ޚަބަރު

ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ކައުންސިލްތަކުގެ ދައުރުބޮޑު - ރައީސް


ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނީ ބޮޑެތި ބާރުތަކާއި އިޚްތިޔާރުތައް ލިބިދޭހެން 5 އަހަރުދުވަހަށް އަލަށް އިންތިޚާބުކުރި ކައުންސިލްތައް ހުވައިކުރުމާ ގުޅިގެން ދެއްވި ޚިޠާބުގައެވެ. ރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުމަކީ އެމަނިކުފާނުގެ މުހިންމު ސިޔާސަތެކެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުތަކަކާ ޙަވާލުވެ ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްސަ ޚިތާބުގައި ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރެމުން ދާ ހަލުވިމިނަށް ބަލާއިރު، މިބަލި ކޮންޓްރޯލް ކުރުމުގައިވެސް، ކައުންސިލްތަކުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުން ވަރަށްމުހިންމުކަމަށެވެ. މިބަލި ފެތުރެމުން ދިޔުމުގެ ސަބަބުން، މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް އަރައި ފޭބުން މަނާކޮށްފައިވާއިރު، ރަށުގެ ހާލަތު އާންމު ހާލަތަށް ގެންދިއުމަށް ކައުންސިލްތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށް، ބަލިން އަރައިގަތުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑަށް އެނގޭ ރަށެއް ފުރަބަންދުކޮށްލުމުން، އެ ރަށެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ އުނދަގުލާއި ދަތިތައް. އެހެން ނަމަވެސް، މިއުނދަގޫ ދަތި ޙާލަތުން އަވަހަށް އަރައިގަނެވޭނީ، ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކޮށްގެން. މިއީ، މިއަދު މަޤާމާ ޙަވާލުވެވަޑައިގަންނަވާ ކައުންސިލަރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ އަތޮޅު ތެރޭގެ ގިނަ ރަށްތަކަކަށް އަރާފޭބުން މަނާކޮށްފައިވާއިރު، ބައެއް ރަށްތަކުގައި ރަށްކާތެރިވުމަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ބަލި ކޮންޓްރޯލް ކުރުމުގައި ރަށްރަށުގެ ކައުންސިލްތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން މުހިންމު މަަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރަނަށްވުރެވެސް ބޮޑަށް ބަލި ކޮންޓްރޯލް ކުރުމުގައި ކައުންސިލްތަކުން ދައުރު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިގެނައި މުހިންމު ބަދަލުތަކާއެކު، ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި ސިޔާސީ ގޮތުން އަންހެނުން އިތުރަށް ބާރުވެރިވެ، ފަސްޖެހުމެއްނެތި، ޤައުމީ ތަރައްޤީގެ ކަންކަމުގައި ޙަރަކާތްތެރިވެ އުޅުމުގެ ހިތްވަރާއި ކެރުން، ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.