މުނިފޫހިފިލުވުން

ވާހަކަ: ދެން ނުރޯނަމޭ


އިސްތިރިކޮށް ކޮނޑުގައި އަޅުވާލާފައިވާ މަޑުމަޑު ނޫކުލައިގެ ގަމީހާއި ކަޅު ކުލައިގެ ފަޓްލޫން އަލަމާރިން ނެގިއެވެ. އެއާއި އެކު ކޮޑުގައި އަޅުވާލާފައިވާ ކަޅުކުލައިގެ ޓައީ އެކެވެ. އަލަމާރިކައިރީގައި އިން ބޫޓް ޝިނާޒްގެ ލޮލުގައި އަޅައިގަތެވެ. އެބޫޓް ވަނީ ފޮހެ ތައްޔާރު ކުރެވިފައެވެ. އިސްޓކީނަށް އަރާ ބޫއްޓައް އަރާލިއެވެ. ބޮލުގައި ފުނާއަޅާލާއި ގަމީހައް ސެންޓް ޖަހާލިއެވެ. ޑުރެސިން ޓޭބަލްމަތީގައިވާ ސްމާޓް އައި ވޮޗް އަތުގައި އަޅާލިއެވެ. އަތުގައި ސެނެޓްރައޒް ހާކާލާއި މާސްކު އަޅާލިއެވެ. ފޯނުން ނަގާލުމަށް ފަހު ކޮޓރިން ނިކުންނަން ހިނގައިގަތެވެ. ޝިނާޒު އަކީ ބަލާބެލުމަށް ފުރިހަމަ ވެފައިވާ ޒުވާނެކެވެ. މަންމާ މިދަނީ ޝިނާޒް ބޭރަށް ނުކުތުމުގެ ކުރިން މަންމައަށް ގޮވާލިއެވެ. އާނ ދަރިފުޅާ މިހާރު ޓެކްސީއކަށް ގުޅައިފިންތަ؟ އާނ ގުޅައިފިން... ޝިނާޒްއާއި އެކު ހަސީނާވެސް ބޭރަށް ނުކުތެވެ. ޝިނާޒު ބޭރަށް ނިކުމެލާ އުޅޭތަން ހަސީނާ ދެކިލަންބޭނުން ވިއެވެ. އެއީ ހަސީނާގެ އަބަދުގެ ހުވަފެނެކެވެ. ހަސީނާގެ ހުވަފެންތަކުގައި ކުލަ ޖެހެމުންދާތީވެ ހަސީނާއަށް ހުރެވުނީ އުފަލުން ފޮޅިފައެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ކުރަމުން އައި ދުޢާއެވެ.

މަޑު މަޑު ފެހިކުލަލާފައިވާ ފާރެކެވެ. ދޮރުފަތުގައި ލާފައިވާ ގަދަ ފެހިކުލައިގެ ސަބަބުން ބަލާލަން ހިތްގައިމެވެ. ދޮރާށި މައްޗަށް އަރުވާފައިވާ ދޮށިމޭނާ ވެލުގެ ސަބަބުން އިތުރަށް ފުރާ ފުރިހަމަވެފައިވާ ފަދައެވެ. ވެލުގައި ފޮޅިފައިވާ ރީތި ފިޔާތޮށި މަލުން ދުވާ މީރުވަހުން މުޅި ހިސާބުގަނޑު ވަނީ އެއްވަސް ކޮށްލާފައެވެ. ދޮރާށި ދޮރުގައި ހުއްޓިލައިގެން ހުރި ހަސީނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުން ވުމާއި، ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފެނުނު ކޮންމެ މީހަކު ހައިރާންވާނެކަން ޔަޤީނެވެ. ހަސީނާމެންގެ ގޭ ދޮށުން ދުއްވާފައި ދިޔަ ކަޅުކުލައިގައިވާ ކާރު ގޮސް އޮބާލަން ދެންވެސް ހަސީނާއަށްްް ހުރެވުނީ ކަޅިޖަހާވެސް ނުލާ ބަލާށެވެ. ވާނީވެސް އެހެންތާއެވެ. އެއްވެސް މީހަކަށް އެމީހެއްގެ އަމިއްލަ ދަރިއަކު ރޮއި ހިތާމަކޮށް މާޔޫސްވެފަ އިންނަ ތަން ބަލަން އެއީ ކެތްވާވަރުގެ ކަމެއް ނޫނެވެ. ނުބައި ނުލަފާ އިންސާނެއް ވަނީ މީގެ އެތަކެއް އަހަރުތަކެއް ކުރިން ހަސީނާގެ ދަރިފުޅު ޝިނާޒުގެ ހިނިތުންވުމާއި ހިތްހަމަ ޖެހުން ގެއްލުވާލާފައެވެ. މުުޖުތަމަޢުގެ އިތުބާރު ގެއްލިފައިވާ ޝިނާޒު މިއަދު ބޭރަށް ނިކުމެގެން ވަޒީފާއަށް އެދިޔައީ ހަސީނާ އޭނާގެ ދަރިފުޅަށް ދިންހިތްވަރުގެ ސަބަބުންނެވެ. މީގެ ދުވަސްތަކެއް ކުރިން އެޝިނާޒް ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭންގި މާޔޫސްވެފައި އިންނަނީ ހަސީނާގެ ކުރިމަތީގައެވެ. ބިރުގަނެ ހިތްދަތިވެފައި އިންނަނީ ހަސީނާގެ ކުރިމާތީގައެވެ.

މިއީ ޝިނާޒު އޮފީހަށް ނިކުތް ފުރަތަމަ ދުވަހަށް ވީތީވެ ހަސީނާ އުފަލުން ފޮޅިފައި އެވަނީ ދުނިޔޭގެ ހަގީގީ ރީތިކުލަތައް މިއަދު ޝިނާޒް އަށް ފެންނާނެތީއެވެ. ހަސީނާއަށާއި ޝިނާޒު ގެ ދިރިއުޅުމަށް ބާހާރު މޫސުމުގެ ދުވަސްތައް އައީ ކަމުގައި ހަސީނާގެ ޒަމީރު އޭނާ ގާތު ބުނެލިއެވެ. އަތްހިއްލާލާމެ ހަސީނާއަށް ބަލައިލެވުނީ އަތުކުރީގައިވާ ގަޑިއަށެވެ. އެއާއިއެކު ގޭތެރެއަށް ވަދެ ގޭތެރެ ސާފުކުރުމާއި ކެއްކުމުގެ މަސައްކަތުގައި މަސްޢޫލު ވެލިއެވެ. ދަރިފުޅަށް އެންމެ މީރު ރޯމަހު ރިހައާއި ބަތެވެ. އެއާއި އެކު މެގްނަމް ޕްޑިން އާއި ފުރުޓް ފަންޏެވެ. އިރު ކޮޅު ކޮޅާއި ގަޑިއަށް ބަލާލެވެއެވެ. ފޯނުނަށް ނަޒަރު ހިންގާލެވެއެވެ. އިންތިޒާރު އެކުރަނީ ޝިނާޒްގެ ފޯންކޯލަކަށެވެ.

ޝިނާޒްއަށް މަރުޙަބާކިޔުމުގެ ގޮތުން މީރާ އޮފީސްގެ ހުރިހާ ސުޓާފުންވަނީ ސަފަކަށް އެތުރިލާފައެވެ. މަރުހަބާގެ މާބޮނޑިތަކުން ސްޓާފުންގެ އަތްތައް ފުރިފައިވާއިރު މިފަދަ ކަމަކަށް އުއްމީދުުކޮށްފައި ނުވާ ޝިނާޒު ހުރީ ވަރަށް ހާސްވެފައެވެ. ޝިނާޒް އަށް ޙާއްސަ ކެބިން ދައްކާލުމާއި އެކު ކުރަން ހުރިމަސައްކަތައް ކިޔައިދެމުން ދިޔައީ މީރާގެ ސްޓާފެކެވެ. ފުަރަތަމަ ދުވަހުވެސް ޝިނާޒް އަށް އޮފީސް ކަމުދިޔަ ނަމަވެސް މޫނުމަތިން ހާސްކަުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަދި ބޮސް ގެ ކެބިންއިން ބައްދަލު ކޮށްލަން ބޭނުން ކަމަށް ބުނެފައިވާތީ ޝިނާޒު ހިނގަމުން ދިޔައީ ބޮސްގެ ކެބިން އަށެވެ. ބޮސްގެ ކުރިމަތީގައި އިން ގޮނޑީގައި އިށިއިނނުމަށް އިޝާރާތް ކޮށްލަމުން ބޮޑުމީހާގެ ވާހަކަ ފެށިއެވެ. "އަހަރެން އުއުްމީދުކުރަން ތިޔައީ ވަރަށް ހިތްވަރާއި އެކުގައި ފަރުވާތެރިކަމާއި އެކު ގަޑިން ގަޑިއށް ޙަވާލކުރެވޭ މަސައްކަތް ތައް ނިންމާ ކުއްޖަކަށް ވާެނެ ކަމަށް." " އަދި ބުންނަން މި އޮެފީސްތެރޭގައި ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ވާނަމަ ލަސްނުކުރައްވާ އަޅުގަނޑާެއި ހަމައަށް ފޯރުކޮށްދޭތި... ސީދާ ޝިނާޒްގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެވާހަކަ ކުރިއަށް ގެންދިޔައީ ފަރުވާތެރި ކަމާއިއެކުަގައެވެ " ލައްބަ ޝިނާޒް ބުނެލިއެވެ. އެއާއިއެކު ދެން ދިޔަަޔަސް އެންމެ ރަނގަޅު ކަމަށް ބޮސްބުންޏެވެ.... ހަސީނާވަނީ އޭނާގެ ދަރިފުޅުގެ ސިއްޙީހާލަތު ހުރިނެތް ގޮތް އޮފީސްގެ ބޮޑުމީހާއަށް އޮޅުން ފިލުވައި ދީފައެވެ. އެއީ އޭނާގެ ދަރިފުޅަށް މުޖުތަމައުއަށް އެނބުރި އައުމަށް ހިތްވަރެއް ހޯދަދިނުމަށް އެދިއެވެ.

ޝިނާޒުގެ ޖީބުގައި އޮތް ފޯން ރިންގުވާން ފެށިއެވެ. މަންމާ ކީކޭ؟ ފޯނުނަގާއި ކަންފަތުގައި ޖައްސާލަމުން ޝިނާޒު އަހާލިއެވެ. ދަރިފުޅަށް ގެއަށް އާދެވޭނީ ކިހައި އިރަކުންތޯ ބަލައިލަން... އޮފީސް ނިންމާލާފައި ދާނަމޭ ބުނަމުން ޝިނާޒު ފޯން ކަނޑާލިއެވެ. އެއާއި އެކުގައި ހަމަ ޖެހުމުގެ ފުން ނޭވާއެއް ދޫކޮށް ލިއެވެ. އެއަށް ފަހު އޮފީހުގައި ނުނިމި ހުރިމަސައްކަތައް ކުރުމަށް މަސްޢޫލުވިއެވެ. ޑިއުޓީ ނިންމާލާ ޝިނާޒު އަށް ގެއަށް އާދެވުނުއިރު އޭނާގެ މަންމަ ހަސީނާ ހުރީ ކެއުމަށް ތައްޔާރު ކޮށްފައެވެ. ދަރިފުޅާއި އަވަހަށް ކާން އުޅޭ... އެއާއި އެކު ދެމައިން ކެއުމަށް އިންސާފުކުރަމުން ދިޔައެވެ.

ދަރިފުޅު ހަނދާން އެބަހުރިތަ؟ މިއަދު ޖެހޭނެ ޑަކުޓަރ ދެއްވާފައިވާ ޓެސްޓުތައް ހަދަން ދާން... އަދި މާދަން ނޫން އަނެއް ދުވަހަށް މަަންމަ ވާނީ އެޕޮއިންޓުމެންޓު ވެސް ހައްދާފައި... އެހެން ވީމާ ދަރިފުޅުވާނެ އެދުވަހަށް އޮފީހަށް ސަލާމް ބުނަން...
އާނ މަންމާ އަޅުގަނޑު މިދަނީ ފެންވާރާ ނަމާދު ކޮއްލަން... މަންމަވެސް ދޭ ތައްޔާރުވެލަން....
މިހެން ބުނެ ޝިނާޒު ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ކިތަންމެ ވަރުބަލިވެފައިވީނަމަވެސް ހޮސްޕިޓަލަށް ދިއުން ނޫންގޮތެއް ނެތެވެ. ވުމާއި އެކު ފެންވަރާއި ރީތިވެ ނަމާދުކޮއްލައިގެން މަންމަގެ އިންތިޒާރުގައި ސިޓިންރޫމްތެރޭ އިށިއިނދެލައިގެން އިނެވެ.

ހިނގާދާން ދޮރުހުޅުވާލަމުން ހަސީނާ ބުންޏެވެ. މިއަދުދާނީ އަޅުގަނޑާއި އެކު ސައިކަލްގަ ދޯ... ޝިނާޒު އޭނާގެ މަންމަ ހަސީނާ ގާތުއަހާލިއެވެ. ޝިނާޒުއަށް އަމިއްލަ ނަފުސުގެ މައްޗަށް ކުރެވޭ އިތުބާރުފެނި ހަސީނާއަށް އަލްހަމްދުލިއްﷲ އޭ ބުނެލެވުނެވެ.އެއީ މިއަދާޖެހެންދެންވެސް ހަސީނާއަށް ޝިނާޒްގެ ފަރާތުން އަޑު އިވުނު ބަސްތަކެއް ނޫނެވެ. އެއާއި އެކު އާނ އެކޭބުނަމުން ޖަވާބުދިނެވެ. ތޮއްޖެހިފުރިފައިވާ ހުޅުމާލޭގެ މަގުތައްމަތިން ބުރިޖާއަރާހަމަވީއެވެ.ހުޅުލޭ އިންޓަނޭޝަނަލް ބަނދަރަށް ވައިގެ މަގުން ޖައްސަމަުންދިޔަ ބޯޓް ތަކަށް ނަޒަރު ހުއްޓާލައިގެން އިން ހަސީނާއަށް އިނދެވުނީ ދަރިފުޅުގެ ގައިގާ ބާރަށް ހިފަހައްޓާލައިގެންނެވެ. ލޯމަރާލާފައި ލޯހުޅުވާލާާހާއި ހިނދުކޮޅެއްގެ ތެރޭގައި ބުރިޖުހުރަސްކޮށް ބޮޑުތަކުރުފާނު މަގުން ދަތުރުކުރަމުން ދިޔައެވެ. ހަލަބޮލި މާލޭގެ މަގުތަކުން ދުއަވަމުން ދިޔަ ސައިކަލް އައިޖީއެމްއެޗު ގެ ކައިރީގައި ޕާކުކޮށްލިއެވެ. ޝިނާޒު ސައިލަުން ފައިބާ ހަސީނާގެ އަތުގައި ބާރަށް ހިފާލިއެވެ. މަންމާ އަޅުގަނޑު ދޫކޮށް ނުލައްޗޭ... އެއީ މީގެ އެތަކެއް ފަހަރަކު ހަސީނާއަށް އޭނާގެ ދަރިފުޅުގެ ފަރާތުން އިވި އިވި ހުރި ބަހެކެވެ. އާނ ދަރިފުޅާ ކޮންމެ ހާލެއްގައިވިޔަސް ދަރިފުޅު ދުލެއްނުކުރާނަން... ހަޤީޤަތުގައިވެސް ހަސީނާ ދަރިފުޅުގެ ހުރިހާ ކަމެއްގެ ފަހަތުގައިވެސް އެހުންނަނީ ވަރަށް ސާބިތުކަމާއިއެކުގައެވެ. އައިޖީ އެމް އެޗްގެ ސިޑިން ލެބޯޓްރީއާއި ދިމާއަށް ހިނގަމުން ދިޔަ ޝިނާޒުގެ ފިޔަވަޅުތަކަށް ބަދަލު އަންނަ ކަމުގެ އިހްސާސް ހަސީނާއަށް ކުރެވެން ފެށިއެވެ. މިކަމަށް ސަމާލުވެ ހުރި ހަސީނާ ޝިނާޒު އޭނާގެ ގާތަށް ދަމާލައި ކުރިއަށް ދިޔައީ ސާބިތުކަމާއި އެކުގައެވެ. ލެބޯޓުރީއަށް ވަދެ ޓެސްޓު ހަދާނިމިއްޖެއެވެ. ދެމައިން ހިނގަމުން ދިޔައީ ބޭރުގައިވާ ސައިކަލް އާއި ދިމާއަށެވެ.

އުަދަރެހުން އާދުވަހަކަށް އިރުއަރައިފިއެވެ. ޝިނާޒުއާއި ހަސީނާ އައިޖީ އެމް އެޗްގެ ކިޔުގޮނޑި ބައްރީގައި ތިބެމެ އިންތިޒާރު ކުރަމުން އެދަނީ އެމީހުނަށް ލިބިފައިވާ ނަންބަރު ޖެހޭނެ ވަގުތަކަށެވެ. ދެމައިންގެ މެދުގައި ވެސް ބަސް މަދެވެ.

އެއީ މީގެ އަށާރަ އަހަރު ކުރިއެވެ. އެލޯބިލޯބި ދަރިފުޅު ދުނިޔެއަށް އުފަންވި ދުވަހެވެ. ހަސީނާއަށް ލިބުނު އަލަތު ދަރިފުޅެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ދެލޯހުޅުވާއި ބޮޑުކޮށްލައި ހަސީނާއަށް ހިނިތުންވުމެއް ދިނެވެ. އަދި އުފާވެރި ވަގުތު ހަސީނާއަށް ލިބިގެން ދިޔަ ހިތާމަވެރި ޙަބަރެވެ.ލޮލުން ހޯސްލާފަ ކޯތާފަތްމައްޗަށް ކަރުނަތައާް ފައިބާގަތެވެ. އިތުރަށް ދަރިއަކު ހޯދުމަކީ މައިމީހާއަށާއި ކުޑަ ދަރިފުޅަށް ގެލުން ލިބިދާނެކަމެއް ކަމަށް ޑަކްޓަރ ބުނި ބުނުމެވެ. ދަރިފުޅުގެ ނިތްކުރިއަށް ބޮސްދެމުން މިއީއަހަރެންގެ ދުނިޔެއޭ ހަސީނާއަށް ބުނެލެވުނީ ހިތާހިތުންނެވެ.އުފާވެރިކަމާއި އެކީ ދިރިއުޅުމުގެ ހަޤީޤީ ދަތުރު ހަސީނާއާއި އޭނާގެ ފިރިމީހާ ފެށީ އެދެމީހުންގެ ބަގިޗާގައި އެޅި ފޮނިމީރު މޭވާއާއިއެކުގައެވެ.

ދަރިފުޅަށް ހައަހަރުގައި އެޑްމިޓްކުރެވުނީ ނޭވާހިތްލާތީވެއެވެ. ރޭހަތަރު ދަމު ހޭލާއި ދަރިފުގާތުގައި އުޅެން ޖެހުމުގެ ސަބަބުން ވެފައިވާ ވަރުބައްޔާއި އެކު ހަސީނާ ގެއަށް ދިޔައީ އޭނާގެ ފިރިމީހާ އާއި ދަރިފުޅު ޙަވާލުކޮށްފައި ފެންވަރައިގެން އަންނާނެ ކަމަށް ބުނެ އެވެ. ސިނގިރޭޓާއި ހެދި މަރުދަން ޖެހިފައިވާ ޒާހިދުއަށް ސިނގިރޭޓެއް ނުބޮއި އިނދެވޭވަރެއް ނުވިއެވެ. ޝިނާޒް އަށް ނިދިފައިވުމުން، އޭނާ އެޑްމިޓް ކުރެވިފައިވާ ޕުރަވެޓް ރޫމްއިން ޒާހިދު ނިކުތީ ސިނގިރޭޓެއް ބޯލުމުގެ ނިޔަތުގައެވެ. ޒާހިދުގެ މިސްރާބު ހުރީ އޭޑީކޭ ގެ ކެންޓީންއާއި ދިމާލަށެވެ. ޝިނާޒްގެ ބޭސް ހިފައިގެން އައި ޝިއުނާ ޕޭޝެންޓާއި ދިމާ ބަލައިލާއި މުޅި ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެހީތެރިއަކު ނެތްކަން ޔަޤީން ކުރުމަށް ފަހު ޝިނާޒް ބާއްވާފައިވާ އެނދާއި ދިމާއަށް ހިނގައިގަތީ މީއަހަރެން ބޭނުންވާފަދަ ރީތި ކުއްޖެކޭ ކިޔާލަމުންނެވެ. ފެން ބޮވައިގެންފާއިވާ ވަލު ޖަނަވާރަކު ފަދައިން އެކުޑަކުޑަ މަޢުސޫމު ކުއްޖާގެ ހަށިގަނޑުގެ މައްޗައް ޖެހިގަތީ ހުޝިޔާރުވެ ހުރެއެވެ. އެކުއްޖާ ފުޅުގެ އިއްފަތްތެރިކަން ފޭރިގަތީއެވެ. ޝިނާޒްއަށް ފެން ބޮވައިގެންފައިވާ އެޝިއުނާ އޭނާގެ އެތައް ދުވަހެއްގެ އުއްމީދެއް ޙާސިލްކުރީއެވެ. ޝިނާޒްއަށް ރޮވި ގިސްލެވެނީއެވެ. އަޑުން އަޑުނަގާއި އެމަޢުސޫމް ކުއްޖާ މަންމަ އަށް ގޮވަމުން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ އެހަށިގަނޑުން ބިރުވެރިކަން ފާޅުވާން ހުއްޓެވެ. އެކަމަކު އެއަޑު އަހާނީ ކާކު ހެއްޔެވެ؟ އަތަށް ގުޅާފައިވާ އައިވީ ފުޅިއާއި މޫނުމަތީގައި އަޅާއިފައިވާ މާސްކުގެ ސަބަބުން ދުވެނިކުމެވޭކަށް ނެތެވެ.

ކެންޓީނުގައި އިން ޒާހިދު، ޝިނާޒުގެ މަތިން ހަނދާންވީއެވަގުތުއެވެ. ނަމަވެސް ދަރިފުޅަށް ނިދިފައިވާތީއޭ ހިތަށްއަރާއި އިބިލީހުގެ ވަސްވާހުގައި ޖެހެވުނީއެވެ. އޭގެ ފަނަރަވަކަށް މިނެޓް ފަހެވެ. ހަސީނާ ހޮސްޕިޓަލަށް އާދެވުމާއި އެކު ޝިނާޒް ބާއްވާފައިވާ ކޮޓަރީގެ ދޮރު ހުޅުވާލެވުނު އިރު ބާރު ގިސްލެވުމެއްގެ އަޑު އިވެމުން ދިޔައެވެ. އެނދުކައިރީ ގޮނޑީގައި އިށިއިނދެލައިގެން އިން ޝިއުނާ، ހަސީނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ބޭސް ނުބޯންވެގެން އެރޮނީ... ޝިއުނާގެ ވާހަކަ ވަރަށް ކުރެވެ. ބޭސް އަޅާފައިވާ މަތިގަނޑު ހަސީނާއާއި ހަވާލު ކުރުމަށް ފަހު ނިކުމެގެން ދިޔައީއެވެ. އެއާއި އެކު ޝިނާޒް އަށް ބާރަށް ރޮއިގަނެވިއްޖެއެވެ. މަން... މަން.... މަންމާ.... ޝިނާޒްއަށް މަަންމައަށް ގޮވާލެވުނީވެސް އެތަށް އިރަކުންނެވެ. ތުރުތުރު އަޅަމުން ދިޔަ އެނިޔަނެތިއަޑުން ވާހަކަ ދައްކަމުން ދިޔައެވެ. މަންމައަށް އިނގެއެއްނު ބޭސްބޯން އަޅުގަނޑު ބޮޑާނުހާކާނެކަން... އަޅުގަނޑު ބަސް އަހައިގެން ބޭސް ބޮމެއްނު... އެދައްތަ އެހެދީ ހުސް ދޮގު... މިވީހާތަނައް އެކަހަލަ ޝަކުވާއެއް ކޮއްފައިނުވާ ޝިނާޒްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެދައްތަ ކީއްވެތަ މިހެން ހެދީ... އަޅުަގަނޑު އަނގަމަތީގައި އަތްއެޅީ... އަޅުގަނޑުގެ އަތަށް ވަރަށް ތަދުވޭ އެބަ... ހަސީނާއަށް ޝިނާޒްގެ އަތުގައި ރަތްވެފައިވާ ތަންތަނަށް ނަޒަރު ހިންގާލެވުނެވެ. ހަސީނާގެ ޝައްކު ޔަޤީނަކަށް ބަދަލުވެގެން ދިޔައީ އެހިސާބުންނެވެ. އެއީ ހަސީނާވެސް ތަޖްރިބާ ކޮށްފައިވާ ކަމަކަށް ވުމާއި އެކު ޝިއުނާއަށް ޓަކައި އޭނާގެ ހިތުގައި އަލިފާން ރޯވަމުން ދިޔައެވެ. އެވާހަކަތަށް އަޑުއިވެމުން ދިޔަވަރަކަށް ލޭ ހޫނުވަމުން ދިޔައެވެ.

ޝިނާޒްގެ ކުރުވަމުން ދިޔަނޭވާ ހަސީނާއަށް ފެނުނެވެ.ދެފަރާތައް ބޯހޫރުވަމުން ދިޔައެވެ. ދާހިއްލާ މުޅި މޫނުމަތިން ފެންގނޑު ފައިބަމުން ދިޔައެވެ. މަންމަ ބުނަމެއްނު މިތަންތަނުގައި އެއްވެސް މީހކު އަތްލިޔަ ނުދެއްޗޭ.... އިތުރަކަށް އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ.. އަޑުބެދެމުންދާ ކަން ޔަޤީން ވިއެވެ. ޒާހިދުއަށް އައިސް ކޮޓަރިއަށް ވަދެވުނީ އެވަގުތުއެވެ. ދޭބަލަ އަވަހަށް ޑަކްޓަރ އަށް ގޮވަން... ތުރުތުރު އަޅަމުންދިޔަ ހަށިގަނޑުގައި ބައްދައިގަެނެ ހަސީނާއަށް ރޮއިގަނެވުނެވެ. ކުޑަކުދިން ހާއްސަ ޑޮކްޓަރ އައިސް ނިދާ އިންޖެކުޝަން އެއް އައިވީ ފުޅިއަށް އަޅާލިއެވެ. ޝިނާޒުގެ ލޯ މެރެމުން ދިޔައެވެ. އަރާމް ބޭނުންވާމަކަށް ބުނެ ބޭރަށް ނިކުތުމަށް ޑަކްޓަރ މިސްރަާބު ޖެހިއެވެ. ދޮރު ރަނގަޅަށް ނުހުޅުވެވޭނީސް އަޅުގަނޑު ވާހަކައެއް ދައްކާލަން ބޭނުން ކަމަށް ހަސީނާ ބުންޏެވެ. އާނ އެކޭ ބުނަމުން ޑަކުޓަރ ޝިނާޒް އާއި ދިމާއަށް އެނބުރިލިއެވެ. ހަސީނާގެ ފަތަހުން އައިސްދިމުަށް ޑަކްޓަރއަށް އިޝާރާތް ކުރަމުން ހަސީނާ ހިނގައިގަތީ ދަރިފުޅު އޮތްއެނދާއި ދިމާއަށެވެ.

ދަރިފުޅުގައިގައިވާ ނިޝާން ތައް ދައްކަމުން ދިޔަވަރަކަށް ޑަކްޓަރުގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ. ކިހިނެތް ވީކަމެއްތޯ...؟ ހަސީނާގެ ޖަވާބަކަށް އެއީ ހަމަ ޖަނަވާރެއް... ލޮލުން ފައިބަމުން ދިޔަ ފެންތިކިތައަް އަތުގެ ނުވަތު ފުށުން ފޮހެލާއި ވާހަަކަ ކުރިއަށް ގެންދިޔައިރު ޑަކްޓަރވެސް ހުރީ ރޮވިފެވެ. މިގޮތަށް ކަންތައް ދިމާވުމުގެ ސަބަބުން އިތުރު ޓެސްޓްތަކެއް ހަދަން ބޭނުންވޭ... އެއާއި އެކު ޑަކްޓަރ ނިކުމެގެން ދިޔައެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެއެވެ. ކުޑަކުދިންގެ ޑަކްޓަރ ކޮޓަރިތެރޭގައި ހަސީނާއާއި ދަރިފުޅުގެ ވާހަކަ ހިއްސާކުރަމުން އެގެންދަނީ ކުޑަކުދީންގެ ހާއްސަ ޑަކްޓަރ އާއި ނަފްސާނީ ބަލީގެ ހާއްސަ ޑަކްޓަރެވެ. ދަރިފުޅަށް މިކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަސަރުކޮށްފަ... މިއަދުން ފެށިގެން ކައުންސިލިން ނަގަންވާނެ... މިހާ ޅައުމުރުގަ މިފަދަ ކަމެއް ދިމާވުމުގެ ސަބަބުން ޑިޕްރެޝައަށް ވުމުގެ ޗާންސް ވަރަށް ހައި.... ހަސީނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަެވެ. މިއީ ހަސީނާ އަޑުއަހަން ބޭނުންވި ވާހަކަ ތަކެއް ނޫނެވެ. އެކަމަކުވެސް އޭނާގެ ދަރިފުޅަށް ޓަކައި މިހުރިހާ ވާހަކައެއް ކަނުލާ އަޑުއަހާނެއެވެ.

ހަސީނާގެ ހިތަށް އަރަމުން ދިޔައެވެ. ސިއްޙީ ޙިދުމަތް ތެރިންނަކީ މުޖުތަމަޢުއިން ޤަދަރު ލިބިފައިވާބައެކެވެ. މުޖުތަމައުގެ ލޯބި ލިބިފައިވާ ބައެކެވެ. ރަނގަޅު ބަޔަކު ތިބިނަމަވެސް އެކަހަލަ ސުންޕާޤައްދާރުންގެ ސަބަބުން މުޖުތަމަޢުގެ ނަފްރަތު ލިބުންއެއީ ދުރުގާވާކަމަކަށް ނުވެ ނުދާނެއެވެ. ހޮސްޕިޓަލްއަށް ބަލިމީހުން އަންނަނީ ފަރުވާ ލިބިގަތުމަށެވެ.ނަމަވެސް މިއަދު ފަރުވާ ލިބިމެ އަަހަރެން މިތަނުން ނިކުމެގެން ދާން މި ޖެހުނީ އިތުރު ބައްޔާކާއި ވޭންތަކަކާއި އެކުގައެވެ. ދުވަހަކުވެސް ހިތުން ފިލުމެއް ނެތް ވޭނެކެވެ. ހަމައެކަނި ޖިންސީގޯނާއާއި ފުރަސާރަ ލިބެނީ އަންހެން ކުދިންނަކަށް ނޫނެވެ. މި ހާދިސާގެ ސަބަބުން ފަނާވެގެން ދިޔައީ ހަސީނާމެންގެ ދެމަފިރީގެ ދިރިއުޅުމެވެ. ދެމަފިރިންގެ ލޯބި ލޯބި ދިރިއުޅުމުގައި ފަހު ސިއްކަ ޖަހާއި ދަރިފުޅަށް ޓަކައި ތެދުވެ ދުއްވައިގަންނަން މަޖުބޫރު ވީއެވެ. މިއަދު ދިރިއުޅުމުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ހަސީނާގެ ހިތްވަރެއް އެލުވައެއް ނުލާނެއެވެ. ނަފްރަތުން ފުރިފައިވާ އެހަށިގަިނޑުވަނީ ޖޯޝުން ފުރިފައެވެ.

މާޒީގެ ހިތިއޮއިގެ ކަނޑުގައި ދަތުރުކުރަމުން ދިޔަ ހަސީނާއަށް ހޭވެރިކަން ވީ ލޯބިވާ ދަރިފުޅު ޝިނާޒްގެ އަޑުންނެވެ. މަންމާ އަހަރެމެންގެ ނަންބަރ ޖެހުނީއޭ... އެއާއި އެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުން ޝިނާޒް ފަހަތުން ހަސީނާ ގޮސް ވަނީ ނަފްސާނީބަލީގެ ޙާއްސަ ޑަކްޓަރ އިސްމާޢީލް ލުތުފީ ގެ 6ވަނަ ނަންބަރު ކޮޓަރިއަށެވެ. ދެކިފަރިތަ މޫނަކަށް ވެފައި އެތަށް ދުވަހެއްވީ ޕޭސެންޓްއަކަށް ޝިނާޒު ވާތީވެ، ދެފާރާތުގެ ގުޅުވެސް ވަނީ އެކުވެރިކަމުގެ ގުޅުމަކަށް ބަދަލުވެފައެވެ. އެހެން ދުވަސް ދުވަހާއި ޙިލާފަށް މިއަދު ޑަކްޓަރ ގެ މޫނުމަތި ވަނީ އުޖާލާވެފައެވެ. ނަތީޖާބުނާގޮތުން ނަމަ މިހާރު ޝިނާޒްގެ ހަށިގަނޑުގައިވާ ޑިޕްރެޝަންގެ އަސަރުވަނީ ވަރަށް ކުޑަކުރެވިފައި... އެއީ ތިޔަ ދެމައިންގެ ބުރަ މަސައްކަތް، މިކަމުގައި ތިޔަ ދެމައިން އުފުއްލި ބުރައިގެ ފޮނިމީރުކަން.. މިކަހަލަ ކޭޝްތަކާއި ކުރިމަތިލާ މީހުންނަށް ތިޔަ ދެމައިންނަކީ ނަމޫނާއެއް... ޝިނާޒްއަށާއި ހަސީނާއަށް ބަލައިލެވުނީ އެކަކު އަނެކެއްގެ މޫނަށެވެ. ޝިނާޒްއާއި ހަސީނާގެ ލޮލުން ކަރުނަ ފޫދާލިއެވެ. ހިތަމާއިގެ ކަރުނައެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނައެވެ. ޑަކްޓަރ ގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެކަމަކު އަދިވެސް ހަމަހުން ހަމަހުން ޓެސްޓުކުރަންވާނެ.. މިިފަހަރު މަސައްކަތް ކުރަމުން މިދަނީ ބޭސްމަދުކޮށްލާއި އެއްކޮށް ހުއްޓާލުމަށް... އެއާއި އެކު ޝިނާޒްއާއި ޑަކްޓަރ ސަލާމް ކޮށްލިއެވެ. ޝިނާޒްއާއި ހަސީނާ ހޮސްޕިޓަލްއިން ނުކުތީ އުއްމީދުން ފުރިގެންނެވެ.

އެންމެ ކުޑައިރުއްސުރެ ފެށިގެންވެސް ޝިނާޒް އަކީ އެހެން ފިރިހެނުންނާއި ޙިލާފަށް ރީތި ޒުވާނެކެވެ. ގިނަ އަންހެންކުދިންނެއްގެ ހިތްތަކުގައި ރަސްކަން ކުރަމުންދާ މީހެކެެވެ. ހިމަ ރީތިބުމައެއް ލިބިފައިވާއިރު ކޮލުގައިވާ ޑިމްޕަލްގެ ސަބަބުން އިތުރަށް ރީތިކަން ފުރިހަމަވެދާ ފަދައެވެ. ާ ޗޮކްލެޓްކުލައިގައިވާ ކަޅީގެ ސަބަބުން އެތަށް ބައެއްގެ ލޯތައް ޒަޙަމްކުރަމުންދާ ފަދައެވެ. ހަށިގަނޑުގައި ފަސްފޫޓް ތިން އިންޗި ހުންނަ ޝިނާޒް އަކީ އެހައި ފަލަމީހެއްނޫނެވެ. ކޮނޑާއި ހަމައަށް ދިގުކޮށްފައިވާ އެ އިސްތަށިގަނޑަކީ ފަންއިސްތަށިގަނޑެކޭ ނުބުނެވޭނެއެވެ. މެރޫން ކުލައިގައިވާެ ގަމީހުގެ ބޭރުން ލާފައިވާ ވެސްޓްގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. ލާފައިވާ ކަޅު ފަޓްލޫނާއި އަރައިފައިވާ ވިދާލަ ވިދާލާ ހުރި ކަޅު ބޫޓުން އޭނާވަނީ ކޮންމެވެސް މުހިންމު ކަމަކަށް ތައްޔާރުވެފައި ކަން ޔަޤީނެވެ. އާނއެކެވެ. އެދުވަހަކަށްޓަކައި ހަސީނާ އިންތިޒާރު ކުރަމުން އައި ދަރިފުޅުގެ ކައިވެނީގެ ރެއެވެ.މެރޫންކުލައިގައިވާ ހެދުމެއް ލައިގެން ހުރި ހަސީނާ ވެސް ވަނީ ދަރިފުޅުގެ އަލަތު ކައިވެންޏަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ތައްޔާރުވަމުން ދިޔަ ޝިނާޒްއަށް ބަލަހައްޓައިގެން ހުރީ ހަސީނާ ކޮޓަރި ދޮރު ކަނީގައި އަތްވިދާލައިގންނެވެ.ެ ހަސީނާއަށް ފަހަތަށް އެނބުރި ބަލައިލެވުނީ އޭނާގެ ވާން އުޅޭ ޅީދަރިފުޅު ރޭޝަމްގެ އަޑަށެވެ. ފަހަތަށް އެނބުރި ބަލައިލެވުނީ ހައިރާންވާ ފަދަ ގޮތަކަށެވެ.

ތަނުގައިވީ ހަމަހިމޭންކަން ފޫއަޅުވާލީ ރޭޝަމްގެ ސުވާލުންނެވެ. ޝިނާޒް އަދިވެސް ތައްޔާރުވެ ނުނިމޭތަ؟ ރޭޝަމް ސުވާލު ކޮށްލީ އޭނާގެ މައިދައިތަ ހަސީނާއެވެ. ކޮޓަރިތެރެއަށް ވަންނަމުން ދިޔަ ރޭޝަމް ފެނި ޝިނާޒްއަށް އިނދެވުނީ ކަޅިޖަހާނުލާ ރޭޝަމްގެ ފަރި ހަރަކާތްތަކަށް ނަޒަރު ހިންގާލައިގެންނެވެ.
މެރޫން ކުލައިން ޑިޒައިންކޮށްފައިވާ ހުދުކުލައިގެ ހެދުމުގައި ރޭޝަމް ހުރި އިރު އޭނާގެ ރީތިކަން އޭގެ އިންތިހާއެވެ. ލޮލުގެ ބޭރުގައި ޖައްސާފައިވާ ކުލައާއި، ލޮލުގައި އަޅާފައިވާ އައިލާނާއާއި އެސްފިޔާގައި ޖައްސާފައިވާ މަސްކަރާއިން ލޮލުގެ ރީތިކަން ފާޅުވެ ހުއްޓެވެ. މޫނުމަތީގައި އުނގުޅާފައިވާ ފައުންޑޭޝައިން ރޭޝަމްގެ މޫނު ހީވަނީ ފުރިހަމަ ވެފައިވާ ހަނދެއް ހެންނެވެ. އަޅާފައިވާ ޝޯލްއިން ވިދަ ވިދާ ހުރި ވިދުވަރާއި ތުންފަތުގައި ޖައްސާފައިވާ ރަތްކުލައިގެ ލިޕްސްްޓިކުން ރަންދޯދިތަކެއް ފަދަ ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. ހުދުކުލައިގެ ހައި ހީލް ބޫޓްގައި ރޭޝަމް ހާދަ ޗާލެވެ. އަތުގައިވާ މާބޮނޑިން ހީވަނީ ބަގީޗާގައި ރަނިކަންކުރަނީ ރޭޝަމް ހެންނެވެ.

ކުލަބޮކިތަކުން ޖަރީކޮށްފައިވާ މުޅި މާހައުލު އެއްވަސް ވެފައިވަނީ މަޑުމަޑު މީރުވަހަކުންނެވެ. ކައިވެނީގެ މަޖްލީހުގައި ޝިނާޒް އަށާއި ރޭޝަމް އަށް އެކުވެރިންނާއި ދެފަރާތުގެ އާއިލާ އިންތިޒާރު ކުރަމުން ދިޔައެވެ. އެކުވެރިންނާއި ދެފަރާތުގެ އާއިލާއެވެ. ކޮންމެ މީހަކުވެސް ކެތްމަދުވެފައިވާ އެވަނީ އެ ދެމީހުން ކައިވެނީގެ ހެދުމުގައި ފެންނާނެ ވަގުތަކަށެވެ. ދެމީހުންްގެ ކައިވެނި ކުރެވުނީ އެވެ. ކޮންމެ މީހަކުވެސް ދެމަފިރީންގެ ރީތިކަމަށް ތައުރީފް ކުަރަމުން ގެންދިޔައެވެ. ކާއެއޗެހިތައް އެއްފަރާތެއްގައި ހުރި މޭޒުމަތީގައި އަތުރާލާފައި ހުއްޓެވެ. ކެއުމުގައި އިންސާފުކުރަމުންދާއިރު ޖަހާފައިވާ މަޑުމަޑު މިއުޒިކްގެ ސަބަބުން ހިތްތަކަށް ލިބިފައިވާ ހިތްހަމަޖެހުން ފާޅުވާން ހުއްޓެވެ. ގިނައިރުތަކެއް ވަންދެން ކޮޅަށް ތިބި ޝިނާޒް އާއި ރޭޝަމް ތިބީ އިށިއިނދެލެވޭނޭ ވަގުތެއްގެ އިންތިޒާރުގައެވެ. މެހެމާނުން މަދުވެލި ވަގުތު ހަސީނާ ބުނެލިއެވެ. ދެން ދޭ ދެކުދިން އިށިއިނދެލަން.. މިހާރު ތިބޭނީ ވަރަށް ވަރުބަލިވެފަ... ވާނީވެސް އެހެންތާއެވެ. އެހެންތިބޭތާ ތިން ހަތަރު ގަޑިއިރެއްވީއެވެ.

ޝިނާޒް އާއި ރޭޝަމް އައިސް ސޯފާގައި އިށިއިނދެލެވުނު އިރު ސިޓިންރޫމްގައި ޓީވީ ހުޅުވާފައިވާ ހުއްޓެވެ. ފެން ފުޅިއެއް ހިފައިގެން އައި ހަސީނާ ދަރިފުޅަށް ފެންފުޅި ދިއްކޮލުމަށް ފަހު ހަސީނާވެސް ޖެހިގެން ހުރި ސޯފާގައި އިށިއިނދެލިއެވެ. އެއާއި އެކު ވަރުބަލި ކަމުގެ އާހެއް ބޭރުކޮއްލިއެވެ. އޭރު ބާރައިގެ ޙަބަރު ޓީވީއިން އަންނަމުން ދިޔައެވެ. މީގެ އެތަށް އަހަރެއް ކުރިން ފެށިގެން ކުޑަކުދިންނަށް އެކި ގޮތް ގޮތުން ގޯނާ ކޮށްފައިވާ ޝިއުނާ ޙިލްމީ ފަނަރަ އަހަރަށް ޖަލަށް ލުމަށްވަނީ ޙުކުމް ކުރެވިފައެވެ. މީނާގެ މައްޗަށް ވަނީ ސަރުކާރުން ނާއި އަމިއްލަ ފަރާތްތަކުން ފަނަރަ ދަޢުވާ އެއް ކޮށްފަ...

ހަސީނާއަށް މިޙަބަރު ލިބުމާއި އެކު ﷲއަށް ޝުކުރުޢަދާކުރެވުނެވެ. އަދި މިކަހަލަ ޖާހިލުން ލިބެެންޖޭހޭ ޙައްޤު އަދަބު ދޭންޖޭހޭނޭކަމަށް ބުނެލެވުނެވެ. ހަސީނާގެ ހިތްވަރުން މިއަދު ދަރިފުޅު ސަލާމަތް ވެފައިވީނަމަވެސް އެހިތި ހަނދާންތައް ވާނީއޭނާ އާއި އެކުގައެވެ. މިއަދު މުޖުތަމަޢުއަށް ހަސީނާ ދޭން ބޭނުންވާ މެސެޖަކީ އެންމެ ގާތުން ދަރިންގެ ކަންތައްބަލާށެވެ. އެކުދިން ދައްކާ ވާހަކަ އަޑުއަހާށެވެ. ދަރިންގެ ވާހަކަތަކާއި މެދު އިހްމާލް ނުވާށެވެ. ދަރިފުޅުގެ އެންމެ ގާތް މީހެއްގެ ގޮތުގައި މަންމަ ހުންނާށެވެ. އެޖާގަ ދަރިފުޅުގެ ހިތުން އެހެން މީހަކަށް ދިނަ ނުދޭށޭވެ. މިޤައުމުން މިފަދަ ޤައްދާރުންނަށް ފުރުސަތު ނުދޭށެވެ. މިއަދު ލިބިގެން މިދިޔަ އިބްރަތަކީ ހަސީނާ މީގެ ބާރައަހަރު ކުރިން ފެށިގެން ހިތްވަރު އެލުވައިނުލާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެދުވަހު އެއީ އާދައިގެ ކަމެކަމަށް ހީކޮށް ދޫކޮއްލިނަމަ މިއަދު އެ ޖާހިލުންގެ ޝިކާރައަކަަށް ވާނީ ކާކުގެ ކޮން ދަރިއެއްކަމެއް އިނގޭނީ ކާކަށް ހެއްޔެވެ؟ އެކަމަށްޓަކައި ހޭދަކުރިވަގުތުގައި ފަހެއްނުޖެހެއެވެ.

އަހަރެމެންނަށް ﷲ ދެއްވާފައިވާ އަމާނާތާއި ސުވާލު ވެވޭނެއެވެ. އެއީ އަހަރެމެންގެ ހިތުގެ ފިނިކަމެވެ. ލޮލުގެ އަލިކަމެވެ. އެއަލި ކަމުގެ ނޫރެވެ. މިއަދު ޝިނާޒްއަކީ މުޖުތަމައުގެ ލޯބި ލިބިގެންވާ މުޖުތަމައު ދެކެ ލޯބިވާ ދަރިއެކެވެ. ޖެހުނު ކޮންމެ ކަމަކާ ކުރިމަތިލާ އަދި އެހެންމީހުންނަށްވެސް ހިތްވަރުދޭނެ މީހެކެވެ. ދިރިއުޅުމުގައި ފަސް ނުޖެހޭނެ ދަރިއެކެވެ. ހަޝީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަދެމުން ޝިނާޒް އަށް ބުނެލެވުނެވެ. މަންމާ ދެން ނުރޯށެވެ. މިވޭތުވެ ދިޔަދުވަސްތަކުގައި މަންމަ ކެތްތެރިކަމާއި އެކު މަސައްކަތް ކުރަމުން ދިޔައީ މިދަރިފުޅަށްޓަކައި ނޫންހެއްޔެވެ؟ މިއަދު މަންމަގެ މިދަރިފުޅު މިވަނީ އުފަލުން ފޮޅިފައެވެ. މަންމަގެ ބުރަމަސައްކަތައް އަހަރެން މިއަދު ޝުކުރުވެރިވަމެވެ. އަހަރެމެންގެ ދިރިއުޅުމަށް ޓަކައި މިއަށްވުރެ ވަކިން އުފާވެރި ދުވަހެއްް އަންނާނެ ހެއްޔޭވެ.؟ އަހަރެމެންގެ މާޒީ ވަޅުލީއެވެ. އެމާޒީއިން އަހަރެމެން ދެން ލިބިގަންނާނީ ހަމައެކަނި އިބްރަތެވެ. ހިނިތުންވެ ތިބެމެ އެތައް އަހަރަކުު މަސައްކަތް ކޮށްމެ ކުޅިފަސް ލިބިގެންނެވެ. ކާމިޔާބީއަކީ ގަދައަޅާ މަސައްކަތް ކުރާމީހުންގެ ހައްޤެކެވެ. ކެތްތެރިކަމުގެ މޭވާގެ ފޮނިކަން މިހާރު އިހްސާސް ކުރެވިއްޖެއެވެ. ދެން އޮތީ އިރާދަކުރެއްވިޔާ ފެހި މާދަމާއެކެވެ. އުޖާލާއި މުސްތަޤްބަލެކެވެ. އެއާއި އެކު ރޭޝަމް އާއި ޝިނާޒް ގައިގާ ހަސީނާ ބައްދާލީ ދެން ނުރޯނަމޭ ބުނަމުނެވެ.

- ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ޝަހުމާ ޢަލީ / ޗާންދަނީގެ ރ.މާކުރަތު އެވެ. ވާހަކަ ހުށައެޅީ ރިފުދާ މުޙައްމަދު ހދ ކުޅުދުއްފުށީ ދަރުމަ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 07 ޟައްވާލް 1442 އެވެ.