ކުޅިވަރު

ޕްރިމިއަރ ލީގު ތާވަލްގެ ހަތަރުވަނައަށް ލިވަޕޫލް


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ބަރންލީ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް ބަރންލީން ވެސް ވަނީ މިމެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގައި ލިވަޕޫލުން ތިން ލަނޑުގެ ތަފާތުން މޮޅުވި ނަމަވެސް މިމެޗުން މޮޅުވުމަށް ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. މިގޮތުން ބަރންލީއިންވަނީ ލިވަޕޫލަށް ލަނޑެއް ޖެހުނަ ނުދިނުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބަރންލީއަށް މިކަން ކުރެވޭވަރުވީ މެޗްގެ 43 ވަނަ މިނެޓާއި ހަމައަށެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނަތާނިއަލް ފިލިޕްސްއެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ އެލެކްސް އޮކްލޭޑް ޗެމްބަރލިންއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލްވަނީ ކުޅުނު 37 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލެސްޓަރ ސިޓީވަނީ ފަސްވަނައަށް ވެއްޓިފައެވެ. އެއީ ލިވަޕޫލާއި އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ޖަހާފައިވާ ގޯލްގެ ތަފާތަށް ބަލާއިރު ލިވަޕޫލާށް ކުރި ލިބޭތީއެވެ. މިކާމިޔާބީ ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ސިފަކުރީ ސެމިފައިނަލް މެޗަކުން މޮޅުވެ ފައިނަލަށް ދިއުމެއް ގޮތަށެވެ. މިގޮތުން މިއަންނަ އާދީއްތަ ދުވަހު ކްރިސްޓަން ޕެލަސް އާއި ދެކޮޅަށް ކުޅޭ ފައިނަލް މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުވާނެއެވެ. ފަހު މެޗްގައި ލެސްޓަރ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޓޮޓްނަމް ހޮޓްސްޕަރއާއެވެ. އެމެޗްގައި ލެސްޓަރއިން ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވެއްޖެނަމަ އެޓީމަށްވެސް ހަތަރުވަނަ ޖާގަ ލިބުމުގެ ހަނި ފުރުސަތެއް އެބައޮތެވެ. އަދި ޗެލްސީ އާއި އެސްޓަންވިލާ ބައްދަލުކުރާ މެޗަކީވެސް ޗެމްޕިއަންސް ލީގުގެ ފަހު ދެޖާގައަށް ވާދަކުރަމުންދާ ތިން ޓީމްގެ މިރޭހުގައި މުހިންމު މެޗެކެވެ. އެމެޗުން ޗެލްސީ ބަލިވެ ނުވަތަ އެއްވަރުވެ ލިވަޕޫލާއި ލެސްޓަރ އެދެޓީމްގެ މެޗް ކާމިޔާބުކޮށްފިނަމަ ޗެމްޕިއަންސް ލީގުން ޖާގަލިބޭނީ އެދެޓީމަށެވެ. މިމެޗުން ބަލިވުމުން ބަރންލީ މިހާރުވަނީ 37 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައަށް ވެއްޓިފައެވެ.