ސިޔާސީ

އިންޓެލިޖެންސް އޮޑިޓްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ - ސަރުކާރު


ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓުގެ މަސައްކަތް ވަރަށްއަވަހަށް ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި، ކޮމެޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، 8 މެއި 2021ވަނަ ދުވަހު ބޭއްވި ޤައުމީ ސަލަމާތާބެހޭ މަޖިލީހުގެ 7ވަނަ ބައްދަލުމުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.

އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާއެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، މިކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ޙިއްޞާކުރުމާއި ޤާނޫނުގައިވާގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ޙިއްޞާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން، ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މަޢުލޫމާތު ޙިއްޞާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހުރި މިންވަރާއި، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ދެނެގަތުންވެސްމެއެވެ.

ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮމީޓީއަށް ބޭނުންވާ މަޢޫލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ފޯރުކޮށްދެއްވަމުންގެންދެވާކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ.