ދުނިޔޭގެ ވިޔަފާރި

ވިޔަފާރީގެ އެއްބަސްވުމުގެ ކަންބޮޑުވުންތައް އެމެރިކާ އަދި ކެނެޑާގެ އިސްވެރިން ޙިއްޞާކޮށްފި


ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މެދު އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ ކެތްރީން ތައި އަދި ކެނެޑާގެ ވިޔަފާރިއާއި ބެހޭ ވަޒީރު މޭރީ އެންޖީ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކިރާއި އީކޮމާރސް ޝިޕްމެންޓްތަކުގެ ވިޔަފާރީގައި ކެނެޑާ އަދި އުތުރު އެމެރިކާ ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ކެނެޑާއަށް ބޭނުންވެފައިވާކަމަށް އަލިއަޅުއްވައި ވާހަކަތައް ކުރިއަށް ގެންދިޔަކަމުގައި ކެތްރީންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ވާރޗުއަލްކޮށް ބޭއްވި އެމެރިކާ މެކްސިކޯ ކެނެޑާ އެގްރީމެންޓް ފްރީ ޓްރޭޑް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގައި ދާދިފަހުން ކެނެޑާއިން ހުށަހެޅި ޑިޖިޓަލް ސާރވިސް ޓެކްސްއާ ބެހޭގޮތުންވެސް ކެތްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ ވިޔަފާރި އުޞޫލުތަކާބެހޭ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައިވާނެކަމަށް ކެނެޑާގެ ވިޔަފާރިއާބެހޭ ވަޒީރު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. ނަމަވެސް އުތުރު އެމެރިކާގެ ސަޕްލައި ޗެއިން ވަރުގަދަ ކުރުމަށާއި ކޯވިޑްގެ ބަލިމަޑުކަމުން އަރަގައިތުމަށް އެއްބާރުލުން ދިނުމަށާއި އެމެރިކާ މެކްސިކޯ ކެނެޑާ އެގްރީމެންޓް ކޮމިޝަންގެ މަސައްކަތްތެރިންގެ ޙައްޤުތައް ފޯރުކޮށްދިނުމަށް ދެ ޤައުމުންވެސް ވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ ވިޔަފާރީގެ ކަންބޮޑުވުންތަކުގެ ތެރޭގައި 'ބައި އެމެރިކާ' ޤާނޫނުގެ ދަށުން އަޅާފައިވާ ޕްރޮކިއުމަންޓް ފިޔަވަޅުތަކާއި ކެނެޑާގެ ލަކުޑިން ނަގާ ޑިއުޓީއާއި ގުޅިގެން ހުރި ޚިޔާލު ތަފާތުވުންތައް ހިމެނެއެވެ.

ލަކުނޑިން ނަގާ ޑިއުޓީއަށް އެއްބަސްވުމާއި ސޯލާ ސޭފްގާޑުން ކުރާ އަސަރުތަކުގެ ވާހަކަ ދެއްކުމަކީ ދެ ޤައުމުގެވެސް ވިސްނުންކަމުގައި ވިޔަފާރިއާބެހޭ ވަޒީރު މޭރީ ތަކުރާރުކޮށް ވިދާޅުވިކަމުގައި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ރައްކާތެރިކޮށްފައިވާ ކެނެޑާގެ ކިރު އުފައްދާ މާކެޓަށް އެމެރިކާގެ ދަނޑުވެރިންނަށް ވަނުމުގެ ހުއްދަ މި ފްރީ ޓްރޭޑް ކޮމިޝަނުގެ ސަބަބުން ލިބެއެވެ.

މެކްސިކޯގެ އިޤްޠިޞާދީ ވަޒީރު ޓަޓިއާނާ، މޭރީ އަދި ކެތްރީން ހިމެނޭ ކޮމިޝަންގެ ފްރީ ޓްރޭޑް ކައުންސިލްގެ ކުރިއަށްއޮތް ބައްދަލުވުމުގައި މެކްސިކޯގެ މަސައްކަތްތެރިންގެ ޙައްޤުތަކާއި އެނޫންވެސް އެހެނިހެން ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.