މިމަހުގެ 5 ވަނަ ދުވަހު ވަޒީރުކަމަށް އައްޔަން ކުރެއްވި ޑރ. ޙުސެއިން ރަޝީދާއި އައިމިނަތު ޝައުނާއަށް ރުހުންހޯދުމަށާއި، ބައެއް ވުޒާރާތަކުގެ މަސައްކަތު ދާއިރާއަށް ގެނައިބަދަލުތައް ފާސްކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދަޢުރުގެ ތިންވަނަ ޖަލްސާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ފިޝަރީޒް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވި ޑރ. ހުސެއިން ރަޝީދު ޙަސަންއާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް އައްޔަންކުރައްވާފައިވާ އާމިނަތު ޝައުނާއަށް ރުހުންދިނުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވާފައެވެ.
މީގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަވެސް ވަނީ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.
މިއީ ސަރުކާރު ވެރިކަމާއި ހަވާލުވުމާއެކު އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި، އެމިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާތީ އެކަން މަޖިލީހުން ފާސްކުރުމަށް ހުށައެޅިފައިވާ މައްސަލައެވެ.
އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަދަލުކޮށް ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި، މީޓިއޮރޮލޮޖީއާއި، ޓެކްނޯލޮޖީއާއި، ސައެންސާއި، ކޮމިއުނިކޭޝަނާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި ހިންގުންވެސް އެމިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައިވަނީ ހިމަނާފައެވެ.
ކުރިން އެންވަޔަރަންމަންޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ.ޙުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ ކުރިން ފިޝަރީޒް މިނިސްޓަކަށް ހުންނެވި ޒަހާ ވަޙީދު، މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް އައްޔަންކުރައްވާފައިވާ އައިމިނަތު ޝައުނާ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަޤާމުގައެވެ.
ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ބަދަލު ގެންނެވީ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރެއްވުމަށާއި ވަޢުދުތައް ފުއްދެވުމަށްކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ގެންނަވާފައި މިވަނީ މިދޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ މާލެ ސިޓީ ކައުންސިލް އެމްޑީޕީއަށް ނާކާމިޔާބުވުމުން އެކަމާއި ގުޅޭ ކަންކަން ދިރާސާކުރައްވާ ސަރުކާރު ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވުމަށްފަހުއެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް އިތުރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.