މުނިފޫހިފިލުވުން

ތާޕްސީގެ "ހަސީން ދިލްރުބާ" އަންނަމަހު


ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ތިއޭޓަރުގައި ރިލީޒްކުރަން ހުރި ގިނަ ފިލްމުތަކެއް މިހާރު ވަނީ އޮންލައިން ޕްލެޓްފޯމްގައި ރިލީޒްކުރަން ޝެޑިއުލްކޮށްފައެވެ. މި ގޮތުން އެންމެ ފަހުން މިގޮތަށް ރިލީޒްކޮށްފައިވަނީ ފިލްމު "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" އެވެ.

ލިސްޓުގައި ދެން އެންމެ އަވަހަށް ރިލިޒްކުރުމަށް ހަމަޖެހިފައިވަނީ އެކްޓަރ ތާޕްސީ ޕަންނޫ ލީޑްރޯލުން ފެނިގެންދާ މިސްޓްރީ ތްރިލަރ ފިލްމު "ހަސީން ދިލްރުބާ" އެވެ.

ވިނިލް މެތިއު ޑައިރެކްޓްކުރާ މި ފިލްމު މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ރިލީޒް ކުރުމަށްހަމަޖެހިފައި އޮތް ނަމަވެސް ޕްރޮޑަކްޝަންގެ މަސައްކަތް ނިމުނީ އޮކްޓޫބަރުމަހުކަމުން ފިލްމު ރިލީޒްކުރުން އޮތީ ލަސްކުރަންޖެހިފައެވެ. ޚަބަރުތައް ބުނާގޮތުން އޮންލައިންކޮށް ފިލްމު ރިލީޒްކުރަން މިހާރު ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުއެވެ.

ކަނިކާ ދިލޯން ލިޔެފައިވާ ވާހަކައަކަށް ހަދާފައިވާ މި ފިލްމުގައި ތާޕްސީއާއެކު ޓީވީ އެކްޓަރެއްކަމަށްވާ ވިކްރާންތް މާސޭ ލީޑްރޯލުން ފެނިގެންދާނެއެވެ. ހަރްޝްވަރްދެންރާނޭ އަދި ހަންސިކާ މޮތްވާނީ ފެނިގެންދާނީ ސަޕޯޓިން އެކްޓަރުންގެ ގޮތުގައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް ދައްކާލާފައެވެ.

ހިންދީ، ތެލުގު އަދި ތަމަޅަ ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައިވާ ތާޕްސީ ވަނީ ''ތައްޕަޅު''، ''ބަދްލާ''، ''ޖުޅުވާ 2''، ފަދަ ކާމިޔާބު އެތައް ފިލުމެއްގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ''ރަޝްމީ ރޮކެޓް''، ''ޝާބާޝް މިތޫ''، ''ލޫޕް ލަޕޭޓާ'' އަދި ދޮބާރާ'' ހިމެނެއެވެ.