ކުޅިވަރު

އެފްއާރުއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުން ތެރިޔަކަށް ރުބެން ޑިއޭޒް


ފުޓްބޯލް ރައިޓަރސް އެސީސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމަށް މެންޗެސްޓަރ ސިޓީގެ ރުބެން ޑިއޭޒް ހޮވިއްޖެއެވެ. އުމުރުން 24 އަހަރުގެ ޑިއޭޒް ސިޓީއާއި ގުޅުނީ މިސީޒަންގައި ބެންފީކާއިން 55 މިލިއަން ޕައުންޑަށެވެ.

މިސީޒަންގައި ޑިއޭޒް ސިޓީއަށް ގުޅުނު ފަހުން އެޓީމްގެ ޑިފެންސް ވަނީ ވަރަށް ބޮޑުށް ރަނގަޅުވެފައއވެ. އަދި މިސީޒަންގައި ސިޓީއިން ހޯދަމުންދާ ހުރިހާ ކާމިޔާބީއެއްގައި ޑިއޭޒްގެ ދައުރު ވަރަށް ބޮޑެވެ. މިގޮތުން މިސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގާއި ކަރަބާއޮ ކަޕް ކާމިޔާބު ކޮށްފައިވާއިރު ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެޓީމު ވަނީ ފުރަތަމަ ފަހަރަށް ޖާގަހޯދާފައެވެ. މި މަގާމަށް ހޮވުމާއި ގުޅިގެން ވާހަކަ ދައްކަމުން ޑިއޭޒްވަނީ މިކާމިޔާބީގައި އޭނާގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މިސީޒަންގައި ލިބިގެންދިޔަ ފުރިހަމަ އެއްބާރު ލުމަށާއި ޓީމުން ދެއްކި މޮޅު ކުޅުން ފާހަގަކޮށްފައެވެ. އަދި އޭނާއަށް މި އިނާމް ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސިޓީން ހޯދި ކާމިޔާބީތައް ކަމަށެވެ. އަދި މިއިނާމު ލިބުމުން ދައްކައިދެނީ ސިޓީގެ ކުޅުންތެރިންގެ މެދުގައި އޮތް ޓީމު ވަރކް ކަމަށެވެ.

އެފްޑަބްލިޔުއޭއިން ބުނީ މި އިނާމަށް ވާދަ ކުރި ކުޅުންތެރިންގެ ތެރެއިން ޑިއޭޒްއަށް މި އިނާމް ލިބުނީ ދެން ވާދަކުރި ދެ ކުޅުންތެރިންނާއި އަޅާބަލާއިރު ވަރަށް ފަސޭހަ ކަމާއެކު ކުރި ހޯދައިގެންނެވެ. މިގޮތުން ދެވަނަ ޓޮޓްނަމް ހޮޓްސްޕަރގެ ހެރީ ކޭން އަށް ލިބނުއިރު ތިންވަނައަށް ދިޔައީ ސިޓީގެ ކެވިން ޑިބްރުއިނަރއެވެ. ޑިއޭޒް ވެފައިވަނީ ޕްރިމިއަރ ލީގުގައި ކުޅެންފެށި ފުރަތަމަ ސީޒަންގައި ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަންގެ އިނާމް ހޯދި ތިންވަނަ ކުޅުންތެރިޔާއަށެވެ. އަދި ވޭތުވެދިޔަ 32 އަހަރުގެ ތެރޭގައި މިމަގާމް ހޯދި ފުރަތަމަ ޑިފެންޑަރެވެ. އަންހެނުންގެ ބައިން މިއިނާމް ލިބުނީ ޗެލްސީ ވިމެންގެ ފޯވަޑް ފްރޭން ކަރބީއަށެވެ.