ކުޅިވަރު

އީސްޓަރން ކޮންފަރެންސްގެ ޕްލޭ އޮފްގެ 8 ވަނަ ވިޒަޑްސް ކަށަވަރުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަރން ކޮންފަރެންސްގެ ޕްލޭ އޮފްގެ އަށްވަނަ ޖާގަ ވޮޝިންގޓަން ވިޒަޑްސް ކަށަވަރުކޮށްފިއެވެ. ވިޒަޑްސް އަށްވަނަ މަގާމް ކަށަވަރުކުރީ މިއަދު ހެނދުނު ކުޅުނު އީސްޓަރން ކޮންފަރެންސްގެ ޕްލޭ އިން ތިންވަނަ މެޗްގައި އިންޑިއާނާ ޕޭސަރސްއާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް ވިޒަޑްސް ކާމިޔާބުކުރީ 142 ޕޮއިންޓް 115 ޕޮއިންޓުންނެވެ. މިމެޗްގައި ވިޒަޑްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 25 ޕޮއިންޓް ހޯދައިދިން ބްރެޑްލީ ބީލްއެވެ. އަދި ރަސެލް ވެށްޓްވުޑްވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 15 އެސިސްޓް ކޮށްފައެވެ. އަދި ޕޭސަރސްގެ ޑޮމާންޓިސް ސޮބަނިސްވަނީ މިމެޗްގައި 19 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ.

މިކާމިޔާބީއާއެކު އީސްޓަރސް ކޮންފަރެންސްގެ ޕްލޭ އޮފްގައި ވިޒަޑްސް ބައްދަލުކުރާނީ އެކޮންފަރެންސްގެ އެއްވަނަ ޓީމް ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއާއެވެ. މިއާއެކު އީސްޓަރން ކޮންފަރެންސްއިން ޕްލޭ އޮފްގައި ވާދަކުރާ އަށް ޓީމްވެސް މިވަނީ ޔަގީންވެފައެވެ. އަދި ވެސްޓަރން ކޮންފަރެންސްގެ ޕްލޭ އޮފްގެ ފަހު ޖާގަ ކަށަވަރު ވާނީ ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރާ ޕްލޭ އިންގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކާއެކުގައެވެ.