މުނިފޫހިފިލުވުން

ވާހަކަ : ގެއްލުނު އިތުބާރު


އަހަރެމެން އިންސާނުންގެ ހަޔާތަކީ ނިވި ދިއްލޭ ބޮކިފައްޗެއް ކަހަލަ އެއްޗެކެވެ. އެކި ފަހަރު އެކި ކުލައިން ދިއްލެމުން ނިވެމުންދެއެވެ. އުފާވެރި ދުވަސްތަކާއި، ހިތްދަތިކަމާއި ބިރުވެރިކަމުން އަނދިރިވެފައިވާ ދުވަސްތައް ވެސް ހަޔާތަށް އައިސް ގޮސްފައި ވެއެވެ. ފެނުނު ބައެއް ހުވަފެންތަކުގައި ކުލަޖެހުނެވެ. އަނެއްބައި ހުވަފެންތަކުގައި ކުލަ ނުޖެހެއެވެ. ގިނަ މީހުންގެ ހަޔާތަކީ އެކަހަލަ އެއްޗެކެވެ. އަހަރެންނަކީ އުމުރުން އެންމެ 30 އަހަރުގައި އެކަނިވެރި ހަޔާތެއްގެ ދުވަސްތައް ގުނުމަށް މަޖުބޫރު ވެފައިވާ މީހަކީމެވެ. ހަޔާތުގެ ދަތުރުގައި ކުރިމަތިވި ވޭންދެނިވި އެތައް ކަންތައްތަކެއްގެ ސަބަބުން, ހިތުގައި އުފެދުނު ޒަޚަމްތަކަށް ފަރުވާކުރަން ޖެހިފައިވާ ބަލި މީހަކީމެވެ. އެކަނި އިނދެ، އަހަރެންގެ ހަޔާތާ މެދު ވިސްނީމެވެ. ކުރިމަތިވި ހިތި ދުވަސްތަކާއި، ނުލިބުނު އުފާތަކާއި، ގެއްލުނު އިތުބާރު ހަނދާންކުރީމެވެ.

އަހަރެންގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރަށް ބަލަހައްޓައިގެން 8 އަހަރަށްދާ އަހަރެންގެ ދަރިފުޅު އަމީރާ ހުއްޓެެވެ. އަހަރެން ވިސްނަމުންދިޔަ ކަންތައް އޭނާއަށް ފަހުމްވީ ކަންނޭގެއެވެ. އަމީރާއަކީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ ފުރާނައެވެ. އަހަރެންގެ މާޒީ އާކޮށްދޭ ތަސްވީރެވެ. އަހަރެން ހިތިގޮތަކަށް ހިނިތުންވެލީމެވެ. އަހަރެންނަށް މިހެން އުޅެންޖެހުނީ އަހަރެންނަށް ކުޑައިރު ލިބުނު ޖިންސީ އަނިޔާތަކުގެ ސަބަބުންނެވެ. ފިރިހެނުންނަށް އިތުބާރު ކުރަން ޖެހިލުންވުމުގެ ސަބަބުންނެވެ. ދަރިފުޅުގެ ކުށެއްނެތެވެ. ކުށްވެރިއަކު ހުންނަންޖެހޭނަމަ, ކުށްވެރިއަކީ އަހަރެންނެވެ.
ދަރިފުޅު ކައިރިޔަށް ގެނެސް ދަރިފުޅުގެ ގައިގައި ބައްދާލީމެވެ. ދަރިފުޅަށް ތާއަބަދު ހިމާޔަތްދޭން ބެނުންވާފަދަ ގޮތަކަށެވެ. އެއްވެސް އިންސާނެއްގެ އަނިޔާގެ ޝިކާރައަކަށް މިދަރިފުޅު ވިޔަނުދިނުމަށް ހިތުން ވަޢުދު ވަމުންނެވެ. އެކަމުގެ އަގަކީ އަހަރެންގެ ފުރާނަ ކަމުގައިވިޔަސް މެއެވެ. ބޭއިޚުތިޔާރުގައި މާޒީގެ ތެރެއަށް އަހަރެންނަށް ފީނައިގަނެވުނެވެ.

އޭރު އަހަރެންގެ އުމުރުން އެންމެ 4 އަހަރެވެ. އަހަރެން ހަނދާން ހުންނަށް ފެށީއްސުރެ ގޭތެރޭގައި މަންމައާއި ދޮން ބައްޕަ ޒުވާބު ނުކުރާ ދުވަހެއް ނުދެއެވެ. އެކަމުގެ ސަބަބެއް އެއިރަކު އަހަރެންނަކަށް ފަހުމްވާވަރެއް ނުވެއެވެ. ދޮން ބައްޕަ އަހަރެންގެ ގައިގައި އަތްނުލާންވާ ތަންތަނުގައި އަތްލާތީ މަންމަ އެކަމާ ހިތްހަމަނުޖެހި އެވާހަކަ ދައްކައެވެ. ގިނަ ރޭރޭ އަހަރެންނަށް ހޭލެވޭނީ ދޮން ބައްޕަ އަހަރެންގެ ގައިގެ އެތައް މިތަނުގައި އަތްލާ، ފިއްތާ ހަދަނިކޮށެވެ. އަހަރެން ބިރުން ރޯންފެށުމުން މަންމަ އައިސް ދޮން ބައްޕައާއި އަރާރުންވެއެވެ. މިއީ ހަނދާން ހުންނަން ފެށީއްސުރެ އަހަރެންގެ ދުވަސްތައް ހޭދަކުރަން ޖެހުނު ބިރުވެރި ގޮތެވެ. އަހަރެން ބޮޑުވަމުން އައި ވަރަކަށް ދޮން ބައްޕަގެ ގޯނާތައް އިތުރުވަމުން ދިޔައެވެ.

ބައްޕައޭ ކިޔުންވެސް މަނާކުރިއެވެ. އަހަރެންނަކީ ރަށްމެދު ކުއްޖެއްކަމަށާއި، ބަޕައެއް ނެތް މުޑުދާރު ކުއްޖެއްކަމުގައި ދޮން ބައްޕަ ބުނެއެވެ. މަންމަ ގާތު އެޝަކުވާ ކުރުމުން މަންމައަށް ކުރެވޭހާވެސް ކަމަކީ ގިސްލާފައި ރުއިމެވެ. އަހަރެންގެ ޅަ ސިކުނޑިއަށް ނުވިސްނޭނެތީ މަންމަ އެވާހަކަ އެއިރަކު ނުދައްކައެވެ. ކެތްތެރިވުމަށް ނަސޭހަތްދިނުން ފިޔަވައި މަންމަ އިތުރު އެއްޗެއް ނުބުނެއެވެ. އަހަރެންގެ ހަނގަށްތިބި ދެ ކޮއްކޮއަށްޓަކައި ބަސްއަހައިގެން އުޅުމަށް މަންމަ ނަސޭހަތްތެރިވެއެވެ. މަންމައަށް މިވަގުތު އިތުރުގޮތެއް ނެތްކަމަށާއި، މަންމައަށްޓަކާ ކެތްތެރިވުމަށް ކެނޑިނޭޅި އެދެމުންދިޔައެވެ.

އަހަރެންގެ އުމުރުން 10 އަހަރު ފުރުނު އިރު ދޮން ބައްޕަގެ ގޯނާއެއް ނުލިބޭ އެންމެ ދުވަހެއްވެސް ނުދެއެވެ. ރޭގަނޑު ނިދަން ބިރުގަންނަން ފެށިއެވެ. އެނދުގައި ނިދަން ބިރުން ތަންދޮށުގައި ނިދަންވެސް އާދަކުރަންޖެހުނެވެ. އެކަން ދޮން ބައްޕައަށް އެނގުމުން ތަންދޮށުން ދަމާ ކޫއްތާ ނެރެ އަހަރެން ގައިގަ ތަޅާ, އަނިޔާ ކުރެއެވެ. އަދި ދޮން ބައްޕަ ބޭނުންވާ ކަންކަން ކުރުވަން މަޖުބޫރުކުރުވައެވެ. އަހަރެން ރޯން ފެށުމުން އަނގައިގައިހިފާ އިތުރަށް އަނިޔާކުރެއެވެ. އެ އަޑުއިވިގެން މަންމަ އައިނަމަ, މަންމައަށްވެސް އެވަރަށް އަނިޔާކުރެއެވެ. މަންމަގެ ގައިގަ ޒަޚަމެއް ނެތްދުވަހެއް އަހަރެން ނުދެކެމެވެ. އަހަރެންގެ ގައިގައި ހުންނަ ޒަޚަމްތަކުގައި ބޭސްއަޅައިދީ، އަހަރެންގެ ގައިގައި ފިރުމާ، މަންމަ ރޮއެ ހަދައެވެ. މަންމައަށް އަޅާލާނެ އިތުރު މީހަކު ނެތުމުން މަންމަ އުޅެންޖެހުނު ނިކަމެތި ހާލު އަބަދުވެސް އަހަރެންނަށް ކިޔައިދެއެވެ. މަންމައަށްޓަކައި އަހަރެންނަށް ޖެހުނީ ކެތްތެރިވާށެވެ. އިތުރުގޮތެއް ދައްކަވާތޯ ދުޢާކުރަމުންނެވެ.

އާދައިގެމަތިން އަހަރެންނަށް ގޯނާކުރި ރެއެއްގައި މަންމައާއި ދޮން ބައްޕަ ކުރި ޒުވާބެއްގައި އަހަރެންގެ ހަގީގަތްވެސް އެންމެފަހުން އަހަރެންނަށް އެނގުނެވެ. އަހަރެންނަކީ މަންމަ ރޭޕްކުރި ގުރޫޕެއްގެ މީހެއްގެ ނިޝާނެކެވެ. ކާކުގެ ދަރިއެއްކަން ކަށަވަރުނުވާ ކުއްޖެކެވެ. މަންމަ ބަލިވެ އިންކަން އެނގުމުން މަންމަގެ ގާތްތިމާގެ މީހުން މަންމަ ގެއިން ނެރެލީއެވެ. އަޅާލާނެ ބަޔަކުނެތި ނިކަމެތި ހާލުގައި އެތައް ދުވަހަކު އުޅެން މަންމައަށް ޖެހުނެވެ. މަންމައަށް ހިޔާވަހިކަމެއްދިނީ ދޮން ބައްޕަގެ އާއިލާގެ މީހުންނެވެ. އެމީހުންނަކީ މަންމައާއި ދުރުތާ ތިމާގެ މީހުންނެވެ. ރަށްމެދަށް ދަރިއެއް ވިހަން ޖެހުމުން، މަންމަ އަމިއްލައަށް މަރުވާން އުޅުނުކަން އެނގި އަހަރެންގެ ހިތް ހަލާކުވިއެވެ. އެހެންނަމަވެސް އެރަށަށް އެދުވަސްވަރު އައި އިލްމުވެރިއެއްގެ ނަސޭހަތް ގަބޫލުކޮށް، މަންމަ ދިރިއުޅުމާއި ކުރިމަތިލާން ނިންމީއެވެ. ވިހައި ގަދަވުމުން މަންމަގެ އަތުގައި ހިފީ ދޮންބައްޕައެވެ. މަންމައާއި އަހަރެންނަށް ހިމާޔަތްދޭން ވައުދުވެ, ކުރި ކައިވެނިން ލިބުނީ އަނިޔާއާއި ވޭނެވެ.

އަހަރެންނަށް 12 އަހަރު ވީއިރު އަހަރެންގެ ހަށިގަނޑު ހުންނަނީ އެ އުމުރުގެ ކުދިންގެ ހަށިގަނޑު ހުންނަވަރަށްވުރެ ތަފާތުކޮށެވެ. އެއީ ދޮންބައްޕަގެ ޖިންސީ ގޯނާގެ ނަތީޖާއެވެ. ކުދިން އަހަރެންނާއި ދިމާކޮށް ގަނާކުރެއެވެ. ޓީޗަރުންވެސް އަހަރެންނާއިމެދު ބަލަނީ ތަފާތު ނަޒަރަކުންނޭވެސް ހީވެއެވެ. ސްކޫލަށް ދިޔަޔަސް ކިޔަވާހިތެއް ނުވެއެވެ. ޓީޗަރުން ކިޔާ އެއްޗެއް ނުވެސް ވިސްނެއެވެ. ބޭނުންވަނީ އެކަނި އިނުމަށެވެ. މީހަކު ކެއްސާލިއަސް ބިރުން ވިރެއެވެ. އަބަދުވެސް ވިސްނެނީ ދޮންބައްޕަގެ ވަކިތަކުން ސަލާމަތްވާނެ ގޮތެކެވެ. އެހެންނަމަވެސް މަންމަގެ މަޖުބޫރީ ވިސްނުމުން އަހަރެންނަށް ގޮތް ހުސްވެއެވެ. ކަރުނަ އޮއްސުން ނޫންކަމެއް އެއިރު އަހަރެންގެ ހަޔާތަކު ނުވެއެވެ.

އުމުރުން 13 އަހަރުގައި އަހަރެންގެ އިއްފަތްތެރިކަން އަހަރެންގެ ދޮންބައްޕަ ފޭރިގަތެވެ. އެރޭ އަމިއްލައަށް މަރުވަން އަހަރެން ނިންމީމެވެ. ދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަން ތަކުރާރުކޮށް އަހަރެންގެ ސިކުނޑިއަށް ޝައިތާނާ ވައްދަމުން ދިޔައެވެ. އހަރެންނަށް ދިމާވެފައިވާ މުސީބާތުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އަމުއްލައަށް މަރުވުން ކަމުގައި ޔަގީންވިއެވެ. އެއްވެސް މީހަކު އަހަރެން ސަލާމަތްކުރަން ނާންނާނެޔޭ ހިތައް އަރަމުން ދިޔައެވެ. މަންމައަށް އެ ޚަބަރު ދިނުމުން މަންމަ އަނބުރައިގަނެގެން ވެއްޓުނެވެ. މަންމަގެ ހިތާމަތަކާއި ދެ ކޮއްކުގެ ރުއިމުން އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. ދޮން ބައްޕަގެ ވަކިތަކުން މަންމައާއި ދެކޮއްކޮ ސަލާމަތްކުރަން އެވަގުތު އަހަރެން އަޒުމު ކަނޑައެޅީމެވެ. އެރޭ ގޭގައި އޮތް ދަނޑިބުރިއަކުން ދޮންބައްޕަގެ ބޮލުގައި އަހަރެންނަށް ޖެހުނު އެންމެ ބާރަކަށް ޖެހީމެވެ. ދޮންބައްޕަގެ ބޯ ފަޅައިގެން ދިޔައެވެ. އޭގެ ބަދަލުގައި އެދަނޑިބުރިން ދޮންބައްޕަ އަހަރެން ތަޅާ ބުރާންތި ކޮށްލިއެވެ. ދެ ކޮއްކޮ އެތަނަށް ނައިނަމަ އެރޭ އަހަރެންގެ ފުރާނަ ދިޔައީހެވެ. އެހެންވިނަމަ ރަނގަޅޭ މިހާރުވެސް ހިތަށް އަރައެވެ.

އަހަރެން ދޮންބައްޕަގެ ގޯނާތަކުން ސަލާމަތް ކުރައްވަން ﷲ މެދުވެރިކުރެއްވީ އެރަށަށް އަރުވާލި އާދަނުކިޔާ މާލޭ މީހެކެވެ. ދޮންބައްޕަ އަހަރެމެންގެ ގެއަށް އާދަނު ގެންދިޔައީ އާދަނުގެ އަތުން ލިބޭނެ ފައިސާގެ ދަހިވެތިކަމުގައެވެ. އަހަރެން ވިއްކާފައި ފައިސާ ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް ކަންތައްވީ ދޮންބައްޕަ ރޭވި ގޮތަކަށް ނޫނެވެ. އާދަނުގެ ގާތު އެވާހަކަ ދެއްކުމުން އާދަނު އެކަމާއި ދެކޮޅު ހެދީއެވެ. ކުޑަކުއްޖަކަށް ގޯނާކޮށްގެން ލިބޭނެ އުފަލެއްނެތްކަމުގައި ބުނެއެވެ. އަހަރެންނަށް އިވުނު ވާހަކަތައް ގަބޫލުކުރަން އުދަގޫވިއެވެ. އަހަރެންނަށް ގަބޫލުކުރެވިފައިވަނީ ކޮންމެ ފިރިހެނަކީވެސް ވަހުޝީ މީހެއް ކަމަށެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާހެދި އާދަނު އަހަރެންނަށް ގޯނާކުރުމުން ދުރުހެލިވީއެވެ.

އާދަނު އަހަރެންގެ މަންމައާއި ވާހަކަދައްކާ، އަހަރެން މާލެ ފޮނުވަން އެދުނެވެ. ދޮން ބައްޕަގެ ވަކިތަކުން އަހަރެން މިންޖުކުރަން އެއީ ރަނގަޅު ފުރުސަތެއްކަމުގައި މަންމައަށް ގަބޫލު ކުރެވި، އެވާހަކަ އަހަރެންނާއި ހިއްސާކުރިއެވެ. އަހަރެންނާއިހެދި މަންމަގެ ހިތުގައި އަޅާވޭން އެންމެ ރަނގަޅަށް އެގެނީ އަހަރެންނަށެވެ. އަހަރެން ބިރުން ހުރެ މާލެދާން އެއްބަސްވީމެވެ. ނުވެސް ދަންނަ މީހަކު ބުނި ބުނުމަކަށް އަހަރެން ފޮނުވަންޖެހޭތީ މަންމަ ކަންބޮޑުވާވަރު އިހްސާސްވެ، އަހަރެންނަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އެހެނަސް އެވަގުތަށް އޮތް އެންމެ މޮޅު ހައްލުކަމަށް ނިންމާ, އާދަނާއެކު މާލެދާން ނިންމީއެވެ. ދޮން ބައްޕައަށް ސިއްރުންނެވެ.

އަހަރެންގެ އާ މަންޒިލަކަށްވީ ވަރަށް ތަނަވަސް ރީތި ގެއެކެވެ. އާދަނާއެކު އަހަރެން އެގެއަށްދިޔައީ ކުރިމަތިވެދާނެ އިތުރު ބިރުވެރި ކަމަކަށް ވިސްނަމުންނެވެ. އެގެއިން އަހަރެންނަށް މަރުހަބާކީ އެގޭގެ ވެރި މީހާއާއި އެނާގެ އަންހެނުންނެވެ. އެދެމަފިރިންގެ ދެ އަންހެންކުދިންވެސް އަހަރެންނަށް މަރުހަބާ ކިޔުމުގައި ބައިވެރިވިއެވެ. އެއް އުމުރު ފުރާގެ ދެއަންހެންކުދިން ފެނުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަހަރެންގެ ދުވާލުގެ ތާވަލު އޮންނާނެގޮތް ކިޔައިދީ، އަހަރެން ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށް އަހަރެން ގެންގޮސްދިނީ އެގޭ ދައްތައެވެ. ބަދިގެއާއި އަހަރެން ހުންނަ ކޮޓަރި ފިޔަވައި އެހެން ތަންތަނަށް ނުކުމެ އުޅުން އަހަރެންނަށް މަނާކުރިއެވެ. އަހަރެންގެ ހިތް ސުވާލުތަކުން ފުރުނެވެ. އެހެންނަމަވެސް އެއީ އަހަރެންގެ އެއިރުގެ ސާހިބުން ކަމަށްވީތީ ހިމޭނުން ހުންނަން ޖެހުނީއެވެ.

އަހަރެންގެ ދޮން ބައްޕަގެ އަނިޔާތަކުން ސަލާމަތްވުމުން އަހަރެންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް ކިޔަވަން ނުފޮނުވާތީ އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. އެގޭ ދެކުދިން ކިޔަވާއިރު އަހަރެން ބައިވެރިކުރާތީ ކޮންމެވެސް ވަރަކަށް ކިޔެވުމުގެ ފުރުސަތު ލިބެއެވެ. އެގޭ ދައްތަގެ ހަރުކަށި މިޒާޖުގެ ސަބަބުން އެކުދިންނާއެކު ގިނައިރު އުޅުމުގެ ފުރުސަތެއް ނުލިބުނަމަވެސް، ގޭގަ ހުންނަ އެކި ކަހަލަ ފޮތް ކިޔުމުގެ ނަސީބު އަހަރެންނަށް ލިބެއެވެ. އެފޮތްތަކުން ލިބޭމައުލޫމާތު ފިޔަވައި އިތުރު ތައުލީމެއް އަހަރެންނަކަށް ނުލިބެއެވެ. އެހެންނަމަވެސް, އެކުދިންގެ ފަރާތުން ލިބޭ ހިނިތުންވުންތަކުން އަހަރެންގެ ވޭންތައް ލުއިވަމުން ދިޔައެވެ.

އެއިރު އެންމެ އުދަގޫވީ އެގޭ ބޭބެގެ ސަބަބުންނެވެ. ބޭބެގެ އަމަލު ތަކުގެ ސަބަބުން ދޮންބައްޕަގެ ހަނދާންތައް އާވާންފެށިއެވެ. ބިރުވެރި އިހްސާސްތައް މަޑުމަޑުން އަހަރެންގެ ދިރިއުޅުމަށް ހިޔަނި އަޅަންފެށިއެވެ. ބޭބެގެ ކުރިމައްޗަށް އަހަރެންނަށް ނުކުމެވިއްޖެނަމަ ބޭބެގެ ކަޅި އަހަރެންގެ ގައިގައި ތަތްލާކަމުގެ އިހްސާސް އަހަރެންނަށް ކުރެވެއެވެ. ހީވަނީ ސްކޭން މެޝިނަކުން ސްކޭން ކުރަމުންދާ ހެންނެވެ. އަހަރެންގެ ހަށިގަނޑުގެ ބައެއް ދިމަދިމާލަށް ކަޅިއަޅާކަން އަހަރެންނަށް ޔަގީން ކުރެވެން ފެށިއެވެ. އެހިސާބުން އަހަރެންގެ ހިތުގައި ނަގަމުންއައި ބިރުވެރިކަމުގެ ރާޅު ބޮޑުވާންފެށިއެވެ. ސިނކުޑީގެ ކަނަކުން ބޭބެއަށް ސަމާލުވުމަށް އެދި ގޮވަންފެށިއެވެ.

އެންމެފަހުން އަހަރެންނަށް ބޭބެގެ އުނދަގޫ ފޯރަންފެށިއެވެ. ކާންހަދާ ގަޑީގައި އަހަރެންގެ ގައިގަ ގަސްތުގައި ޖެހިގަނެ، އަތުގައި ހިފުންފަދަ ކުދި ކަންތައް ކުރަންފެށިއެވެ. ހަތަރުކަޅި ހަމަވާވަގުތު ދަހިވެތިގޮތަކަށް ހީނލުންފަދަ ކަންތައް އިތުރުވާން ފެށިއެވެ. ދައްތަ އިންނަ ވަގުތުތަކުގައި ސަމާސާ ގޮތަކަށް އަހަރެންނާއި ދިމާކުރަންވެސް ފެށިއެވެ. އަހަރެންނަށް ވެވުނުވަރަކުން ބޭބެގެ ނަޒަރުން ދުރުގައި އުޅެވޭތޯ ބަލަމެވެ. އެހެންނަމަވެސް ކުރަންޖެހޭ މަސައްކަތްތައް ކުރަން އަހަރެންނަށް މަޖުބޫރުވާތީ ،ބޭބެގެ ނަޒަރުން މުޅިން ގެއްލޭނެ ގޮތެއް ނުވިއެވެ.

އެހެން އުޅެނިކޮށް އެއްރޭ އަހަރެންނަށް ހޭލެވުނީ މީހެއްގެ ނޭވާ އަހަރެންގެ މޫނަށް އެޅުނު އިހުސާސެއް ވެގެންނެވެ. ލޯހުޅުވާލިއިރު ފެނުނީ ކަޅު ހިޔަންޏެކެވެ. އަހަރެންނާއި ދިމާއަށް ގުދުވެގެން އޮއްވައެވެ. ކޮޓަރި ތެރެއަށް ފެތުރިފައިއޮތް ފަނޑުއަލިން އެއީ ކާކުން ވަކިކުރެވޭވަރެއް ނުވިއެވެ. އަހަރެންގެ ހިތަށްވަން ބިރުވެރިކަން ނުކުތީ ބާރު ހަޅޭކެއްގެ ސިފައިގައެވެ. މުޅިތަން ގުގުމާލާ ވަރަށް ހަޅޭލަވައިގަނެވުނެވެ. އެމީހަކު އަހަރެންގެ އަނގަމަތީގައި އަތްއަޅަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަހަރެންގެ ހަރަކާތުން އެކަން ހުއްޓުވާ, އިތުރަށް ހަޅޭކުގެ އަޑު ގަޑަކުރަމުންދިޔައިމެވެ. އަހަރެންގެ ބިރުވެރި މާޒީ އިއާދަވަނީބާއޭ ހިތަށް އަރާ, ބިރުން ރޫރޫ އަޅަމުންދިޔައެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިގެންދިއުމާއެކު ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އަހަރެންގެ ހެދުމުގައި ހިފަހައްޓައިގެން ހުރި ބޭބެގެ އަތުން އަހަރެންގެ ހެދުން ދޫވިއެވެ. ކުއްވެރިއެއްފަދައިން އެގޭ ދައްތަ އާއި ދިމާއަށް ބަލާލާފައި ބޭބެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަހަރެން ގަނެފައިވާ ބިރާއި، އަހަރެންގެ ގިސްލުމުން ދައްތައަށް މަންޒަރު ސާފުވިއެވެ. އެހެންނަމަވެސް އަހަރެންނަށް ހަމްދަރުދީ ވުމުގެ ބަދަލުގައި ދައްތަ ދަމުން އަމުރުކުރީ ފޮއްޓަށް އެއްޗެހި އަޅާ ތައްޔާރަށް ހުރުމަށެވެ. އެހެން ގެއަކަށް ފޮނުވުމުގެ ކަންކަން ދައްތަ ހަމަޖައްސައިދޭނެ ކަމުގައި މުނަމުންނެވެ. އަހަރެންގެ ދުނިޔެ ހަތަރު ފަރާތުން އަނދިރިވިކަމުގެ އިހްސާސް ކުރެވުނެވެ. ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގޭ ހާލު, އެތައް އިރަކު ރޯން ހުރުމަށްފަހު, އަހަރެން ﷲ އަށް ދުއާކުރީމެވެ. ދެރަގޮތެއް ނުދެއްކެވުމަށް އެދިއެވެ.

ޖެހިގެންއައިދުވަހު އަހަރެންނަށް ހޭލެވުނީ އެގޭ ދައްތަ އަހަރެންނަށް ގޮވާ އަޑަށެވެ. ބިރުން ހުރެ އަވަހަށް ސިޓިންގް ރޫމަށް ނުކުތީމެވެ. އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސޯފާގައި އިށީދެގެން އިން، ބޮލާއި ތުނބުޅީގެ އިސްތަށިތައް ނުރަވެފައިވާ، މެދުއުމުރުން މައްޗަށް ގޮސްފައިވާ ފިރިހެނެކެވެ. ހަށިގަނޑު ވަރުގަދަ, ބިޔަ މީހެކެވެ. ކުއްލި ބިރަކުން އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެމީހާއަށް އަހަރެންގެ ހަރަކާތްފެނި ހިނިތުންވެލަމުން އަހަރެންގެ ނަމުން ގޮވާލިއެވެ. އަދި އޭނާއާއެކު ދިއުމަށް ފޮށި ހިފައިގެން އައުމަށް އެދުނެވެ. އެ އަޑުގައިވީ އޯގާތެރިކަމެވެ. އެކަމަކު އެއީ ކެހިވެރި މަޅިއެއް ނޫންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން އެމީހާއާއެކު ނުފޮނުވަން އެދި އެގޭ ދައްތައަށް އާދޭހާއެކު އަހަރެން ބަލައިލީމެވެ. އެހެނަސް އެ ދައްތަގެ ލޮލުގައިވީ ނުރުހުމެވެ. އަހަރެންގެ ލޮލޮން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. އަހަރެންގެ މަޖުބޫރީ އަހަރެން ނިކަމެތި މީހަކަށް ހެދީއެވެ. އަވަސްއަވަހަށް ގޮސް ފޮށި ދަމަމުން އަހަރެން ބަލައި އައިސްހުރި މީހާ ގާތަށް ދިޔައިމެވެ. ބިރުގަނެފައިވާ ހާލުގައެވެ.

އެ ބޭބެ އަހަރެން ގެންދިއައީ ކުޑަ، އެހެނަސް ތާހިރު، ރީތި ގެއަކަށެވެ. އެގޭގައި އުޅެނީ އެ ބޭބެ އެކަނިކަން އެނގުމުން އަހަރެން ގަނެފައިހުރި ބިރު އިތުރު ވިއެވެ. އެކަން އެބޭބެއަަށް އިހްސާސް ވީކަންނޭގެއެވެ. އަހަރެން ހުންނަން ހަމަޖައްސާފައިވާ ކޮޓަރިއަށް އަހަރެން ގެންގޮސް، އެކޮޓަރީގެ ދޮރު އެތެރެއިން ތަޅު ލެވޭގޮތަށް ހުރިތަން އަހަރެންނަށް ދައްކާލިއެވެ. އަދި ބޭބެ ދުވަހަކުވެސް އަހަރެންނަށް ދެރަގޮތެއް ނުހަދާނެކަމަށް ހުވާކުރިއެވެ. އެހެންނަމަވެސް ފިރިހެނަކަށް އިތުބާރު ކުރެވޭނީ ކިހިނެތް ހެއްޔެވެ. އަހަރެންގެ ހަޔާތުގައި ދިމާވި ގިނަ ފިރިހެނުންނަކީ ވަރަށް އަނިޔާވެރި, ގޯސް މީހުންނެވެ.

އަލަށް ބަދަލުވި ގޭގައި އުޅޭތާ ދުވަސްކޮޅެއްވުމުން, އެގޭ ބޭބެއަށް ކޮންމެވެސް ވަރަކަށް އިތުބާރު ކުރެވެން ފެށުނެވެ. ބޭބެގެ ފަރާތުން ފެންނަމުން ދިޔައީ ލޯތްބާއި އަޅާލުމެވެ. އޯގާތެރިކަމާއި ކުލުނެވެ. ބޭބެގެ އަމިއްލަ ދަރިއެއް ފަދައިން, އަހަރެންނަށް ބޭނުންވާ ހުރިހާ ކަމެއް ބޭބެ ވަރަށް ފުރިހަމައަށް ކޮށްދެއެވެ. ކިޔަވަން ފޮނުވަން ބޭނުންވެގެން ބޭބެ އެކަމާވެސް އިސްނެގިއެވެ. އަހަރެންގެ އުމުރުން 15 އަހަރަށްވުރެ މައްޗަށް ގޮސްފައިވުމުން، އަހަރެންނަށް ޖެހުނީ ޓިއުޝަން ކުލާހަކަށް ވަންނާށެވެ. ކިޔަވަން ދާން ފެށުމުން ދިރިއުޅުމުގެ އުއްމީދު އާވާން ފެށިއެވެ. ބޭބޭގެ އަޅާލުމާއި އޯގާތެރިކަމުން، އަހަރެންގެ ކަނިވަމުންދިޔަ ހަޔާތުގެ ހުޅުކޮޅު، އަނެއްކާ ވެސް ރޯވިއެވެ. އަހަރެންގެ ހަށިގަނޑަށް އަލުން ދިރުން އައެވެ. އުނދަގޫތަކާއި އަނިޔާތަކުން ސަލާމަތްވެއްޖެ ކަމުގެ އިހްސާސްވިއެވެ. ރަށުގައި ތިބި އަހަރެންގެ މަންމަ އާއި ކޮއްކޮމެންނަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ގޭގައި ކިޔަވައިދޭން ފެށީމެވެ. އަހަރެންނަށް ލިބޭ ފައިސާ މަންމައަށް ފޮނުވައިގެން މަންމަގެ ދިރިއުޅުންވެސް އާރާސްތު ކުރަމުން ގެންދިޔައިމެވެ. ނުލަފާ ދޮންބައްޕަގެ ވަކިތަކުން މަންމަ ސަލަމަތްކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

އަހަރެން މާލެ އައިތާ އެތަކެއް އަހަރެއްވީއެވެ. އަހަރެންގެ އުމުރު މަތިވަމުން ދިޔައެވެ. ޒަވާޖީ ހަޔާތެއް ފަށަން އަހަރެންގެ ހިތް އެދެން ފެށިއެވެ. ފިރިޔަކާއި ދަރިޔަކު ނެތް ހަޔާތަކީ ފަޅު ހަޔާތެކޭ އަހަރެންނަށް ވިސްނެނީއެވެ. ދަރިޔެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އުފުލޭނީ އަހަރެންގެ ހަށިގަނޑުގައި ވަރު ހުރެގެންނެވެ. ޒުވާން އުމުރުގައި ދަރިިއެއް ލިބިގެންނެވެ. އަހަރެންގެ ރައްޓެހިން އެމީހުންގެ ދަރިން ފަހަތުން ދުވާތަން އަހަރެން ދެކެމެވެ. ދަރިިންނާއެކު މަޖާކޮށް, އުފާކުރާތަން ދެކެމެވެ. ދަރިއެއް ހުރުމުން އެމީހުންގެ ހަޔާތަށް އައިސްފައިވާ އުފާވެރިކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން އަހަރެންގެ ފަޅުހަޔާތް އަލިކުރުމަށް މީހަކާ އިންނަން އަހަރެން ނިންމީމެވެ. އަހަރެންގެ ހިތަށް އެރީ ދެނަމެކެވެ. އަހްމަދާއި ހަސަނެވެ. އެއީ އަހަރެން ކިޔަވަން ދިޔަ ކުލާހުގައި އެއްކޮށް އުޅުނު ގާތް ދެއެކުވެރިންނެވެ. އެދެމީހުން އަހަރެންގެ ފަހަތުން މުގޯޅި އަޅާތާ ކިތަންމެ ދުވަހެކެވެ. އަހަރެންގެ އާނ ބަހަކަށް އިންތިޒާރު ކުރުމުގައި އެދެމީހުން ތިއްބެވެ. އަހަރެންގެ ހިތުން ފުރަތަމަ ޖާގަ ހޯދީ އަހުމަދެވެ.

އަހުމަދަކީ ވަރަށް ހެޔޮ, ސަމާސާ މިޒާޖުގެ މީހެކެވެ. އަހަރެންނާއި އެއްގޮތް ކަންތައްތަކެއް ވެސް ގިނަ މީހެކެވެ. އެހެންކަމުން, ގިނަ ދުވަސްތަކެއްނުވެ އަހަރެމެންގެ ކައިވެނި ކުރެވުނެވެ. ބޭބެ ބޭނުންވީ އެގޭގައި އަހަރެމެން އުޅޭށެވެ. އެހެންކަމުން ކައިވެނީގެރޭ އަހުމަދު އަހަރެން އުޅޭ ގެއަށް ބަދަލުވިއެވެ. އެރޭ އަހަރެންގެ ހަޔާތުގެ އަނދިރިފަރާތް އަހުމަދަށް ކިޔައިދިނީމެވެ. ރޮމުން ގިސްލަމުންނެވެ. އަހަރެންގެ ވާހަކަ އަޑުއަހަމުން ދިޔަވަރަކަށް އަހުމަދުގެ މޫނުގެ ކުލަވަރު ބަދަލު ވަމުންދިޔައެވެ. އޭނާގެ ލޮލުން އަހަރެންނަށް ފެންނަމުންދިޔަ ލޯބި ފަނޑުވަމުންދިޔައެވެ. ލޯބީގެ ބަދަލުގައި އެލޮލުން ފެންނަންފެށީ ފޫހި ކަމެވެ. ކާވެނީގެ ފުރަތަމަރޭ އަހަރެން ހޭދަކުރަން ޖެހުނީ ހިތްދަތި ހާލުގައެވެ. އަހަރެންގެ ވާހަކަ އަޑުއެހުމަށްފަހު، އަހަރެންގެ މައްޗަށް އަހުމަދުގެ ހިތުގައިވި ހަމްދަރުދީ ގެއްލުނީއެވެ. އޭގެ ބަދަލުގައި އޮތީ ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމެވެ. އެހެންނަމަވެސް އަހަރެން ކެތްތެރިވީމެވެ. އަލަތު ކައިވެނި ސަލާމަތްކުރުމުގެ ބޭނުމުގައެވެ.

ކައިވެންޏަށް އަހަރެއްވީ އިރު އަހަރެމެންނަށް އަންހެން ދަރިއަކު ލިބުނެވެ. އަހަރެން އުއްމީދުކޮށްގެން ހުރީ ދަރިފުޅު ލިބުމުން އަހްމަދުގެ އުޅުން ބަދަލުވާނެ ކަމަށެވެ. އެހެންނަމަވެސް ބަދަލުވީ އަހަރެންނެވެ. ދަރިފުޅާހެދި އަހުމަދު އުޅޭ ވަރުން އަހަރެންގެ ހިތް ބިރު ގަންނަން ފެށީއެވެ. ދަރިފުޅު ގައިގައި ބައްދާލާ ،ލޯބިކޮށްލާ ހަދާތަން ބަލަން އަހަރެންގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އެފަދަ ކަންކަން ނުކުރުމަށް ބުނެވެނީއެވެ. އަހުމަދުގެ ހިތްހަމަ ނުޖެހުން ޒުވާބަކަށް ބަދަލުވެ، އެޒުވާބު ބޮޑުވެ، އެކުގައި އުޅެވޭ ވަރަށްވުރެ އަހަރެމެން ދުރުވީއެވެ. އެންމެ ފަހުން އަހަމްދު އަހަރެމެން ދޫކޮށްލީއެވެ. ލޯބިވާ މީހަކު އަހަރެންގެ ހަޔާތުން ވަކިވީއެވެ. އަހަރެންނަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އަހުމަދު ވަކިވުމުން އަހަރެންގެ ހަޔާތަށް ބުނަން ނޭނގޭ ފަޅުކަމެއް ވެރިވިއެވެ. އެތައް ދުވަހަކު އެކަމާ ވިސްނަން ޖެހުނެވެ. އަހުމަދަށް އާދޭސްކުރަން އެތަކެއް ފަހަރު ހިތައް އެރިއެވެ. އެހުރިހާކަމަކުން މަނާވާން މަޖުބޫރުކުރީ އަހަރެންގެ ނުގުޑާ އަޒުމެވެ. ދަރިފުޅު ގޯނާއިން ރައްކާތެރި ކުރުމެވެ. ބައްޕައަކު ނެތުމުގެ އިހުސާސް ދަރިފުޅު ކުރާކަން ޔަގީނެވެ. އެހެންނަމަވެސް ދަރިފުޅުގެ ބައްޕަ ވިއަސް ފިރިހެނަކަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ. ދަރިފުޅަށް ގޯނާއެއް ނުކުރާނެކަން އަހަރެންނަކަށް ޔަގީނެއް ނޫނެވެ.

އަހްމަދުގެ ވަކިވުމަށްފަހު އަހަރެން ގަސްތުކުރީ މީހަކާ ނީނދެ ހުންނާށެވެ. ދަރިފުޅަށް އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރާށެވެ. ބޭބެގެ ދެގޮތެއްނުވާ އަޅާލުމާއި އޯގާތެރިކަމާއެކު ދިރިއުޅުމާއިގެން ކުރިއަށްދާށެވެ. އެހެންނަމަވެސް އެހެނެއް ނުވިއެވެ. އެކުވެރިންނާއި މަންމައާއި ބޭބެގެ ނަސޭހަތްތަކުން އެހެންގޮތަކަށް އަހަރެންގެ ވިސްނުން ބަދަލުކުރަން މަޖުބޫރުވީއެވެ. އަހަރެންގެ ހާލުބަލާ، އަހަރެން އުޅޭ ނޫޅޭގޮތް ބަލަމުންދިޔަ ހަސަނަށް އަހަރެން ހުސްކަން އެނގުމުން، މަންޒަރު މުޅިން ބަދަލުވީއެވެ. ހުއްޓާނުލާ އާދޭސް ކުރުމުގެ ސަބަބުން އަހަރެންގެ ހިތް ހަސަނާ ދިމާއަށް ލެނބުނީއެވެ. ދެވަނަ ފަހަރަށްވެސް އަހަރެންގެ އެކަނިވެރި ހަޔާތަށް އުފާވެރިކަން ލިބުމުގެ އުއްމީދުގައެވެ. މާގިނަ ދުވަސްތަކެއްނުވެ އަހަރެންނާއި ހަސަނުގެ ކައިވެނި ހަމަޖެހިގެން އައެވެ.

ހަސަނާއި ކައިވެނިކޮށްގެން ހަސަނުވެސް އައީ އަހަރެން އުޅޭ ގެއަށެވެ. ހަސަނަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ކައިވެނި ރޫޅުނީ ހަސަނަށް ދަރިން ނުލިބޭތީ ކަމުގައި ހަސަނު ބުނެއެވެ. އެކަމުގައި އަހަރެންނަކަށް މައްސަލައެއް ނެތެވެ. އަހަރެންގެ ނަން ދަމަހައްޓާނެ ދަރިއަކު އިރާދަ ކުރެއްވީތީ އެބަހުއްޓެވެ. ހަސަނު ބުނާގޮތުގައި އަހަރެންނާއި އިންނަން ހަސަނު އެންމެ ބޭނުންވީ އަހަރެންގެ ދަރިއަކު ހުރުމުންނެވެ. އެހިސާބުން ހަސަނާއި މެދު ޝައްކުގެ ނަޒަރަކުން ބެލެވެން ފެށުނެވެ. 3 އަހަރަށްދާ އަހަރެންގެ ދަރިފުޅާއި ހެދި ހަސަނު އުޅޭ ވަރުން އަހަރެންނަށް އުދަގޫވާން ފެށިއެވެ. ދަރިފުޅުގެ ހުރިހާ ކަމެއް ހަސަނު ކުރަން އުޅޭތީ އަހަރެންގެ ހިތްހަމަ ނުޖެހުން އިތުރުވާން ފެށިއެވެ. މާބޮޑަށް ދަރިފުޅުގައިގައި ބައްދާތީ އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަނީއެވެ. މަޑުމަޑުން ހަސަނާއި ދަރިފުޅު ދުރުކުރެވޭތޯ މަސައްކަތް ފެށީމެވެ. މިކަމުގެ ނަތީޖާއަށް ވިސްނާ ނުލައެވެ. ހަސަންގެ ޝަކުވާތައް ކެނޑިނޭޅި އޮހެމުންދިޔައެވެ. އެހެންނަމަވެސް އެޝަކުވާތަކަށް އަހަރެންދިނީ ބީރު ކަންފަތެކެވެ. އަހަރެންގެ ބޭނުމަކީ ދަރިފުޅު ރައްކާތެރި ކުރުމެވެ. މައްސަލައަކަށްފަހު މައްސަލައެއް ޖެހެމުން ދިޔައެވެ. އެންމެފަހުން އަހަރެން އެންމެ ދެކެން ބޭނުންނުވި ދުވަހާއި ކުރިމަތިލާން ޖެހުނީއެވެ. ހަސަނުވެސް އަހަރެމެން ދޫކޮށް ދިޔައީއެވެ. އަހަރެމެން ދެމައިން އެކަނިކޮށްފައެވެ. އަހަރެންގެ ހިތަށް އެރިއެވެ. ހަގީގަތުގައި ކުށްވެރިއަކީ އަހަރެންނެވެ. އެކަމަކު ހަސަނަށް އާދޭސްކުރާކަށް އަހަރެން ނުދަމެވެ. ހަސަނު ދަރިފުޅާއިހެދި އުޅޭވަރުން އަހަރެންގެ ހިތުގައި އުފެދުނު ބިރުވެރިކަމަށް އެއްވެސް ބަދަލެއް ނާންނާތީއެވެ.

މިއަދު އަހަރެން ހިތަށް އަރައެވެ. ބައެއް ކަންކަމަކީ އަހަރެމެންނަށް ބާރު ފޯރުވޭނެ ކަންކަމެއް ނޫނެވެ. ދަރިފުޅު ރައްކާތެރި ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން ދެ ފިރިންވެސް އަހަރެންނަށް ގެއްލުނީއެވެ. އަހަރެންގެ ހަޔާތަށް ފަޅުކަންވެރިވީއެވެ. ފިރިއެއްގެ ލޯބިން މަހުރޫމްވީއެވެ. އެހެންނަމަވެސް އަހަރެން ކެތްތެރިވީމެވެ. އަހަރެންގެ ހުރިހާވެސް އުފަލަކީ އަހަރެންގެ ދަރިފުޅެވެ. އަހަރެން ދަރިފުޅު ކުށްވެރިއެއް ނުކުރަމެވެ. އެއީ އަހަރެންގެ ހަޔާތް އަލިކުރުމަށް މެދުވެރިވި އަލިގަދަ ބައްތިއެކެވެ. ދިރިއުޅުން ކުރިއަށް ކުރިއަށް ގެންދިއުމަށް ލިބިފައިވާ ހިތްވަރެވެ. ފިރިއަކު ނެތަސް ދަރިފުޅު ބަލާ ބޮޑު ކުރެވިދާނެއެވެ. ނުބައި ފިރިހެނުންގެ ގޯނާތަކުން ސަލާމަތް ކުރެވިދާނެއެވެ. އަހަރެމެން ކަހަލަ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ތިބޭ މީހުންނަށް ފިރިހެނުންނަށް އިތުބާރެއް ނުކުރެވޭނެއެވެ. އެއީ ވާނޭ ކަމެއްނޫނެވެ. އެއީ ދަރިފުޅުގެ ބައްޕައަށް ވިޔަސް މެއެވެ. އެއަށްވުރެ ބައެއް ފިރިހެނުންގެ ސަބަބުން ހިތަށް ލިބިފައިވި ޒަޚަމްތައް މާފުނެވެ. ދުނިޔޭގައިވާ އެއްވެސް ބޭހަކުން އެ ޒަޚަމްތަކަށް ފަރުވާއެއް ނުކުރެވޭނެއެވެ.
މިހާރު އަހަރެންގެ އުފަލަކީ އަހަރެންގެ ދަރިފުޅެވެ. ފިރިއަކާއި ނުލައި އަހަރެންގެ ހަޔާތް ވޭތު ކުރަން ޖެހުނަސް ޝަކުވާއެއް ނެތެވެ. އަހަރެން ހުންނަނީ އުފަލުންނެވެ. ދަރިފުޅަށްޓަކައެވެ.

- ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ މަރިޔަމް ޝާދިޔާ / ދަފުތަރު ނަމްބަރ 5757/ މާލެ އެވެ. ވާހަކަ ހުށައެޅީ އައިޝަތު ސަލްމާ ކ.ކާށިދޫ ސްޓެމިނާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 08 ޟައްވާލް 1442 އެވެ.