ކުޅިވަރު

ޕްލޭ އޮފް ސެމީފައިނަލްގެ ފުރަތަމަ ލެގް ބޯންމޯތު ކާމިޔާބުކޮށްފި


އިންގްލީޝް ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވުމުގެ ގޮތުން ޗެމްޕިއަންޝިޕްގައި މިހާރު ކުޅެމުންދާ ޕްލޭ އޮފް ސެމީފައިނަލްގެ ފުރަތަމަ ލެގް އޭއެފްސީ ބޯންމޯތު ކާމިޔާބުކޮށްފިއެވެ. ބްރެންޓްފަޑް އާއި ބައްދަލުކުރިމެޗް ބޯންމޯތު ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ބޯންމޯތުގެ ދަނޑުގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެންޓްފަޑްއެވެ. ނަމަވެސް ކައުންޓަރ އެޓޭކްގައި ބޯންމޯތު ފެނިގެންދިޔައީ މާނުރައްކާތެރިކޮށެވެ. މިމެޗްގައި ބޯންމޯތުންޖެހި ހަމައެކަނި ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހައިދިނީ އާނޮއުޓް ޑެންޖޫމާއެވެ. މިމެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބްރެންޓްފަޑްގެ ބްރަޔަން އެމްބެއުމޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. އެހެންކަމުން ދެވަނަ ލެގަށް ކުރިމަތިލާއިރު ބޯންމޯތަށް މިވަނީ ކުޑަ ލީޑެއް ނެގިފައެވެ.

ބޯންމޯތުގެ ކޯޗު ޖޮނަތަން ވުޓްގޭޓް ބުނީ މި ކުރިމަތިލުން އަދި ނުނިމޭ ކަމަށާއި މިއީ އަދި ހާފް ޓައިމް ކަމަށެވެ. އަދި ބްރެންޓްފަޑްއަކީ އަމިއްލަ ދަނޑުގައި ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން ފަހު 90 މިނެޓް ފަސޭހަ ނުވާނެކަން ވުޓްގޭޓަށް އެނގޭކަމަށެވެ. ނަމަވެސް އެ 90 މިނެޓްގައިވެސް އޭނާގެ ކުޅުންތެރިން ހިތްވަރާއެކު މެޗް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެކަމަށް ވުޑްގޭޓް ބުންޏެވެ. ކޯވިޑް-19ގެ ސަބަބުން އިނގިރޭސި ސަރުކާރުން އެޤައުމުގައި އަޅާފައިވި ފިޔަވަޅުތަކަށް ލުއިދީފައިވުމުގެ ސަބަބުން ކުޅިބެލުންތެރިންނަށް މެޗް ބަލަން ވަނުމުގެ ފުރުސަތު މިހާރު ދީފައިވުމުން މިމެޗަށްވެސް 2000 ސަޕޯޓަރުން މެޗް ބަލާލަން ދަނޑަށް ވައްދާފައިވެއެވެ.

ބްރެންޓްފަޑްގެ ކޯޗް ތޯމަސް ފްރޭންކް ބުނީ މިމެޗްގައި ފެނިގެންދިޔައީ ދެޓީމްގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ކަމަށެވެ. އަދި މިމެޗްގެ ފުރަތަމަ ހާފްގައި ބޯންމޯތު ވަރުގަދަ ކަމަށް ފާހަގަވިކަމަށެވެ. ނަމަވެސް ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނީ އޭނާގެ ޓީމްކަމަށްވެސް ފްރޭންކް ބުންޏެވެ. އަދި ދެވަނަ ލެގްގައި މިނަތީޖާ އަނބުރާލެވޭނެކަމަށް ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމުގައިވެސް ތޯމަސް ބުންޏެވެ.