ޚަބަރު

އައްޑޫ ސިޓީން ހައްޔަރުކުރީ ބޮމާއި ހަތިޔާރު އުފައްދާ މީހުން


އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ސަލާމަތީ ބާރުތަކުން އައްޑޫގައި ހިންގި އޮޕރޭޝަންތަކެއްގައި 9 މީހަކު ހައްޔަރުކުރީ މިމަހުގެ 15 ވަނަދުވަހުގެ ރެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުގައި އަންނަނީ ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންނެވެ. މި އޮޕރޭޝަންގެ ތެރެއިން ސަލާމަތީ ބާރުތަކުން ވަނީ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފައެވެ. މި މީހުންނާއި ބެހޭ ތަފްސީލުތައް ފުލުހުން ހާމައެއް ނުކުރެއެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަމަށެވެ. އަދި މި މީހުންނަކީ ބޮމާއި ހަތިޔާތު އުފެއްދުމުގައި އުޅޭ ބައެއްކަމަށެވެ.

" އައްޑޫން އިން ހައްޔަރުކުރީ މީހުންނަކީ މީހާތަނަށް ބެލިބެލުމުގައި ހަތިޔާރު އުފެއްދުމާއި ބޮން ހެދުމާއި ޓެރަރިޒަމްގެ އަމަލު ހިންގާ ބައެއް. މީގެތެރޭގައި ޝަރީއަތް ހިގަމުންދާ 3 މީހެއްވެސް ހިމެނޭ. އަޅުގަޑުމްނެ ޔަގީންކުރާނަން މިހާރު ހިންގާ އޮޕްރޭޝަންގައި ހައްޔަރުކުރެވޭ މީހުންނާއި ލިބޭ މައުލޫމާތުތައް ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުމެއް ވޭތޯ " ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް މުހައްމަދު ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން ސަލާމަތީ ބާރުތައް ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަކަމަށެވެ. މިގޮތުން އައްޑޫ ސިޓީއާއި މާލޭ ސަރަހައްދުގައި މި އޮޕަރޭޝަންތައް ހިންގާފައިވާކަން ބަޝީރު ފާހަގަކުރެއްވިއެވެ. އަދި މި އޮޕަރޭޝަންތަކުގައި 5 ގެއެއް ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެހެންނަމަވެސް އަތުލައިގެން ތަކެތީގެ ތެރޭގައި އެއްވެސް ހަތިޔާރެއް ނުހިމެނޭކަމަށް ބަޝީރު ވިދާޅުވިއެވެ.

ފުލުހުން މިހާރު ހިންގާ އޮޕަރޭޝަންގައި މާލެއިންވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މީހަކީ ހަރުކަށި ފިކުރު ފެތުރުމުގައި ބޮޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މީ މީހާގެ ތަފްސީލެއް ފުލުހުން އަދީ ހާމައެއް ނުކުރެއެވެ.

ޕީއެސްއެމަށް ކަށަވަރުވެފައިވާ ގޮތުގައި މާލެއިން ހައްޔަރުކުރި މީހަކީ 2007 ވަނަ އަހަރު އއ ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް ޖަލަށްލީ އަބްދުﷲ އަލީ މަނިކެވެ. އެނާވަނީ ހިމަންދޫ މައްސަލާގައި ކުށްސާބިތުވެ 10 އަހަރަށް ޖަލަށްލާފައެވެ. އެހެންނަމަވެސް 2 ފަހަރެއްގެ މަތިން އޭނާ ވަނީ ޖަލުން ފިލާފައެވެ.

ޖަލުން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ގދ. ތިނަދޫގައި އުޅެނިކޮށެވެ. އެ ރަށުން ހައްޔަރުކޮށްގެން މާލެ ގެންނަނިކޮށް ބޯޓުން ކަނޑަން ފުންމާލައިގެން ފިލަން އޭނާވަނީ މަސައްކަތްކޮށްފައެވެ. އަދި އޭގެ ފަހުން ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ އަނެއްކާވެސް ވަނީ ޖަލުން ފިލާފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެމުންދަނިކޮށެވެ.