ކުޅިވަރު

ޓޮޓްނަމް ހޮޓްސްޕަރަސްއާ ވާދަކޮށް ވިލާ މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެސްޓަންވިލާ އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ވިލާ ކާމިޔާބުކޮށްފިއެވެ. ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް ވިލާ ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

ދެތީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓޮޓްނަމްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ސްޕަރސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓީވަން ބަރގްވައިންއެވެ. ނަމަވެސް ވިލާއިން ހިތްވަރު އެލުވާނުލައި ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށް މެޗްގެ 20 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑަކީ ޓޮޓްނަމްގެ ސަރޖިއޯ ރެގުއިލޮން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗްގެ 39 ވަނަ މިނެޓްގައި ޓޮޓްނަމްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޮލީ ވޮޓްކިންސް ވަނީ ލަނޑެއް ޖަހައި ވިލާއަށް ލީޑު ނަގައިދީފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ލަނޑެއް ކާމިޔާބުކުރެވޭތޯ ދެޓީމުން މަސައްކަތް ކުރި ނަމަވެސް އެކަން ދެޓީމުންކުރެ އެއްވެސް ޓީމަކަށް ކާމިޔާބުވާގޮތެއް ނުވިއެވެ. މެޗް ނިމުމުން ދަނޑަށް ކުޅިބަލަން ވަން ޓޮޓްނަމްގެ ސަޕޯޓަރުން ވަނީ ހިތްހަމަ ނުޖެހުން ވެސް ފާޅު ކޮށްފައެވެ.

މިކާމިޔާބީއާއެކު ވިލާ މިހާރު އުޅެނީ ކުޅުނު 37 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. އަދި މިމެޗުން ބަލިވުމުން ޓޮޓްނަމް މިހާރުވަނީ 37 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ވެއްޓިފައެވެ. ލީގު ފަހު މެޗްގައި މިއަންނަ އާދިއްތަ ދުވަހު ސްޕަރސް ލެސްޓަރ ސިޓީ އާއި ދެކޮޅަށް ނިކުންނައިރު ވިލާ ނިކުންނާނީ ޗެލްސީ އާއި ދެކޮޅަށެވެ. މިދެ މެޗަކީވެސް މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކަނޑައެޅުމުގައި ވަރަށް މުހިންމު ދެމެޗްކަމުން ފޯރިގަދަ ދެމެޗް ފެނިގެންދާނެކަމަށް ބެލެވެއެވެ.