މަސްރަޙުގައި އަޑުއުފުލަމުންނެވެ.

ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ޙަރަކާތްތަކުގެތެރެއިން ރާއްޖޭގެ ސްޕޯޓް ފިޝިންގެ ދާއިރާގެ މަސްވެރިން ކުރިއަށްގެންދިޔަ ޙަރަކާތް ފާހަގަކޮށްލެވެއެވެ. އިސްރާއީލުގެ ޙަމަލާތަކާ ދެކޮޅަށް ކަނޑުމަތީގައި މިވަނީ އަޑު އުފުލާފައެވެ. މިއީ ސްޕޯޓް ފިޝިންގެ ދާއިރާގެ މަސްވެރިން މިފަދަކަމެއްގައި އަޑު އުފުލި ފުރަތަމަ ފަހަރެވެ.

މިއަދު ކުރިއަށްގެންދިޔަ މިހަރަކާތް އިންތިޒާމުކޮށްފައިވަނީ ދަ ހޫކް މޯލްޑިވްސްއާއި އައިލެންޑް އެޕޭރަލްއާއި ރާއްޖޭގައި ސްޕޯޓްސް ފިޝިން ދާއިރާގައި މަސައްކަތް ކުރާ އެންމެން ގުޅިގެންނެވެ.

މި ހަރަކާތުގެ ބައިވެރިންވަނީ ފަލަސްޠީންގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލު ކުށްވެރިކޮށް ޝުޢޫރުފާޅުކޮށް އަޑު އުފުލާފައެވެ. ކަނޑުމަތީގައި މާލެ ވަށައި ކުރިއަށްގެންދިޔަ މިހަރަކާތުގައި ބައިވެރިވާން ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ބޭނުންވިއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި މިވަގުތު އޮތް ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މިހަރަކާތް ކުރިއަށްގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާ އެއްގޮތަށެވެ. އެހެންކަމުން ބައިވެރިވާން ބޭނުންވި އެންމެންނަށް އެފުރުސަތެއް ނުލިބުނެވެ.

ރާއްޖޭގައި ސްޕޯޓް ފިޝިންގެ މަސްވެރިންގެ ފަރާތުން ފަލަސްޠީންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީ ހޯދުމުގެ ޙަރަކާތެއް ރާވަމުން އަނަނަ ކަމަށްވެސް މިހަރަކާތް އިންތިޒާމުކުރި ފަރާތްތަކުންވަނީ ބުނެފައެވެ. އަދި މިކަން ނަމޫނާއަކަށް ބަލައިގެން އެހެން ދާއިރާތަކުންވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އެފަރާތުގެ ވަރަށްބޮޑު އެދުމެއްކަމަށް އެމީހުން ބުނެޏެވެ.

"ވަރަށް ކުރުމުއްދަތެއްގައި ރޭވިގެން ދިޔަ ޙަރަކާތެއްމީ އެކަމު ވަރަށް ބޮޑު ތަރުޙީބެއް މިކަމަށް ލިބުނު ސްޕޯޓްސް ފިޝިން މަސްވެރިކަން ކުރާ މީހުންގެ ފަރާތުން. އަދި އެބަރާވަން މުޅި ރާއްޖެއަށް ހުޅުވާލައިގެން ޙާއްސަ ފަންޑް ރައިސިން އިވެންޓެއްވެސް އެއީ ފަލަސްޠީނު މީހުންނަށް ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި. މިކަމުގައި ރާއްޖޭގެ ހުރިހާ މަސްވެރިންވެސް ބައިވެރިވުމަށްވަރަށްބޮޑަށް އެދެން." މިހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެޏެވެ.

އިސްރާއީލުން ފަލަސްޠީނު ރައްޔިތުންގެ ހައްގުތަަކަށް އަރައިގަނެ ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާއި އެނޫންމީހުންވެސް އަނަނީ އަޑު އުފުލަމުންނެވެ.

މިދިޔަ ރަމަޟާންމަހުން ފެށިގެން އިސްރާއީލުން ދެމުންދިޔަ ލާއިންސާނީ ޙަމަލާތަކުގެ ރައްދުގައި ޣައްޒާގައި މިނިވަންކަމަށްޓަކައި ޖިހާދުކުރާ ޙަމާސްޖަމާޢަތުން އައީ ރައްދުގައި ރިކެޓު ޙަމަލާ ދެމުންނެވެ. މިހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ޙަމާސް ޖަމާޢަތާއެކު ވަނީ އެއްބަސްވެފައެވެ. މިއެއްބަސްވުން ދަމެހެއްޓުމަށް އދ.އިންވެސް ވަނީ މިހާރު ގޮވާލާފައެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 240އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.