އެކި ދާއިރާތަކުން އިތުރަށް ތަމްރީނު ބޭނުންވާ 12،000އަށްވުރެ ގިނަ މީހުން ސަރުކާރުގެ އޮފީސްތަކުގައި އެބަތިބިކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއަކީ ފަންނީ ޤާބިލު މީހުން ބޭނުންވާ މިންވަރު ދެނެގަތުމަށް "ގަވަމަންޓް ޓްރެއިނިގް ރިކުއަރމަންޓް 2023-2021"ގެ ނަމުގައި ކުރިއަށްގެންދިޔަ ދިރާސާއެކެވެ.
މި ދިރާސާގެ މަސައްކަތް ނިންމައި އެހޯދުންތަކާ ގުޅޭ ފޮތެއް "ގަވަމަންޓް ޓްރެއިނިންގ ރިކުވަޔަމަންޓް 2023-2021"ގެ ނަމުގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ނެރެފައެވެ. މި ފޮތް ނެރެދެއްވީ މިނިސްޓްރީ އިފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ ޢާއިޝަތު ޝައުނާއެވެ.
ފޮތުގައި ހިމެނޭ މަޢުލޫމާތުގެ ތެރޭގައި، ތަމްރީނު ބޭނުންވާ ފަންނީ ދާއިރާތަކާއި އެކި ލެވެލްތަކުން ޤާބިލު މީހުން ބޭނުންވާ މިންވަރާއި އެކި ވުޒާރާތަކުގައި ތަމްރީނު ބޭނުންވާ މީހުންގެ ޢަދަދު ހުރިގޮތުގެ ތަފްސީލްވަނީ ހިމަނާފައެވެ.
މި ދިރާސާއިން ދައްކާ ގޮތުން އިތުރު ތަމްރީނު ބޭނުންވާ އެންމެ ގިނަ މީހުން ތިބީ ތަޢުލީމީ ދާއިރާގައެވެ. ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެތެރެއިން ޓީޗަރުން ބޭނުންވާ މިންވަރު އިތުރެވެ. 2،712 ޓީޗަރުންނަށް އިތުރު ތަމްރީނު ބޭނުންވާކަމަށް ދިރާސާއިން ދައްކާފައިވެއެވެ. އިދާރީ މަސައްކަތްކުރާ 840 މީހުންނަށް ތަމްރީން ބޭނުންވެއެވެ. ސިއްޙީ ދާއިރައިން 809 ނަރުހުންނާއި ފޫޅުމައިންނަށްވެސް ތަމްރީނު ބޭނުންވެއެވެ. އަދި 325 ޑޮކްޓަރުންނަށްވެސް އިތުރު ތަމްރީނު ބޭނުންވެއެވެ.
ތަޢުލީމާއި ސިއްޙީ ދާއިރާގެ އިތުރުން ސޮފްޓްވެއަރ ތަރައްޤީކުރުމުގެ ދާއިރާއިން 309 މީހުންނަށް ތަމްރީން ދޭންޖެހެއެވެ. މީގެއިތުރުން ތިމާވެއްޓާއި ވިޔަފާރިއާއި ޢިމާރާތްކުރުމުގެ ދާއިރާއިން ތަމްރީން ބޭނުންވާ މީހުންގެ ޢަދަދުތައްވެސް ހިމަނާފައިވެއެވެ.
މި ދިރާސާގައިވަނީ އެކިއެކި މިނިސްޓްރީގައި ތިބި މުވައްޒަފުންގެ ތެރެއިން ތަމްރީނު ބޭނުންވާ އަދަދުތައްވެސް ހިމަނާފައެވެ.
MoHE has launched the “Government Training Requirements 2021-2023” at a ceremony held virtually today. Minister of Environment, Climate Change & Technology @anuahsa officiated the ceremony.
— Ministry of Higher Education (@MoHEmv) May 20, 2021
The book is available for download:https://t.co/bxFk7VCkd5 pic.twitter.com/FAf7AWVily
މި ދިރާސާގެ އަލީގައި މީހުން ތަމްރީިނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްރީއިން ވިދާޅުވި ތަމްރީން ބޭނުންވާ މީހުންގެ ތެރެއިން %45 މީހުންނަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 7ގެ ސަނަދާ ހަމައަށް ތަމްރީނު ބޭނުންވާ މީހުންކަމަށެވެ. މިފަދަ ދިރާސާއެއްގެ ބޭނުމަކީ، ދާއިރާތައް ކުރިއެރުމަށް ހުރި ގޮންޖެހުންތައް ހޯދާ އެ ދާއިރާތަކުން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިންވަނީ، ރާއްޖޭގެ އެކި މުހިންމު ސިނާޢަތްތަކަށް މީހުން ބޭނުންވާ މިންވަރު ދެނެގަތުމަށްވެސް ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ.