ޚަބަރު

ކައުންސިލްތަކުން އެންމެބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނަށް - ރައީސް


މިއަދު މަޤާމާ، ހަވާލުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެންމެބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު މަޤާމާ ޙަވާލުވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންނަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުރިހާ މެންބަރުންނަށް، މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުރިއަށް ވުރެ މާބޮޑަށް ޝާމިލްވާގޮތަށް، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް، ތަންފީޒުކުރަން ފެށުމަކީ، މިއަދު ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއްކަމަށެވެ. މިއަދު ފެށުނު މަސައްކަތްތަކާއެކު އަތޮޅާއި ރަށާއި، ޤައުމުގެ ތަރައްޤީއަށް ކުރިއެރުން ހޯދުމުގައި މަޤާމުތަކާއި ހަވާލުވި ބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްތަކާއި ހަވާލުވެ ވަޑައިގެން ކުރިއަށްދާއިރު އެންމެބޮޑު މަސައްކަތަކަށް ވާންޖެހޭނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ޙަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު، ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ޙަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް މިގެނައި ބަދަލުތައް ގެނައުމުގެ ކުރިން، ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާކަމަށެވެ. ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ޤާނޫނު އިޞްލާޙްކޮށް، ލާމަރުކަޒީ ނިޒާމަށް މިބަދަލުތައް ގެނައީ، ރައްޔިތުންގެ ވިންދު ހުރީ، އެ ބަދަލުތަކާއިގެން ކުރިއަށް ދިއުމަށް ކަމަށްވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެކުރިން މަރުކަޒީ ސަރުކާރުގައިހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު އެހުރީ ކައުންސިލްތަކާ ޙަވާލުކުރެވި، ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރުދީ، ރަށްރަށުގެ އިޚްތިޞާޞް މިހާރު އެހުރީ ކަނޑައަޅައިފައި ކަމަށެވެ.

މީގެކުރިން އިންތިޚާބުކުރި ކައުންސިލްތަކާއި، މިފަހަރު އިންތިޚާބުކުރި ކައުންސިލްތަކުގެ އެންމެބޮޑު އަނެއް ތަފާތަކީ، ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރި މީހުންގެ ތިން ބައިކުޅަ އެއް ބަޔަކީ، އަންހެން ބޭފުޅުންނަށް ވުންކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ޤައުމީ ތަރައްޤީގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ރަށު ތަރައްޤީގައި އަންހެނުން ބައިވެރިކުރުމުގައިވެސް، އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، މިއަދު މިފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.