ޚަބަރު

އިސާހިތަކު މަސައްކަތުގައި ބައިވެރިވާނަން، ރައްޔިތުން އެދޭގޮތަށް ދެމި ހުންނާނަން - ނަޝީދު


ރައްޔިތުންގެ މަޖލީހުގެ މަސައްކަތުގައި ވަރަށް އަވަހަށް ބައިވެރިވެޑައިގަންނަވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށުނު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއަށްް ފޮނުއްވި މެސެޖެއްގައެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ޗުއްޓީތަކަށް ފަހު ފަށާފައިމިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯދެއްވުމަށް ޖަރުމަނުގައި ހުންނަވަނިކޮށެވެ. ޖަރުމަނުގައި ހުންނަވާ ރައީސް ނަޝީދު ވަނީ މިއަދު ޖަލްސާ މެދުވެރިކުރައްވާ ދިވެހި ރައްޔިތުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް މެސެޖެއް ފޮނުއްވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ މި ދައުރުގެ ޖަލްސާތައް މި ފެށުނީ އެމަނިކުފާނުގެ ފުރަނާފުޅު ދުއްވާލަން ނުރައްކާތެރި ހަމަލާއެއް ދެވިފައިވަނިކޮށްކަމަށެވެ. އަދި މި ދަނޑިވަޅުގައި މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތްޕުޅު ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

" މި ނުރައްކާތެރި ބިރުވެރި ހާލަތުގައިވެސް ރައްޔިތުން މަޖލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއްނެތި ހިވާގި ކަމާއިއެކު ތިޔަ ހުރިހާ އިއްޒަތެރި މެމްބަރުން މަސައްކަތް ކުރައްވާނެކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަން. ޤައުމުގެ މަސްލަހަތު އިސްކުރައްވާ ރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބަޔަށާއި މަންފާ މަސައްކަތް ކޮށްދެއްވާނެކަން އަޅުގަނޑު ޔަގީންކުރަން." ރައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ބައިވެރިވާނެކަމަށެވެ. އަދި ރައްޔިތުންނާއި ދާދި އަވަހަށް ބައްދަލުކުރައްވާނެކަމަށާއި ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެކަމަށްވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.