މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްއައިޓީޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝާހިދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޝަކީބާ ޙުސައިންގެ މައްޗަށް ދަޢުވާކުރަން އޭސީސީން ނިންމާފައިވަނީ 2018ވަނަ އަހަރު، އައު އަހަރު ފާހަގަކުރުމަށް ކުރީގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރުމަށް "ލިންކްސް އައި" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް އެމް.އައި.ޓީ.ޑީ.ސީއަށް ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާކަމަށް ބުނާ މައްސަލާގައެވެ.
އެދެމީހުން މައްޗަށް ދަޢުވާކުރަނީ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
އޭސީސީން ވިދާޅުވީ 2018ވަނަ އަހަރުގެ އައު އަހަރު ފާހަގަކުރުމަށް އެމް.އައި.ޓީ.ޑީ.ސީން އިންތިޒާމުކޮށްގެން 31 ޑިސެންބަރު 2017ގައި މާލޭ ކާނިވާ ސަރަޙައްދުގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރުމަށް ލިންކްސް-އައި އިންކޯޕަރޭޓަޑް ކިޔާ ކުންފުންޏެއް މެދުވެރިކޮށް 7,234(ހަތްހާސް ދުއިސައްތަ ތިރީސްހަތަރު އެމެރިކާ ޑޮލަރު) ޚަރަދުކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް ގަނެފައިވާކަން ތަޙުޤީގަށް އެނގިފައިވާކަމަށެވެ.
ނަމަވެސް، ޝޯވް ބޭއްވިއިރުވެސް އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަރ، ލިބިފައި ނުވާކަމަށާއި، އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެންކަމަށެވެ.
އެހެންކަމުން އޭރު މެޝިންތައް ގެނެސް އެމް.އައި.ޓީ.ޑީ.ސީއާ ހަވާލުކޮށްފައި ނުވާކަން ތަޙްޤީޤުން އެނގޭއިރު، އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖްމަންޓް ބަދަލުވެ 2019ގައި އެމް.އައި.ޓީ.ޑީ.ސީއިން އެންގުމުން ލިންކްސް-އައި އިންކޯޕަރޭޓަޑުން އެ މެޝިންތައް އެމް.އައި.ޓީ.ޑީ.ސީއާ ހަވާލުކޮށްފައިވާކަމަށާއި އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ޚަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމް.އައި.ޓީ.ޑީ.ސީއިން މަސައްކަތް ކޮށްފައި ނެތްކަން ތަހުޤީގަށް އެނގިފައިވާކަމަށެވެ.
އަދި އެ މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ޚަރަދުކުރުމުގައި ހުންނަންޖެހޭނެކަމަށް އެމް.އައި.ޓީ.ޑީ.ސީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށްކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއިރު، އެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ އެމް.އައި.ޓީ.ޑީ.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަކީބާ ޙުސައިން ކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަޙުޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭކަމަށް އޭސީސީން ބުންޏެވެ.
އެހެންކަމުން، އެފަރާތްތަކުގެ މަޤާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް-އައި އިންކޯޕަރޭޓަޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުއޮތްކަން ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުން އެނގޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ.
އެމްއައިޓީޑީސީއަކީ އާމްދަނީ ނުވަންނަ ކުންފުންޏެއް ކަމުގައިވީ ނަމަވެސް ސީއެސްއާރުގެ ނަމުގައި ޕީޕީއެމް އޮފީސް އިމާރާރްކުރުމަށާއި ހައިކޯޓްގައި ޖިމެއް ހެދުމަށް އެތައް މިލިއަން ރުފިޔާއެއް ކުރީގެ ސަރުކާރުގެ ދުވަސްވަރު ޚަރަދު ކޮށްފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.