ދުނިޔޭގެ ވިޔަފާރި

ގޯޖެކް އަދި ޓޮކޮޕީޑިއާ އެއްކޮށްލައިފި


އިންޑޮނޭޝިއާގެ ޓެކް ވިޔަފާރީގެ ބޮޑު ދެ ކުންފުނިކަމަށްވާ ގޯޖެކް އަދި ޓޮކޮޕީޑިއާ އެއްކޮށްލައި އެޤައުމުގެ އެންމެ ބޮޑު ޓެކްނޮލޮޖީ ގްރޫޕް އަދި ދެކުނު އޭޝިއާގެ އެންމެ ބޮޑު އީކޮމާސް ގުރޫޕަށްވުމަށް ތައްޔާރުވެއްޖެއެވެ.

ގޯޖެކް އަދި ޓޮކޮޕީޑިއާއިން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދެ ކުންފުނި އެއްކޮށްލުމަށްފަހު ކުންފުންޏަށް ކިޔާ ނަމަކީ "ގޯޓޫ ގްރޫޕް" ކަމަށާއި އަލީބާބާ، ޓެންސެންޓް، ފޭސްބުކް، ގޫގުލް އަދި ސޮފްޓް ބޭންކުގެ އެހީތެރިކަން ކުންފުންޏަށް ލިބިގެންދާނެކަމަށެވެ.

2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ކުރިއަށްގެންދެވުނު ފަންޑު ހޯދުމުގެ ޕްރޮގްރާމުން ދެ ކުންފުނި އެއްކޮށްލުމުން ޖެހުނު އަގު 18 ބިލިއަން ޑޮލަރަށްވުރެ މަދުނުވާކަމުގައި ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. އަދީ މިއީ އޭޝިއާގެ އިންޓަރނެޓް ދެ ކުންފުނީގެ އެންމެ ބޮޑު އެއްކޮށްލުންކަމުގައިވެސް ބަޔާނުގައިވެއެވެ.

ޖަކާޓާގައި ހުންނަ ގޯޖެކް ކުންފުނިން ވަނީ ސައިކަލް ދަތުރު ހޯދުމަށް އޯޑަރު ކުރެވޭ އެޕްލިކޭޝަނެއް ތައްޔާރުކޮށް އާންމުންނަށް ހުޅުވާލާފައެވެ. އަދި މިކަން ފުޅާކޮށް މި އެޕުން ކާބޯތަކެތި، ތަރުކާރީމޭވާ، ބޭސް ފޯރުކޮށްދީ އަދި ތަންތަނަށް ސާމާނު އުފުލައިދިނުމުގެ ޚިދުމަތްތްވެސް ދޭންވަނީ ފަށާފައެވެ. 2009 ވަނަ އަހަރު އުފެއްދި އޮންލައިން ވިޔަފާރީގެ ކުންފުނި ޓޮކޮޕީޑިއާއިން ކޮންމެ މީހަކަށްވެސް އޮންލައިން ފިހާރައެއް ހުޅުވިދާނެއެވެ. އިންޑޮނޭޝިއާ ބަހުން ފިހާރައަށް ކިޔަނީ 'ޓޯކޯ' އެވެ.

ގޯޓޫ ކުންފުނީގެ ޗީފް އެކްޒެކްޓިވްއަކީ ގޯޖެކްގެ ސީއީއޯ އަންޑްރޭ ސޮއިލިސްޓިޔޯއެވެ. އަދި ޓޮކޮޕީޑިއާގެ ރައީސް ޕެޓްރިކް ކޭއޯ އަކީ ގޯޓޫގެވެސް ރައީސްއެވެ.

ގުޅިފައިވާ ދެ ކުންފުނިން ހަމައެކަނި ވިޔަފާރި ފުޅާކުރާނީ ދުނިޔޭގެ 4 ވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑޮނޭޝިއާއަކަށް ނޫނެވެ. ގޯޖެކް ކުންފުނިން މިހާރުވެސް މަސައްކަތްކުރާ ދެކުނުއިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ގޯޓޫއިން ފޯކަސް ކުރާނެއެވެ.

ގޯޓޫ ގްރޫޕުން އިންޑޮނޭޝިއާގެ ޖީޑީޕީގެ 2 އިންސައްތަ ޙިއްޞާވާނެކަމާއި ވަޒީފާގެ ފުރުޞަތުތަކާއި އިތުރު އާމްދަނީ ހޯދުމުގެ ފުރުޞަތުތައްވެސް ހޯދައިދޭނެކަމަށް އެ ގްރޫޕްގެ ބަޔާނެއްގައި ވަނީ ބުނެފައެވެ.