ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް ޢަދަދުތައް މައްޗަށް، މިއަދު 1،433ގައި


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވެއްޖެއެވެ. އިތުރު 1،433މީހުން ޕޮޒިޓިވްވެ، މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956އަށް އަރާފައެވެ.

ރާއްޖެއަށް އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 1،433މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1،294މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 134 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956އަށް އަރާފައެވެ.

ވޭތުވެ 24 ގަޑިއިރުގެތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންނާއެކު މިވަގުތު 16،997 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 268 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން ދަތުރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި 6 މީހުންނަށް ފަރުވާދެމުން އަންނައިރު، 5 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

ވޭތުވެ 24 ގަޑިއިރުގެތެރޭގައި މިބަލިން 398 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 28،849 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،480 ސާމްޕަލެއް ވަނީ ނަގާފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 102 މީހުންވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 89 ދިވެހިންނާ 13 ބިދޭސީންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ކޯވިޑް19 ބަލީގައި އިތުރު 4 މީހުން މިވަނީ ނިޔާވެފައެވެ. މިއާއެކު މިމަހުގެ މިހާތަނަށް ޖުމްލަ 28މީހުން މިވަނީ ނިޔާވެފައެވެ.