ދުނިޔެ

ފޭރިގަނެފައިވާ ބިންތަކުގައި އެޅި ގެތައް މާރކެޓް ކުރަން ހުއްދަދީފި


އިސްރާއިލުން ވެރިވެގަނެގެން ހޯދާފައިވާ ބައެއް ބިންތަކުގައި އިމާރާތް
ކޮށްފައިވާ ގެތަށް މާކެޓް ކުރުމުގެ ހުއްދަ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން
ނަތަންޔާހޫ ދެއްވައިފި އެވެ.



އިރުމަތީ ގުދުސްގެ ރަމާތުޝްލޯމޯގައި އިމާރާތް ކޮށްފައިވާ 436 ގެއާ،
ރާމޯތުގައި އިމާރާތް ކޮށްފައިވާ 18 ގެ ބާޒާރުގައި މާކެޓްކުރުމުގެ ހުއްދަ ދީފައިވަނީ
އިއްޔެގެ ވަގުތެއްގަ އެވެ. މި ސަރަހައްދުތަކަކީ 1967 ވަނަ އަހަރު އިސްރާއިލްގެ
ބޯޑަރުތައް ގަވާއިދާއި ހިލާފަށް ފުޅާކުރުމަށް ހިންގި ހަ ދުވަހުގެ ހަނގުރާމައިގައި
ފަލަސްތީނުގެ ސަރަހައްދުން ހިފާފައިވާ ބިންތަކެކެވެ.



އެ ދެ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ގެތައް އިމާރާތް ކުރުމުގެ ހުއްދަ
2012 ވަނަ އަހަރު ދީފައިވީ ނަމަވެސް، އެމެރިކާއާ އިސްރާއިލްގެ މެދުގައި އުފެދުނު
މައްސަލައެއްގައި އެ ގެތައް އިމާރާތްކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ނަމަވެސް، މައްސަލަ ހައްލުކުރުމަށްފަހު، ގެތައް އިމާރާތްކޮށް ނިމި، ގެތަކުގައި
ވަޒަންވެރިވާނޭ އިސްރާއިލްގެ ވަޒަންވެރިން ހޯދުމުގެ މަސައްކަތް ސަރުކާރުން
ފަށާފައިވެއެވެ.



ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މާލިކީ ވަނީ އިސްރާއިލް ސަރުކާރުގެ
މިނިންމުން ކުށްވެރި ކުރައްވާފައެވެ. އަދި، މި މައްސަލަ އިންޓަނޭޝަނަލް
ކްރިމިނަލް ކޯޓް (އައިސީސީ) އަށް ވައްދާނޭ ކަމުގެ އިންޒާރު އޭނާ ދެއްވާފައިވެއެވެ.



ނަތަންޔާހޫ ވަނީ އޭނާގެ ސަރުކާރުގެ ނިންމުންތައް ދިފާއުކުރައްވާ، އިސްރާއިލް
ރައްޔިތުންނަށް ބޭނުންތަނެއްގައި ވަޒަންވެރިވުމުގެ ހައްގު އެބައޮތް ކަމަށް ވިދާޅުވެފައެވެ. 

އިސްރާއިލް ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގައި ބައި މިލިއަނެއްހާ
ޔަހޫދީން ވަޒަންވެރި ކުރުވާފަ އެވެ. މިއީ ގަވާއިދާއި ހިލާފު
ކަމެއް ކަމަށް އައިސީސީ އިން ބުނެފައިވީ ނަމަވެސް، އިސްރާއިލުން ވަނީ އެ
ނިންމުމަށް ގޮންޖަހާ، އިސްރާއިލް ރައްޔިތުންނަށް އިތުރު ގެތަށް އަޅައިދޭނެ ކަމުގެ
ވައުދުވެފައެވެ.