ވިޔަފާރި

ދިރާގުގެ ހިއްސާއަކަށް 7.32 ރުފިޔާ


ދިރާގުގެ ހިއްސާއަކަށް 7.32 ރުފިޔާ ބަހަން އަހަރީ އެކުންފުނީގެ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

މިއީ 2019 ވަނަ އަހަރު އެ ކުންފުނިން ބެހި ފައިދާއާ އަޅާބަލާއިރު 4.77 ރުފިޔާ ނުވަތަ %39.8 ދަށް އަދަދެކެވެ.

ބުރާސްފަތިދުވަހު ބޭއްވި ދިރާގުގެ 32 ވަނަ އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 7.32 ރުފިޔާ ބަހަން ދިރާގުން ފާސްކޮށްފައިވާއިރު މީގެތެރޭގައި ހިމެނެނީ މުޅި އަހަރުގެ ހިއްސާގެ ފައިދާއަށް ބޯޑުން ހުށަހަޅާފައިވާ 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑާއި މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑެވެ. ހިއްސާގެ ފައިދާ ބަހަން ފާސްވީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާގައި 46 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ހިއްސާއަށް ބަލާ ނަމަ 717.37 މިލިއަން ހިއްސާއެވެ.

ކޯވިޑް19ގެ ސަބަބުން 2020 ވަނަ އަހަރު ދިރާގުގެ މާލީ ޙާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށް ދިރާގުން ބުނެއެވެ. އެގޮތުން 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާކިޔާއިރު، %13.1 ވަނީ ދަށްވެފައެވެ.

ކުންފުނީގެ މުހިންމު ހުރިހާ ވިޔަފާރިއަކުންވެސް މިދިޔަ އަހަރު ލިބުނު އާމްދަނީ ދަށަށްގޮސްފައިވާއިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނެވެ. 2020 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު %22.2 ދަށް އަދަދެއްކަމަށް ދިރާގުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.