ކުޅިވަރު

ޔުނައިޓެޑުގެ ވެރިންނާއި ދެކޮޅަށް ސަޕޯޓަރުން ކުރިއަށް ގެންދާ މުޒާހަރާތަކުގެ އަސަރު ކުޅުންތެރިންނަށް


އިންގްލީޝް ޕްރިމިއަރ ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްޓީމް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑްގެ ވެރިންނާއި މެދު ހިތްހަމަ ނުޖެހިގެން އެކްލަބްގެ ސްޕޯޓަރުން މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން ކުޅުންތެރިންނަށް އަސަރުކޮށްފައިވާކަމުގައި އެޓީމްގެ ކޯޗް އޮލޭ ގަނަރ ސޯލްޝެއަ ބުނެފިއެވެ. ސޯލްޝެއަރ މިހެން ބުނެފައިވަނީ ފުލަމްއާއި ދެކޮޅަށް މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޔުނައިޓެޑުން މިނިމުނު ހަފްތާގައި ވަރަށް ގާތްގާތުގައި ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. މިގޮތުން ލެސްޓަރ ސިޓީ އާއި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މިދެމެޗްގެ ކުރިންވެސް އެކްލަބްގެ ސްޕޯޓަރުންވަނީ ސްޓޭޑިއަމް ބޭރުގައި މުޒާހަރާކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެދެމެޗްގެ ކުރިން ކުޅުންތެރިންނަށް ގިނަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. މިގޮތުން ލިވަޕޫލާއި ދެކޮޅަށް ފުރަތަމަ ކުޅެން އޮތް ދުވަހު އެމެޗު ވަނީ ސްޕޯޓަރުން ދަނޑަށް ވަދެގަތުގެ ސަބަބުން ފަސްކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި އެމެޗް އަލުން ކުޅުނު ދުވަހު ސްޕޯޓަރުން ދަނޑު ކައިރިއަށް އެއްވުމުގެ ކުރިން ދަނޑަށް ޓީމް ގޮސްފައިވުމުގެ ސަބަބުން ގިނަ އިރުތަކެއް މެޗްގެ ކުރިން ދަނޑުގައި ކުޅުންތެރިން ހޭދަކުރަންޖެހުނެވެ. އަދި ކުޅުންތެރިން މެޗްގެ ކުރިން އަރާމު ކުރުމަށްޓަކައި ސްޓޭޑިއަމްއަށް އެނދުވެސް ގެންދިޔައެވެ. ސޯލްޝާ ހާމަކުރިގޮތުގައި މިކަން ހާމަކުރުމުގެ ބޭނުމަކީ ކޮންމެހެން ދެމެޗުން ބަލިވީތީ އުޒުރު ދެއްކުމުގެ ގޮތުން ނޫން ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ކުޅުމަށް މި މުޒާހަރާތަކުގެ ސަބަބުން އަސަރު ކޮށްފައިވާކަމަށެވެ.

ފުލަމްއާއި ދެޚޮޅަށް މިރޭ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޕްރިމިއަރ ލީގުގެ މިފަހަރުގެ ސީޒަންގެ ދެވަނަ އެޓީމަށް ޔަގީންކުރެވިގެންދާނެއެވެ. އަދި އޭރަށް ފަހުމެޗްގައި ވުލްވަރހެމްޓަން ވޮންޑަރަރސް އާއި ދެޚޮޅަށް ކުޅޭ މެޗަށް މުހިންމު ކުޅުންތެރިންނަށް ރެސްޓެއް ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއީ ޔޫރޮޕާ ލީގުގެ ފައިނަލް ކުރިމަތީ އޮތުމުންނެވެ. މިރޭގެ މެޗަށް ކުޅިބެލުންތެރިން ދަނޑަށް ވެއްދުމުގެ ހުއްދަ ދީފައިވުމުން މިރޭގެ މެޗްގައި ކުޅުންތެރިންނަސް އިތުރު ހިތްވަރެއް ލިބޭނެކަމަށް ސޯލްޝާ ހާމަކުރިއެވެ. އަދި ކޮންމެ ޓީމެއްގައިވެސް ކާމިޔާބީ ބޭނުންވާކަމުގައިވާނަމަ ކުޅުންތެރިންނާއި ސްޕޯޓަރުން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމުކަމުގައި ޔުނައިޓެޑްގެ ކޯޗް ހަމަކުރިއެވެ.