ޚަބަރު

ކުޅުދުށްފުށީގެ ތާރީހީ ސިޓީ ކައުންސިލް މަސައްކަތަށް


މޭޔަރާއި އައު ކައުންސިލަރުން ހުވައި ކުރައްވާ ކުޅުދުށްފުށީގެ ފުރަތަމަ ސިޓީ ކައުންސިލް ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

10،000 މީހުންނަށް ވުރެ މަތި އަބާދީއެއް ކުޅުދުށްފުށީގައި ހަމަވެ އެރަށަށް ސިޓީއަކަށް ބަދަލުކުރަން ނިންމީ 2018ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަސްމީކޮށް ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެކަން އިއުލާންކުރެއްވީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުއެވެ.

އަލަށް އުފެދުނު ކުޅުދުށްފުށީ ސިޓީ ކައުންސިލްގައި މޭޔަރާއި އެކު އިތުރު 6 މެމްބަރުން ތިއްބަވައެވެ. މިދިޔަ މަހުގެ 10 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުށްފުށީ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. ކުޅުދުށްފުށީގެ ފުރަތަމަ މޭޔަރަކީ އަހުމަދު އާތިފްއެވެ.

ކައުންސިލްގައި ދެން ތިއްބަވާ މެމްބަރުން

- ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާ މުހައްމަދު ދާއޫދު
- ކުޅުދުއްފުށި ސިޓީ ހުޅަނގު އުތުރު ދާއިރާ އަހުމަދު އަބްދުﷲ
- ކުޅުދުއްފުށި ސިޓީ މެދު އުތުރު ދާއިރާ އައިމިނަތު މަޖީދާ
- ކުޅުދުއްފުށި ސިޓީ މެދު ދެކުނު ދާއިރާ އާތިފާ އަލީ
- ކުޅުދުއްފުށި ސިޓީ އިރު ދެކުނު ދާއިރާ އަލީ އަހުމަދު
- ކުޅުދުއްފުށި ސިޓީ ހުޅަނގު ދެކުނު ދާއިރާ ރިލްވާން މުހައްމަދު

އާ މޭޔަރުވަނީ ކައުންސިލްގެ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކޮށް، އޮނިގަނޑަށާއި ހިންގާ ގަވައިދަށް ބޭނުންވާ އިސްލާހުތައް ގެނެސް ދާއިރާތަކަށް މަދުވާ މުވައްޒަފުންވެސް ހަމަކޮށް އިދާރާގެ ހުރިހާ ގުނަންތައް ފުރިހަމައަށް ހަރަކާތް ކުރެވޭ ވަރުގެ ހަކަތަ ހޯއްދަވާދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް 3 މަސްދުވަސް ތެރޭގައި ކުޅުދުއްފުށި ސިޓީގެ ތަރައްގީގެ ޕްލޭން ނިންމާލާ ސިޓީއަށް ދިމާވެފައިވާ މައިގަނޑު ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަުގެ ޔަގީންކަންވެސް އައު މޭޔަރުވަނީ ދެއްވާފައެވެ. މީގެއިތުރުން ރަށަށް ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ލޭންޑްޔޫސް ޕްލޭތައް ހަދާ ރަށުގައި ބިން ހުރި ވަރަކުން އެ މައްސަލައަށް ހައްލު ލިބިގެންދާނެ މަޝަރޫއުތައް ފައްޓަވާނެކަމަށްވެސް މޭޔަރު އާތިފް ވިދާޅުވިއެވެ.

މި ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައިވާ މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން، ސްޓޯމް ވޯޓަރ، ޑީ ވޯޓަރިންގ އަދި ފަޔާ ހައިޑްރަންޓް މި މަޝްރޫއުގެ ތެރެއަށް އިތުރުކޮށް ދިނުމަށް މިހާރުވެސް ކައުންސިލް މެދުވެރިކޮށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާކަންވެސް އާތިފް ވަނީ ފާހަގަކުރައްވާފައެވެ.