ވިޔަފާރި

ރިސޯޓް ތަރައްޤީކުރަން ބީލަމަށް ހުޅުވާލި ތަންތަނުގެ ލީޒް އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފި


ފަތުރުވެރިކަން ތަރައްޤީކުރަން ބީލަމަށް ހުޅުވާލި ބިންބިމާއި ރަށްރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓް ޓޫރިޒަމް މިނިސްޓްރީން ކުޑަކޮށްފިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބަދަލުގެނެސްފައެވެ. މިނިސްޓްރީން ވިދާޅުވީ އަގަށް ބަދަލު ގެނެސްފައިވަނީ މިވަގުތު ދުނިޔޭގެ އިންވެސްޓްކުރުމުގެ މާހައުލަށް ރިއާޔަތްކޮށްކަމަށެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރަން ދޫކުރާ ހުރިހާ ރަށަކާއި ބިމަކުންވެސް އެކިއުޒިޝަން ކޮސްޓް 30 އިންސައްތަ ކުޑަކޮށްދީފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ގެނައި ބަދަލާއިއެކު ލީޒް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު:
ހއ. ވެލިފިނޮޅު – 420000
ހއ. އަލިދުއްފަރުފިނޮޅި – 350000
ހދ. ކުޑަފަރުފަސްގަނޑު – 210000
މ. ސީދީހުރާ – 875000
މ. މާއުސްފުށި – 1،575000
ތ. ކާއްޑޫ – 700000
ތ. ކަނިމީދޫ (އުތުރުފަރާތުން 10 ހެކްޓަރު) – 1،050000
ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު – 700000
ލ. ކަށިދޫ – 700000
ލ. ބޮޑުމުންޏަފުށި – 700000
ލ. ދޮންބެރަހާ އަދި ހޮޅުރަހާ – 525000
ގއ. މާރެހާ – 1،400000
ގއ. ފުނަދޫވިލިގިއްޔާ – 700000
ގދ. ކަނޑަހަލަގަލަ – 875000
ގދ. ކަނޑެވާރެހާ އަދި ދިގުރެހާ – 700000
ގދ. ފެރޭތަވިލިގިއްލާ، ދެކާނބާ،ކޮޑެރަޓާ އަދި ކޯޑިނޭޓްސް ގައިވާ ރަށް – 700000

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ލީޒް އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފައިވަނީ މިދުވަސްކޮޅު އިންވެސްޓްކުރަން އިންވެސްޓަރުންނަށް ބޮޑެތި ދަތިތަކެއް ހުރުމުންކަމަށެވެ. މިތަންތަނަށް ބީލަން ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ ޖޫންމަހުގެ 10 ވަނަ ދުވަހެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ.

ރިސޯޓު ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައެޅިއިރު، 23 ރަށެއް 16 ފަރާތަކަށް ދިނުމަށް ހުޅުވާލާފައެވެ. މިފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް ލިބޭނީ އެކަކަށެވެ. އެގޮތުން ގދ. އަތޮޅުން އެއް ފަޅެއްގައި ކައިރި ކައިރީ އޮތް 4 ރަށެއްވެސް ރިސޯޓް ތަރައްޤީކުރުމަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.