ޚަބަރު

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކޮށް މަޤާމާއި ހަވާލުވެވަޑައިގެންފި


ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކޮށް މަޤާމުގެ މަސްޢޫލިއްޔަތުތަކާއި މިއަދު ހަވާލުވެވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސިޓީތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަލަށް ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސްވަނީ މަޤާމުގެ ހުވާކުރައްވާފައެވެ.

ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރުތައް މިއަދު ހެނދުނު 09:00 ފަށާފައިވާއިރު މިއަދު 101 ރަށެއްގެ ކައުންސިލަރުންނަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮންލައިންކޮށެވެ. އަދި ފަނޑިޔާރުން ހާޒިރުވެވަޑައިގެން 99 ރަށެއްގައި ހުވާކުރުމުގެ ދަރުބާރުވަނީ ބާއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުވެސް ބާއްވާފައިވަނީ އޮންލައިކޮށެވެ.

މި ރަސްމިއްޔާތުގައިވަނީ، ނިމިދިޔަ ދައުރުގައި ސިޓީ ކައުންސިލަށް ކުރިމަތިވި ގޮންޖެހުންތަކާއި އެތަނުން ކުރި މަސައްކަތްތަކުގެ ވީޑިއޯ ރިޕޯޓެއް ދައްކާލާފައެވެ.

މިރަސްމިއްޔާތުގައި މާލޭގެ ކުރީގެ މޭޔަރ ސިފާ މުޙައްމަދުވަނީ މާލޭ ސިޓީ ކައުންސިލްގެ ތާރީޚަށާއި، ވޭތުވެދިޔަ ދުވަސްތަކުގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް މާލޭގެ ކުރިއެރުމަށްޓަކައި ސިޓީ ކައުންސިލުން ކުރައްވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މާލޭގެ މޭޔަރުކަމުގެ މަޤާމަށް އަލަށް އިންތިޚާބުވި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު ވަނީ މާލޭގެ ތަރައްޤީއާއި ކުރިއެރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރާގުޅޭގޮތުން ތަފްސީލު މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އެގޮތުން މާލޭގެ ބޯހިޔާވައިކަމުގެ މައްސަލަ ޙައްލުކުރުމަށް އެމަނިކުފާނު އިސްކަން ދެއްވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ސަރުކާރުން އެއްބާރުލުން ދެއްވައިފިނަމަ މާލެ ސިޓީގެ މިކައުންސިލް ވެގެން ދާނީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށް ކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރަށް ފާސް ކޮށްފައިވާ މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހަގީގަތަކަށް ހެދުމަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ސަރުކާރުގެ ފަރާތުން. އިރާދަކުރެއްވިއްޔާ މާލެ ސިޓީގެ މި ކައުންސިލަކީ ނަތީޖާ ނެރޭ ކައުންސިލަކަށް ވާނެ. އެެއީ އަޅުގަނޑުގެ އިތުރަށް ކައުންސިލްގައި ތިބި 18 ބޭފުޅުންނަށް ދޭ އެއްބާރުލުމެއް ނޫން. އެއީ މާލެ ސިޓީގެ ރައްޔިތުންނަށް ދެއްވާ އެއްބާރުލެއްވުމެއް" މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވާދަވެރިކަން ބޮޑުވެފައިވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަނޑައެޅުން ފަސްކޮށްފައިވާކަންވެސް މޭޔަރު މުޢިއްޒުވަނީ ވިދާޅުވެފައެވެ. އެގޮތަށް ނިންމާފައިވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އެންގުމާ އެއްގޮތަށް ހުރިހާ ކައުންސިލަރުން ބައިވެރިވާ ބައްދަލުވުމެއްގައި ނަގާ ސިއްރު ވޯޓަކުން ޑެޕިއުޓީ މޭޔަރު ހޮވުމަށް ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. މިގޮތަށް ނިންމީ ކޯވިޑް-19އާއި ގުޅިގެން ބައެއް ކައުންސިލަރުން ކަރަންޓީނުގައި ތިބުމުންނެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލީ 7 ރަށެއްގެ އިންތިޚާބީ ޝަކުވާގެ މައްސަލަތަކެއް ހައި ކޯޓަށް ހުށައަޅާފައިވުމުން އެމައްސަލަތަކުގައި ހިމެނޭ ކައުންސިލަރުން ހުވާކޮށްފައިނުވެއެވެ. އޭގެ ތެރޭގައި ގއ. ކޮނޑޭ، ހއ. ފިއްލަދޫ، ލ. މާބައިދޫ ކައުންސިލުގެ ރައީސްގެ އިތުރުން ތ. ކަނޑޫދޫ ކައުންސިލްގެ މެންބަރުން ހުވާކުރުން ފަސްކުރުމަށް ހައިކޯޓުންވަނީ އަމުރުކޮށްފައެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމާ ހަވާލުވެފައިވާއިރު ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ އެކު ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި މާލީ މިނިވަންކަމާއި އަމިއްލައަށް ބޮޑެތި މަޝްރޫޢުތައް ހިންގުން ފަދަ ބާރުތައް ހިމެނެއެވެ. އަދި ކުރިން 3 އަހަރަށް އޮތް ކައުންސިލްގެ ދަޢުރު މިހާރުވަނީ 5އަހަރަށް އިތުރުކޮށްފައެވެ.

މިދިޔަމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.