ޚަބަރު

އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް މަޖިލީހުން ގޮވާލައިފި


ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުން ޝަހީދުކޮށް، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، އެޢަމަލުތައް ވަގުތުން ހުއްޓާލުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.

ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ ޢާންމު ރައްޔިތުން
ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ ޢަމަލު ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި ޢިބާރާތުން
ކުށްވެރިކުރާކަމަށެވެ.

އަދި އިސްރާއީލުން ހިންގާ އެކަންކަން ވަގުތުން ހުއްޓާލުމަށްވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންވަނީ ގޮވާލާފައެވެ. ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެދޮރުން ނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ، މިނިމުނު ބަރަކާތްތެރި ރަމަޟާން މަހުވެސް މިސްކިތުގައި އަޅުކަމުގައި ތިބި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ޚިލާފު ޢަމަލުތަކެއްކަން މަޖިލީހުން ފާހަގަކުރިއެވެ.

އަދި އެކަންކަމަކީ މެދުއިރުމަތީގެ ސުލްހަވެރިކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަސަރުކުރާނެ ޢަމަލެއްކަންވެސް މިބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާއެކުގައިކަމަށާއި، މަޖިލީހުން ފަލަސްޠީނުގެ ރައްޔިތުންނަށް މަދަދުވެރިވުންމަތީގައި ދެމިތީނެކަން މަޖިލީހުގައި ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުން ނޫސްބަޔާނެއް ނެރެފައިވާއިރު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދަޢުރުގެ ފުރަތަމަ ޖަލްސާއަށް ވަނީ ފަލަސްޠީނުގެ ހާލަތާއި ގުޅިގެން ކުއްލި މައްސަލައެއްވެސް ހުށައަޅާފައެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި މިމައްސަލާގައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ހިންގާ ޢުދުވާންތައް ކުށްވެރިކުރުމުގެ ގޮތުން ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.