މުނިފޫހިފިލުވުން

ވާހަކަ: ރައުނާ


އެމްބިއުލޭންސްގެ ސައިރިން އާއިއެކު އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއީ ސްކޫލް ނިމިގެން ގެއަށް ދިޔަ މަގުމައްޗެއްވެ. މަގުމަތީގެ ކާރޫ ބާރޫ ބޮޑުކަމުން އެމްބިއުލޭންސް ދަތުރުކުރަމުންދިޔަ ދުވެއްޔަށްވެސް ވަނީ މަޑުޖެހިފައެވެ. މަގުމަތީ ހިނަގުމުން ދިޔަމީހުންވެސް އެމްބިއުލޭންސްއަށް ތަންދިނުމުގެ ގޮތުން މަގުގެ ދެފަރާތުގައިވާ ދުވާރުމައްޗައް އަރަމުން ދިޔައެވެ. ހަމަ އެފަދައިން ދުއްވަމުން ދިޔަ އިންޖީނުލީ އުޅަނދުތައްވެސް މަޑުޖައްސާލިއެވެ. އެމްބިއުލޭންސް ގޮސް އެޅީ އަހަރެންގެ ގެ ހުންނަ މަގަށެވެ. އަހަރެން ކުޑަކޮށް ހާސްވިއެވެ. އަނެއްކާ ކޮން ގެއަކަށްބާވައެވެ ނޫނީ ކޮން އަވައްޓެރިއެއް ބަލީވީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެންވެސް އަވަސްވެގަތީ އެމްބިއުލޭންސް ގޮސް މަޑުކޮށްލަނީ އަނެއްކާ އެމަގުގާ ހުންނަގެއަކަށްތޯބެލުމަށެވެ. ދެމީހުންގެ ދޭތެރޭން މަޑުމަޑުން އަރިއަކަށް ޖެހެމުން ނުކުތީމެވެ. އޭރު، އެމްބިއުލޭންސްގޮސް މަޑުކޮށްލީ ސީދާ އަހަރެންގެ ގޭގެ ދޮރުމައްޗަށެވެ. އަހަރެންގެ މޭ ތެޅެންފެށިއެވެ. ތަފާތު އެއްޗިހި ހިތަށް އަރާ ފައިބަމުން ދިޔައެވެ. ހިތަށް ބިރުވެރިކަން އިހްސާސް ކުރެވެން ފެށިއެވެ. އަހަރެން ދުވަމުންގޮސް އެމްބިއުލޭންސް އާ އަރާހަމަވިއިރު ދެ އެޓެނޑެންޓުން އަށިގަނޑު ހިފައިގެން ގޮސް އަހަރެންގެ ގެއަށް ވަންނަނީއެވެ. އެހާހިސާބުން އަހަރެންގެ ހަތަރެސްފައި ފިނިވާން ފެށިއެވެ. އަނެއްކާ ބައްޕަޔަށް ކަމެއްވީބާވައެވެ. ދުވަމުންގޮސް ގޭތެރެއަށް ވަނީމެވެ. އެއްއަޑަކަށް އިވެނީ ރޯއަޑެވެ. މަންމަޔާ ކޮއްކޮމެން އަދި ތިމާގެމީހުންވެސް ތިއްބެވެ. އަހަރެންނަށް ހީކުރެވުނީ ހަމަ ރަނަގަޅަށެވެ. އަހަރެންގެ ބައްޕަޔަށް ކޮންމެސް ކަމެއްވީއެވެ. އޭރުވެސް އަދި ވެގެން އުޅޭގޮތެއް ރަނަގަޅަކަށް ސާފެއްނޫނެވެ. އެތެރެ ކޮޓަރިއަށް ވަންއިރު އެނދުމަތީގައި މަންމަ ބާއްވާފާ އޮތެވެ. ކައިރީގައި ކޮއްކޮ އާ އަދި ތިމާގެ މީހުން މަންމައަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުން ދަނީއެވެ. އަހަންނަށް ބޭ އިހްތިޔާރުގައި ގޮސް މަންނަ ގާއިގާ އޮޅުލައި ގަނެވުމެވެ. އަދި ބާރަށް ރޯންފެށުނެވެ.
މަންމާ!،، ކިހިނެތްވީ ބައްޕައަށް؟ މާބޮޑަށް ބަލިވީތަ؟.

އޭރު އަށިގަނަށް ލައިގެން ބައްޕަ ހޮސްޕިޓަލަށް ގެންދިއުމަށް ބައްޕަގެ ކޮޓަރިތެރޭން ނެރެނީއެވެ. ބައްޕަގެ މޫނުމައްޗާއެއްކޮށް އޮތީ ހުދު ފޮތިގަނޑެއް އަޅާ މޫނު ނިވާކޮށްފައެވެ. އެހާހިސާބުން ބައްޕަ މި ފަނާވަނިވި ދުނިޔެދޫކޮށްފާ ދިޔައީކަން އަހަންނަށް ޔަގީން ކުރެވުނެވެ. އަހަންނަށްވެސް ހުއްޓުން އެރިއެވެ. ބައްޕައަކީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިންމު މީހެކެވެ. ހުރިހާކަމެއްގައި އަހަންނަށް ހިތްވަރުދީ އަހަރެންގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އައިމީހެކެވެ. ކޮއްކޮމެނާ ހިލާފަށް ބައްޕަ އަހަންނާ ވަރަށް ގާތެވެ. ބައްޕައަކީ ހިތުގެ ބައްޔަށް ފަރުވާކުރަމުން އަންނަމީހެކެވެ. ފަހަކަށްއައިސް ބައްޕަ މުޅިންވެސް ވަގުތު ހޭދަކުރަމުން އަންނަނީ ގޭގައެވެ. ބޭރަށް ނުކުތުން ވަރަށް މަދެވެ. މިއަދުވެސް އަހަރެން ސްކޫލަށް ދިޔައީ ބައްޕައަށް ބޭސް ކާންދީ އަދި ހީ ސަމާސާ ކޮށްހަދާފައެވެ. އޭރުވެސް ބައްޕަ ހުރީ ގަދަކޮށެވެ. ކުއްލިއަކަށް މިހެން ދިމާވުމުން އަހަންނަށް ވަނީ ޝޮކެއްލިބިފައެވެ. އިތުރަށް އެކަމާ ބެހޭގޮތުން ވާހަކަދައްކާކަށްވެސް ނޭންގުނެވެ.

އަހަރެންގެ ސުވާލަށް މަންމައަކަށް ރަނަގަޅަކަށް ޖަވާބެއް ނުދެވުނެވެ. މަންމަގެ އެވަރުގެ ހިތްވަރެއް ނެތެވެ. މަންމައަށް ރޮވެނީއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބައްޕަގެ ފުރާނަނެތް މަސްގަނޑު އެންބިއުލޭންސްއަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރުވެސް މަންމަ އޮތީ ކޮޓަރި ތެރޭގައި ރޯށެވެ.

ބައްޕަގެ ޖަނާޒާގެ ކަންތައް އެދުވަހުގެ އަސުރުވަގުތަށްފަހު އާސާހަރާގައި ކުރިއަށް ދިއައެވެ. އަހަންނާ އަދި ކޮއްކޮމެންގެ ހިތްވަރާއެކު މަންމަގޮވައިގެން ބައްޕަގެ ޖަނާޒާއަށް ދިޔައީމެވެ. ބައްޕަގެ މޫނު އެޅިވަގުތު މަންމަ ހޭނެތިގެން ވެއްޓުނެވެ. އަދި ހޮސްޕިޓަލަށްގެންގޮސް ފަރުވާދޭން ފެށުނެވެ. މަންމަވަނީ ލިބުނު ޝޮކާއެކީ ކޯމާއަކަށް ގޮސްސައެވެ. މިއީ އަހަރެންގެ ސްކޫލްގެ ފަހު އަހަރެވެ. ނަމަވެސް ކަންތައް މިދިމާވިގޮތުން ސްކޫލަކަށް ނުދެވެއެވެ. އަހަރެންގެ ހަގަށްތިބި ދެ ކޮއްކޮގެ ކަންތައް ބަލަހައްޓަމުން އަދި މަންނަގެ ކަންތައް ގާތުން ބަލަމުން ސްކޫލަށް ނުދެވެނީއެވެ. އޭރު ސްކޫލް ނިމެން ބާކީ އޮތީ ހަތް ވަރަކަށް މަހެވެ.އަހަރެންގެ މި ހަގު އުމުރުގައި އަހަރެން ނަގަން ޖެހިފާމިވަނީ ބޮޑު ޒިންމާއެކެވެ. ކޮއްކޮމެންގެ ކިޔެވުމަށް ދާ ޚަރަދާ ގޭތެރޭގެ ޚަރަދު ބަލަހައްޓަނީ ގޭގައި ކުއްޔަށްދީފާ ހުރި ފިހާރައިން ލިބޭ އެއްޗަކުންނެވެ. އެއީ މާކަށް ބޮޑު އަދަދެއްވެސް ނޫނެވެ. އިމާރާތުގެ ބާކަމުންނާ ޖާގައިގެ ކުޑަކަމުން މާބޮޑު އަގަކަށް ކުއްޔަކަށް ނުދެވެއެވެ.

މަންމަ ހޮސްޕިޓަލުގައި އޮންނަތާ މިހާރު ތިންމަހާ ގާތްވަނީއެވެ. މަންމަގެ ހާލު ދުވަހަކަށްވުރެ ދުވަހެއް ދަނީ ދަށަށެވެ. މަންމަ އަނބުރާ އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. މަންމައަށް ފަރުވާދެނީ އައި. ސީ.ޔޫގައި ބާއްވައިގެންކަމުން މަންމަ އާ ބައްދަލުވަނީ ދުވާލެއްގައި ވަރަށް މަދު ވަގުތުކޮޅެއްގައެވެ. މަންމަ ފެނުމުން އަހަރެންގެ ހިތަށް ފުން އަސަރު ތަކެއް ކުރެއެވެ. އަހަރުން ތިންބެއިން ބަލާ ބޮޑުކުރަށް މަންމަ ކުރި ބުރަ މަސައްކަތް އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެންނުދާނެއެވެ. މަންމަ އަބަދުވެސް އަހަރެންކައިރީ ބުނަމުން އައީ އަމިއްލަ ފައިމައްޗައް ތެދުވުމަށް ގަދައަޅާ މަސައްކަތްކުރުމަށެވެ. ކޮއްކޮމެންގެ ހައްޤުގާ މަސައްކަތްކޮށް ކޮއްކޮމެން ރަނގަޅު ގޮތުގާ ތަރުބިއްޔަތު ކުރުމަށެވެ. ޒިންމާދާރު މީހަކަށް ވުމަށެވެ. އަހަންނަކީ އަންހެނަކަށް ވީނަމަވެސް މާތް ﷲ ގެ ވާގިފުޅާއެކީ މީން އެއްވެސް ކަމެއްކުރުމަށް ފަހަތަކަށް ނުޖެހޭނަމެވެ. ސާބިތުކަމާއެކީ މަންމަ ދިން ނަސޭހަތުގައި ހިފައި މަންމަ އެދުނު ކަންތައް ކޮށްދެވޭތޯ ބަލާނަމެވެ.

އެއީ އަހަރެން މަންމަކައިރިއަށް ޒިޔާރައްކުރި ފަހުދުވަހެވެ. އަހަރެން ހުރީ މަންމަގެ ކައިރީގައެވެ. ބޮލުގާ ފިރުމާލަ ފިރުމާލައެވެ. މަންމަ އަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރގެ އިތުރުން ކާންދޭ ހޮޅިވެސް ވަނީ ގުޅާފައެވެ. މަންމަގެ އެންމެ ފަހު ނޭވާ ދޫކޮށްލީ އަހަރެންގެ ހާޒިރުގައެވެ. ބައްފަ ނިޔާވިތާ 6 މަސް ވީދުވަހުއެވެ. އަހަރުމެން ތިން ބެއިން ޔަތީމުވީއެވެ. މިއަދު އަހަރެންގެ ހަގަށް ތިބި ދެ އަންހެން ކޮއްކޮގެ މަންމަ އަކީ ވެސް ބައްޕަ އަކީ ވެސް ހަމަ އަހަންނެވެ. އެކުދިންގެ ހައްޤުގާ އަހަރެން ހުރަސް ނުކުރާނެ ފާލަމެއް ނުބާއްވާނަމެވެ. އަހަންނަށް ތަޢްލީމް ފުރިހަމަ ނުކުރެވުނުކަމިގައި ވީނަމަވެސް އެކުދިން ނަށް އުޖާލާ މުސްތަޤްބަލެއް ހޯދާދެވެތޯ އަހަރެން ގަދައަޅާ މަސައްކަތް ކުރަން އަޒުމް ކަނޑައެޅީމެވެ.

އެގޮތުން މަންމަ ނިޔާވިތާ މާ ގިނަދުވަސްތަކެއްނުވެ އަހަރެން މީހަކާ އިންނަން ނިންމީމެވެ. އެއީ ހާލަތު ނިޔާކުރިގޮތުން ދިރިއުޅުން ބައްޓަން ކުރަން އިތުރުމީހެއްގެ އެހީތެރިކަން ބޭނުންވާތީއެވެ. އަހަރެންގެ އުމުރުން 18 އަހަރުގައި ކައިވެނި ކުރީމެވެ. ކައިވެންޏަށްފަހު އަހަރެންވެސް ވަޒީފާއަށް ދާން ފެށީމެވެ. އަހަރެންގެ ފިރިމީހާ ފަވާޒަކީ އުމުރުގެ ގޮތުން އަހަންނަށްވުރެ 10 އަހަރު ދޮށީ މީހެކެވެ. ފަވާޒަކީ ކުރިންވެސް އާއިލީ ރައްޓެއްސެއްގެ ގޮތުގައި ގެއަށް އައިސް އުޅޭ މީހެކެވެ. ފަވާޒް އަހަރެންގެ ކޮއްކޮމެނަން އަދި އަހަންނަށްވެސް ވަރަށް ހެވެވެ.ފަވާޒަކީ އިލެކްޓްރޯނިކް ސާމާނުމަރާމާތު ކުރާމީހެއެކަމުން އޭނާގެ މަސައްކަތް މިހާރު ކުރަނީ އަހަރެންގެ ގޭގައި ހުރި ފިހާރައިގައެވެ. ގޭތެރޭގެ ހުރިހާ ހަރަދަކާ އަދި ކޮއްކޮމެންގެ ކިޔެވުމުގެ ހަރަދުތައްވެސް ބަލަހައްޓަނީ ހަމަ ފަވާޒެވެ. ފަވާޒުގެ ހެޔޮކަމަށްޓަކައި އަހަރެން ޝުކުރުވެރިވަމެވެ. ކައިވެންޏަށް 7 އަހަރުވީއިރު އަހަންނަށްވަނީ ލޯބިލޯބި ފިރިހެން ކުއްޖެއް ލިބިފައެވެ. އަހަރެންގެ ދެ ކޮއްކޮވެސް މިހާރު ސްކޫލް ނިމި ވަޒީފާއަށް ދެއެވެ. އަހަރެންގެ ދަރިފުޅު އިކްރާމްގެ މާމަޔާ ކާފަ ދުނިޔޭގައި މިއަދު ތިބިނަމަ ހާދަ އުފާވާނޭ ހިތަށް އަރައެވެ. އަހަރެން އެންމެ އުފާވަނީ މަންނަ ބޭނުންވިގޮތަށް ކޮއްކޮމެން ބަލާ ބޮޑުކުރެވުނީމައެވެ.

އިކްރާމް ސްކޫލަށް ދާ އުމުރު ފުރަޔަށް އެޅުމުން ފަވާޒް ބޭނުންވީ އިކްރާމް ގޮވައިގެން އަވަށްޓެރި ޤައުމެއްކަމުގައިވާ ސްރީލަންކާއަށް އަހަރެންގެ ދިރިއުޅުން ބަދަލުކުރާށެވެ. ނަމަވެސް އަހަރެން އެކަމާ އިންކާރުކުރީމެވެ. ފަވާޒް ބަހައްޓާފަ އެކަނި އަހަރެން ނުދާންވެގެނެވެ. އެއީ، ފަވާޒަށް އަހަރެން އިތުބާރުނުކުރާތީކީނޫނެވެ. އެކަނިގޮސް ބޭރު ޤައުމެއްގައި އިނުމަކީ ބޮޑު ޒިންމާއެއްކަމަށްވެފާ ފަވާޒްގެ ކަންތައްތައްކޮށްދޭނެ މީހެއް ނުހުންނާނެތީއެވެ. އަހަރެން ފަވާޒްކައިރީ ބުނީމެވެ.

ފަވާޒް!، އަހަރެން ދިއުމުން ފަވާޒް ކިހާ އެކަނިވާނެ. އަދި ފަވާޒްގެ ކަންތައްކޮށްދޭނީ ވަކި ކާކު؟ ޖަވާބުގައި ފަވާޒް ބުންޏެވެ. ރައުނާ!، ރައުނާ ގެ ކޮއްކޮމެންވެސް އެތިބީނު. އަދި އެހެންނޫނަސް އަހަރެންގެ ކަންތައް އަހަރެން އެކަނި ކުރުން އެއީ މައްސަލައެއްނޫނޭ ރައުނާ. މިހާރު މުހިންމީ، ކުދިންނަށް ރަނގަޅު ތަޢްލީމެއް ފަށައިދިނުން. މި މުޖްތަމަޢު އަކީ ކުއްޖަކު ބަލާ ބޮޑުކުރުމަށް އެހާ ރަނގަޅު ތަނެއްކަމަށް އަހަންނަކަށް ނުފެނޭ. އަހަރެން ކުޑަކޮށް ވިސްނާލަން އިނުމަށްފަހު ބުނީމެވެ.
ފަވާޒް!، އަދި އިކްރާމް ކިހާ ކުޑަ. ބޭނުންވާ ތަޢްލީމް މިޤައުމުންވެސް ލިބޭނެއެއްނު. އަމިއްލަޤައުމުގައި ހުރެގެން ކިޔަވާދިނުން މާ ރަނގަޅުވާނެއެއްނު.

އަހަރެން ފަވާޒަށް ވިސްނާދެވޭތޯ ވަރަށް މަސައްތައްކުރީމެވެ. ނަމަވެސް ވަފާޒް އެކަމަށް އިންކާރު ކުރާތީ އަހަރެން އެކަމަށް އެއްބަސްވީމެވެ. އަދި މާގިނަދުވަސްތަކެއް ނުވެ އަހަރެން ދަރިފުޅާއެކު ސްރީލަންކާޔަށް ބަދަލުވީމެވެ. ފަވާޒް އަހަރެންނާއެކީ ގޮސް ހުރިހާ ކަމެއް ހަމަޖައްސާދިނެވެ. އަދި އަހަންނަށް ދަތިނުވާނޭގޮތަށް ހުރިހާ ކަމެއް އިންތިޒާމްކޮށްދިނުމަށްފަހު އެނބުރި މާލެ އައެވެ. ފަވާޒް މާލެ އައުމުގެ ކުރިން އަހަރެން ފަވާޒްކައިރީ ބުނީމެވެ.

ފަވާޒް!، އަހަރެން ފަވާޒަށް ވަރަށް އިތުބާރުކުރަށް. އަހަރެން އުންމީދުކުރަން ފަވާޒް އަހަންނަށް ދެރެގޮތެއް ނުހަދާނެކަމަށް. އާދައިގެމަތިން ލާނެއް ހިނިގަނޑެއްޖަހާލުމަށްފަހު ފަވާޒް ބުނެލިއެވެ. އަހަރެން ރައުނާ އަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދާނެކަން އެގޭނު. އަހަންނަށް އިތުބާރުކުރޭ. ފަވާޒް ކުޑަދުވަސްކޮޅަކު އަހަރެންކައިރީ މަޑުކުރުމަށްފަހު އެނބުރި މާލެއައެވެ. އަދި ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރު އަހަންނަށް ގުޅާ ހާލު ބަލާހަދައެވެ. ނަމަވެސް އޭގެ އަހަރު ތަކަކަށްފަހު އަހަރުން ދެމީހުންގެ ގުޅުމަށް ކޮންމެސްވަރެއްގެ ހީނަރުކަމެއް އަންނަންފަށައިފިކަމުގެ އިހްސާސްތަކެއް އަހަންނަށް ކުރެވެން ފަށައިފިއެވެ. ފަވާޒްއާ އަހަރެން ގުޅަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ބިޒީ ކަމަށްބުނެ ފޯނު ކަނޑާލަނީއެވެ. މީ ފަވާޒް އެހެންޏާ ދުވަހަކުވެސް ކަންތައްކުރިގޮތެއްނޫންކަމުން އަހަރެން މިކަމާ ވަރަށް ހައިރާން ވިއެވެ. އަދި މިކަން މިހެން ތަކުރާރުވާން ފެށުމުން ކޮންމެސް ކަމެއް ގޯސްކޮށް ދާހެން އަހަންނަށް ޝައްކުވާންފެށިއެވެ. އެހާހިސާބުން އަހަރެން އޮކްރާމް ގޮވައިގެން މާލެއައިމެވެ. ފަވާޒަށް އެންގުމަކާނުލައެވެ. މިކަންވީ ފަވާޒަށް ވަރަށް ހައިރާންކުރަނިވިކަމަކަށެވެ. އަދި އެކަމާ ވަރަށް ހިތްހަމަނުޖެހުނެވެ. އަދި އަހަރެން އެނބުރި ދިއުމަށް އެދުނެވެ. ނަމަވެސް އަހަރެން ދެން އެބުރިދާކަށް ބޭނުމެއްނޫންކަމަށް ފަވާޒުގާތު ބުނީމެވެ. މިކަމުގައި ދެމީހުން ވަރަށްބޮޑަށް ދެބަސް ވެވުނެވެ. ފަވާޒް އަހަރެން އެހާވަރުން ފޮނުވާލަން އުޅެނީ ކީއްވެބާވައޭ ހިތައްއަރައެވެ. މިހާހިސާބުން އަހަންނަށް ޝައްކުވާންފެށިއެވެ.

އެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. ފަވާޒް ދިޔައީ ހުޅުމާލޭގަ މަސައްކަތެއް ކުރާށެވެ. އަހަރެން ކުދިން ސްކޫލަށް ލާފައިއައިސް ގޭތެރޭގެ މަސައްކަތުގައި އަވަދި ނެތި އުޅުނީމެވެ. ކެއްކުމަށްފަހު ގޭތެރެ ސާފުކުރުމަށް ފަށައިގަތީމެވެ. ކޮޓަރީގެ ކަބަޑު ސާފުކުރަމުން ދިޔަ ވަގުތު ފަވާޒްގެ އަންނައުތަކުގެތެރޭން ކަރުދާސްތަކެއް ނުކިއްސަރު ގޮތަކަށް ނުކުމެ ހުރުމުން އެއްވަރުކޮށްލުމަށްޓަކައި ނެގީމެވެ. އަދި އެނދުމަތީ އިށިންދެލުމަށްފަހު އެ ކަރުދާސްތައް އެއްވަރޮކޮށްލުމަށްޓަކާ ފަހަރަކު ކަރުދާހެއް ބަލާލީމެވެ. ކަރުދާސްތަކާއެއްވެފާ އޮތް ކުޑަވަރެއްގެ ފޮތެއް ދޭތޭރޭން ބިންމައްޗަށް ވެއްޓުނެވެ. އަހަރެން އެއީ ކޯޗެއްތޯ ބަލާލީމެވެ. އަހަރެންގެ ލޯމަތިން ފެންނަމުންއެދިޔަ ކުޑަ ފޮތަކީ އަހަރެން ދުވަހަކުވެސް ލޯމަތިން ފެންނާން ބެނުންވި އެއްޗެއްނޫނެވެ. އާނއެކެ. އެއީ ފަވާޒާ އެހެން އަންހެނެއްގެ ކައިވެނީގެ ސެޓްފިކެޓެވެ. ދެވަނަ ފަހަރަށްވެސް އަހަންނަށް އެއަށް ބަލާލެވުނެވެ.

ޔަގީންކުރުމަށްޓަކައެވެ.އަހަރެންގެ އަތް ތުރުތުރު އަޅަމުންދިޔަ ހާލުގާ ކައިވެނީގެ ސެޓްފިކެޓް ކިޔާލީމެވެ. އެއީ ހަމަ އަހަރެންގެ ފިރިމީހާ މުހައްމަދު ފަވާޒާ، އާއިޝަތު ވިމްލާގެ ކައިވެނީގެ ސެޓްފިކެޓެވެ. ހިތުގަ އުފެދެމުންދިޔަ ސުވާލުތައް އިންތިހާއަށް ގިނައެވެ. ބޭއިޚްތިޔާރުގާ އަހަންނަށް ރޯންފެށުނެވެ. ސާފުކުރަމުންދިޔަ ކަބަޑު ހުރިގޮތަށް ބެހެއްޓުމަށް ފަހު އެނދުމައްޗަށް ވެއްޓިގަނެވުމެވެ. އަހަރެންގެ ކޮޓަރިހުރީ ހުޅުވާފަކަމުން އަހަރެން ރޯއަޑު ބޭރަށް އިވިގެން އެވަގުތު ގޭގަ ހުރި އަހަރެންގެ ކޮއްކޮ ޝައުނާ އައިސް ހައިރާންކަމާއެކު އަހަންނާދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ވެގެން އުޅޭގޮތާބެހޭގޮތުން ސުވާލުކުރިއެވެ.
ދައްތާ!.. ދައްތައަށް ކިހިނެއްތަވީ؟ ކީއްވެ ތިރޮނީ ތިވަރަކަށް؟ އަހަންނަށް ކޮއްކޮ ގައިގާ ބައްދާލެވުނެވެ. އަދި ކޮއްކޮ އަތަށް ކައިވެނީގެ ސެޓްފިކެޓް ދިއްކޮއްލުމަށްފަހު ސުވާލުކުރީމެވެ. ކޮއްކޯ!،، ދައްތަ އަތުގަ މިއޮއްއެއްޗެއް ބަލާލަބަލަ. މިކަމާބެހޭ އެއްވެސް މަޢުލޫމާތެއް ކޮއްކޮއަށް އެނގޭތަ؟

ސުވާލުތަކެއް އުފެދޭގޮތަށް އަހަންނަށް ބަލަހައްޓައިގެން ހުރުމަށްފަހު މީން އެއްވެސް ކަމެއް ނޭންގޭ ވާހަކަ ބުންޏެވެ. އަދި އެކަމާ ނުވިސްނާ ފަވާޒްބޭބެއާ ދެމީހުން ވާހަކަދައްކައިގެން އެކަންތަކާބެހޭ ގޮތުން މަޢްލޫމާތު އޮޅުންފިލުވުމަށް އަހަންނަށް ނަސޭހަތްތެރިވެ ހިތްވަރު ދިނެވެ. އަހަރެންގެ ހިތަށް ކުއްލިއަކަށް އައީ ފަވާޒް އެހާވަރަކުން އަހަރެން ލަންކާގައި ބެހެއްޓުމަށް އުޅުނު ހިޔާލެވެ. ފަވާޒް އަހަންނަށް ބޭވަފާތެރިވީ ކީއްވެބާ!، ފަވާޒް މިފަދަ ބޮޑު އޮޅުވާލުމެއް އަހަންނަށް އޮޅުވާލީ ކީއްވެބާ!؟ އަހަރެން ހިތާހިތުން އަމިއްލަ ނަފްސާ މިސުވާލުތައް ކުރީމެވެ.

ކޮންމެއަކަސް ހަވީރުގެ ވަގުތެއްގައި މަސައްކަތް ނިމިގެން ފަވާޒް ގެއަށް އައެވެ. ފަވާޒް އައުމުން އަހަރެން ފަވާޒްގެ އަތުގާ ހިފައިގެން ކޮޓަރިއަށް ގޮސް ކަބަޑުން ފެނުނު ކައިވެނީގެ ސެޓްފިކެޓް ނަގާ ފަވާޒަށް ދެއްކުމަށްފަހު އެއީ ކޯޗެއްތޯ ސުވާލުކުރީމެވެ. އަހަރެން ހުރީ ކަޅިޖަހާނުލާ ފަވާޒްގެ މޫނަށް ބަލަހައްޓައިގެނެވެ. އަދި އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނުމަށްޓަކައި ފަވާޒް އަތް އުފުއްލާލިއެވެ. ނަމަވެސް އިޚްތިޔާރަކާނުލާ އަހަންނަށް ފަހަތަށް ޖެހެވުނެވެ. އަހަރެން ތަކުރާރުކޮށް ފަވާޒުގާތު ސުވާލުކުރީމެވެ.

ފަވާޒް: މީ ހަޤީގަތެއްތަ؟. އަހަރެންބޭނުން ފަވާޒްގެ ދުލުން މިކަމުގެ ހަޤިޤަތް އެނގެން. ފަވާޒް އިސްޖަހާލުމުމަށްފަހު ބުނެލިއެވެ. ރައުނާ!، އަހަންނަށް މާފްކުރޭ. މީ އަހަންނަށް ކުރެވުނު ކުށެއް. އަހަރެން މިކުށަށް އިޢުތިރާފްވަން. އަހަރެން ބޭނުމެއްނޫން ރައުނާ ދޫކޮށްލާކަށް. ފަވާޒްގެ ދުލުން ބަންޑުން ކުރަމުން އެދިޔަ ޖުމްލަތައް އަޑުއަހާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ފަވާޒްއެއީ އަހަރެން އެންމެ އިތުބާރު ކުރި އެކަކެވެ. ފަވާޒް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެކަމަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ. އަހަރެން ބޭނުންވީ ފަވާޒްކައިރިން މިނިވަންވާށެވެ. ފަވާޒް އެބޭނުންވާގޮތަށް ދިރިއުޅޭކަށް އަހަރެންގެ ހިތެއް ނުރުހެއެވެ. ފަވާޒް ތަކުރާރުކޮށް އަހަންނަށް އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ އިތުބާރު ފަވާޒަށް ގެއްލިފާވާތީ އަހަރެން ފަވާޒްދެކެ ކިތަންމެ ލޯބިވީކަމުގާވީނަމަވެސް ކުރިއަށްދާން ބޭނުން ނުވީއެވެ. އަހަރެންބޭނުންވީ އަހަރެންގެ އަމިއްލަ ހާލައިގެން ކުރިއަށް ދާށެވެ. ފަވާޒް ކިތަންމެ ބޭނުން ނޫންކަމުގާވީނަމަވެސް އަހަރެން އެދުމުގެ މަތިން އަހަރެން މިނިވަންކޮށްދިނެވެ. އަދި އަހަރެން އެދުމުގެ މަތިން އިކްރާމްވެސް އަހަންނަށް ދިނެވެ. އަހަރެންގެ ދަރިފުޅާ އަހަރެންގެ ކޮއްކޮމެންނަކީ އަހަރެންގެ އާއިލާކަމަށް ދެކި އަހަރެން ފަސްނުބަލާ ކުރިއަށްދާން އަޒުމް ކަނޑައެޅީމެވެ. ހަޔާތުގާ ދިމާވާ މިފަދަ އުދާސްތަކަށް ކެއްތެރިވުމުގެ ނަސީބް މިންވަރުކުރެއްވިކަމަށްޓަކާ މާތް ﷲ އަށް ޝުކުރުކުރަމަވެ.

ދުވަސްތައް މާޒީވަމުންދިޔައެވެ. އަހަރެން ފަވާޒްއާ ވަކިވި ހިސާބުން ފަވާޒްގެ އެއްވެސް އެހީތެރިކަމެއް އިކްރާމްއަކަށް ނުލިބެއެވެ. ފަވާޒްއާ ވަކިވިތާ ކުރީކޮޅު އިކްރާމް ދެކެން އައިސް އިކްރާމް ގޮވައިގެން ތަންތަނަށް ގޮސް ހަދައެވެ. ނަމަވެސް މަޑުމަޑުން ފަވާޒް ބަދަލުވެ އެއްވެސްވަރަކަށް އިކްރާމަކަށް އަޅައެއްނުލައެވެ. ފަވާޒް އިކްރާމްއާ ބައްދަލުނުވާތާވެސް މިހާރު އެތައް ޒަމާނެއް ވެދާނެއެވެ. އަހަރެން އިތުރު ކައިވެއްޏެއްނުކޮށް ދުވަސްތައް ހޭދަކޮށްލީ އަހަރެންގެ ދަރިފުޅުގެ ހައްޤުގައެވެ. އަހަރެން އިކްރާމް ބަލާ ބޮޑުކުރީ ވަރަށް ހާލުގައެވެ. މާބޮޑު އާމްދަނީއެއް ނުލިބޭތީ މީހުންގެ އެހީތެރިކަމާވެސް އެކީގައެވެ. އިކްރާމްގެ ސްކޫލް ދައުރު ނިންމާލީ ﷲގެ އިރާދަފުޅުން ވަރަށް ފުރިހަމަ ކާމިޔާބީއާއެކުއެވެ. އިކްރާމްއަށް މަތީ ތަޢްލީމް ހާސިލްކުރުމުގެ ފުރުސަތު ރާއްޖޭން ބޭރުން ފަހިވެގެން ދިޔައެވެ. އިގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރިސިޓީއަކުން ވަނީ މަތީތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިފައެވެ.

ފިނި ޤަޢުމެއްކަމުން ބޭނުންވާނެ ހުރިހާ ޒަރޫރީ އެއްޗިއްސެއް ވަރަށް ހާލުން އަހަރެން އިކްރާމްއަށް ހޯދަދިނީމެވެ. ދަތިނުވާނޭހެން ބޭނުންވާނެ ހުރިހާސާމާނެއް ހަމަކޮށްދިނީމެވެ. އިކްރާމް ފުރުމުގެ ކުރިން ބައްޕަޔާ ބައްދަލުކޮށްލުމަށް އެދުމުންވެސް އެކަންވެސް ވާގޮތެއް ނުވިއެވެ. އިކްރާމް ފުރުވަން އެއަރޕޯޓަށް އަހަރެން ދިޔައިމެވެ. އެންމެ ފަހުގެ ސަލާމަކަށް އަހަރެން އިކްރާމްގެ ނިތްކުރީގައި ބޮސްދިނީމެވެ. އަދި އަޚްލާގީ މިންގަނަޑު ބެހެއްޓުމަށާ، ދީނުގައި ސާބިތުވެހުރުމަށާ މައިންބަފައިންނަށް އޯގާތެރިވެ ކަމޭހިތުމަށްވެސް ނަސޭހަތްތެރިވީމެވެ. އެއީ އަހަރެންގެ ހަމައެކަނިހުރި ފުރާނައެވެ. އިކްރާމް ފުރުވާލުމަށްފަހު ގެއަށް އައިސް އެކަނިވެރިކަން އިޙްސާސް ކުރެވެން ފެށިއެވެ. ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ހާލު އިކްރާމް ބަރާބަރަށް ބަލާ ހަދައެވެ. ކިތަންމެ ދުރުގާ ހުއްޓަސް އަހަރެންގެ ހިތް ވަނީ އިކްރާމްއާއެކުއެވެ.

އިނގިރޭސި ވިލާތުގައި އިކްރާމްގެ ކިޔެވުންނިންމާލީ ވަރަށްވެސް ފުރިހަމަ ކާމިޔާބީ އަކާއެކުއެވެ. އެންޖިނިއަރިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ނިންމާލީ ރަންވަނަޔަކުންނެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އަދި އުފަލުގެ ކަރުނަތަކުން ދެލޯ ފުރިގެންދިޔައެވެ. އިކްރާމްގެ ގްރެޖުއޭޝަންއަށް އަހަރެން ދާންބޭނުންވިއެވެ. ނަމަވެސް އެހާ ދުރަށް ދާން ފުދޭވަރެއްގެ އެއްޗެއް އަތުން ހަރަދުވާނެތީ މާލީގޮތުން ފުދުންތެރި ނުވުމާއެކީ އެވިސްނުން ދޫކޮށްލީއެވެ. ގްރެޖުއޭޝަންވެސް ނިނުނީއެވެ. އަހަރެން މިހާރު އުންމީދު ކުރަނީ އިކްރާމް އެނބުރި މާލެ އަންނާނެ ދުވަހަކަށެވެ. މަސްތައް ފާއިތުވަމުން ދިޔައެވެ. އިކްރާމް އެނބުރި ރާއްޖެ އަންނާކަށް ހިޔާލެއް ނުކުރިއެވެ. އެކަމާ އަހަރެން ވަރަށް ކަންބޮޑުވިއެވެ. އިކްރާމްއަކީ ސަރުކާރުގެ ބޮންޑެއްގާ ހުރި ކުއްޖެއްކަމުން ދިވެހި ދައުލަތަށް ޚިދުމަތްކުރުމަށް އެނބުރި ރާއްޖެ އައުން މުހިންމެވެ.

އަހަރެން އިކްރާމަށް ވިސްނާދޭން ވަރަށް މަސައްކަތްކުރީމެވެ. މިފަހަކަށް އައިސް އަހަންނަށް އިކްރާމްގެ ހަބަރެއްވެސް ނުވެއެވެ. ކޮށްލާ މެސެޖަކަށްވެސް ޖަވާބު ދެނީ ވަރަށް މަދު ފަހަރަކުއެވެ. ރާއްޖެ އެނބުރިއަންނަން ބާރުއަޅާތީކަމަށް އަހަރެން ހީކުރީމެވެ. ކޮންމެއަކަސް އިކްރާމްގެ ގްރެޖުއޭޝަން ނިމުނުފަހުންވެސް މިހާރު 6 އަހަރު ވީއެވެ. އޭނާ އެނބުރި ނާންނާތީ އަދި ހަބަރެއްވުވާތީ ސަރުކާރުގެ ކަމާބެހޭ އިދާރާއިންވެސް އަހަންނަށް ގުޅާ ހަދައެވެ. އިކްރާމްގެ ހަބަރެއް އަހަންނަށްވެސް ނުވާތާ އަހަރު ތަކެއް ވެއްޖެއެވެ. އެކަމާ އަހަރެން ވަރަށް ދެރަވެއެވެ. އަހަރެންގެ ލަގޮނޑިއަށް ކެއްވަނީ ހަމަ ކިރިޔާއެވެ. ދެކޭހިތުންވެސް މަރުވަނީއެވެ. ފަވާޒް އެގޮތަށް އަހަންނާދޭތެރޭ ކަންތައް ކުރިކަމުގައިވީނަމަވެސް، އިކްރާމް އަހަންނަށް އޯގާތެރިވާނޭކަމަށް އަބަދުވެސް އުންމީދު ކުރަމެވެ. އިކްރާމްގެ ހަބަރެއްނުވުމުން އެނެމެފަހުން އަހަރެން ނިންމީ ލަންޑަންއަށް ދިއުމަށެވެ. އިކްރާމްއާ ބައްދަލުކުރުމަށެވެ. އެހެންކަމުން ގާތް ރަހުމަތްތެރިއެއްގެ އަތުން ފައިސާ ދަރަންޏަށް ނަގައިގެން ލަންޑަންއަށް ދިއުމަށް ޓިކެޓެއް ގަތީމެވެ. ލަންޑަން އަށް ދިޔަޔަސް އިކްރާމް ހޯދާނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އުންމީދު ކަނޑައެއް ނުލަމެވެ.

އިކްރާމް މަތިން ހަނދާން ވާ ކޮންމެ ފަހަރަކު އުންމީދު ގެ ހުޅުކޮޅު ދިއްލެއެވެ. އަހަރެން ލަންޑަން އަށް ފުރީ ޑިސެމްބަރ މަހެއްގައެވެ. އެއީ އެތަނަށް ފިނިމޫސުމެވެ. އަހަރެން އަތުގައި ފިނިއިރު ލާނެ އެއްޗެއްވެސް ނެތެވެ. އަހަރެންގެ ހަނދާނަށް އައީ އިކްރާމް ފުރުވަންވެގެން އަހަރެންގެ ރައްޓިއްސެއްގެ އަތުން ފައިސާ ހޯދައިގެން އެއްޗިހިގަންދިން ހަނދާނެވެ. އެހަނދާން އާވުމުން އަހަންނަށް ދެރަވެގެން ރޮވުނެވެ. ކޮންމެއަކަސް އެގަދަފިނީގައިވެސް އަހަރެން ކެއްކުރަން ނިންމީމެވެ. އިކްރާމްގެ ހައްޤުގައެވެ. ހީތްރޯ އެއަރޕޯޓުން ނިކުމެގެން ދާނެ ވަކި މިސްރާބެއް ނޭންގިފާ ހުރީމެވެ. އެއްޗަކަށް އަރައިގެން ދާނީ ވަކި ކޮންތާކަށްބާވައޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ހިތަށް އެރީ ލަންޑަންގާ ހުންނަ ދިވެހި ކޮންސިއުލާ އަށް ދިއުމަށެވެ. އެމީހުނަށް ފަހަރުގާ އިކްރާމް އުޅޭ ސަރަހައްދެއް އެނގިދާނެތީއެވެ. އެގޮތުން އަހަރެން ޓެކްސީއަކަށް އަރައިގެން ކޮންސިއުލަރ އަށް ދިޔައީމެވެ. ނަމަވެސް އެތާކުން މާބޮޑު މަޢުލޫމާތެއް ނުލިބުނެވެ. އަހަރެން ހަދާނެ ގޮތްހުސްވިއެވެ. ދާނީ ވަކި ކޮންތާކަށްބާވައެވެ.

އެންމެފަހުން އިކްރާމް ކިޔެވި ޔުވަރސިޓީއަށް ދިޔައީމެވެ. އެތަނުން ބައްދަލުވި ދަރިވަރުންގެ ކަންކަމުގާ އުޅޭމީހެއް އެތާގައި އުޅޭ ދިވެހި ދަރިވަރަކާ އަހަންނާ ބައްދަލުކޮށްދިނެވެ. އޭނާގެ ފަރާތުން އިކްރާމްގެ އެޑްރެސް އަހަންނަށް ލިބުނެވެ. އަހަރެން ވަރަށް އުފާވިއެވެ. އެހާދުވަސް ފަހުން އަހަރެންގެ ދަރިފުޅު އަހަންނާ ބައްދަލުވާނެތީއެވެ. އަނެއްކާވެސް ޓެކްސީއަކަށްއަރައިގެން އަހަރެން އެ އެޑްރެސް އަށް ދާން ދަތުރުފެށީމެވެ. ގާތްގަނޑަކަށް ސާޅީސް ފަސްމިނިޓްގެ ދިގު ދަތުރަކަށްފަހު އެއެޑްރެހަށް އާދެވިއްޖެއެވެ. އާދެވުނު އިރު ހަވީރު ފަސްގަޑި ބައިވަނީއެވެ. ޓެކްސީ ގޮސް މަޑުކޮށްލީ 301 ނަމްބަރު ގެއަށެވެ. އަހަރެން ކާރުން ފައިބައިގެން ކާރުގެ ޑިކީއިން ފޮށި ނެގުމަށްފަހު ގެއަށް ބަލާލީމެވެ. 301 ނަންބަރު ޖަހާފައިހުރި ބޯޑުގެ ތިރީގައި ވަނީ ނަންބޯޑެކެވެ. ކައިރިއަށް ޖެހިލުމަށްފަހު ކިޔާލީމެވެ. " މިސްޓަރ އެންޑް މިސިޒް އިކްރާމް" ގެނަން، ބޯޑުގައި އޮތެވެ. އަހަރެން ދިޔައީ ސިސއްސައިގެނެވެ. އެއީ އަނެއްކާ އަހަރެންގެ ދަރިފުޅުގެ ނަންބާވައޭ އަހަރެންގެ ހިތަށްއެރިއެވެ. ކޮންމެއަކަސް ދެހިޔާލެއްގައި ހުރެ އަހަރެން ބެލް ޖަހާލީމެވެ. ހިލަމެއް ނުވިއެވެ. އަނެއްކާވެސް ބެލް ޖަހާލީމެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ. ކުޑައިރުކޮޅަކުން އިސްކޮޅުން ދިގު އެގައުމުގެ އަންހެންކުއްޖެއް އައިސް ދޮރު ހުޅުވާލިއެވެ. އަދި ކައިރީގައި އުމުރުން 3 އަހަރަށްދާ ލޯބި ލޯބި ފިރިހެންކުއްޖެއްވެސް ހުއްޓެވެ. އެއަންހެންކުއްޖާ ދޮރުހުޅުވާލުމާއެކު އަހަރެން މީ އިކްރާމްގެ ގެތޯ ސުވާލުކުރީމެވެ. ވަރަށް ހަރުކަށިގޮތަކަށް އެއަންހެނކުއްޖާ ޖަވާބު ދިނެވެ.

ތީކާކު؟. ކީއްކުރަން މިގެއަށް ތިއައީ؟ މިހެން ބުނިތަނާ އެ އަންހެން މީހާގެ ފަހަތުން ފިރިހެނަކު އަންނަތަން ފެނުނެވެ. އަދި އެމީހަކު އައިސް އަހަރެންގެ ކުރިމައްޗަށް އެ އަންހެންމީހާކައިރީ ހުއްޓުނެވެ. ކުރިމަތީގައި އެހެރީ އަހަރެންގެ ދަރުފުޅެވެ. އަހަރެންގެ ދަރިފުޅު އިކްރާމްއެވެ. އެހާހިސާބުން އެއީ އިކްރާމްގެ އަންހެނުންކަމަށް އަހަރެން ނިންމީމެވެ. އަދި ކައިރީގައި އެހެރީ އަހަރެންގެ މާމަދަރިފުޅުކަމުގާވެސް އަހަރެން ނިންމީމެވެ. ދަރިފުޅާއެކިޔާފަ އަހަރެން އިކްރާމް އަށް ގޮވާލީމެވެ. އަހަރެންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަދި އިކްރާމްގައިގާ ބައްދާލުމަށް އަހަރެން ކުރިއަށް ޖެހިލީމެވެ. ނަމަވެސް އެއަންހެންކުއްޖާ އަހަންނަކަށް އެފުރުސަތެއް ނުދިނެވެ. އެއަންހެންކުއްޖާ އިކްރާމް އާ ސުވާލުކުރިއެވެ.
އިކްރާމް؟. އެއީކާކު؟ ކީއްކުރަން އެމީހާ އެއައީ މިގެއަށް؟ ޖަވާބުގައި އިކްރާމް ބުންޏެވެ.

ލޯރާ!،، އަހަރެން ނުދަންނަން އެމީހާއެއް. ނޭންގެ އެއީ ކާކުކަމެއް. ކީއްކުރަންކަމެއް ނޭންގެ މިގޭދޮށަށް އެއަކީ. އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކަނޑައިގެން ދިޔަހެނެވެ. އެއީ ހަމަ އަހަރެންގެ އިކްރާމްހެއްޔެވެ. އަހަރެން ހިތާހިތުން ސުވާލުކުރެވުނެވެ. އަހަންނަށް ހަމަ ރޮވެނީއެވެ. ދަރިފުޅާއޭ ކިޔާފަ އަނެއްކާވެސް އަހަރެން ގޮވާލީމެވެ. އިކްރާމް އަޑުއިވޭކަމަށްވެސް ނުހެދިއެވެ. އެއަންހެންކުއްޖާ އަހަންނާ ދިމާލަށް ބުންޏެވެ.

މީސްމީހުންގޭގެއަށް ކުރިން އެންގުމަކާ ނުލާ އައުމަކީ މިޤައުމުގަ މަނާ ކަމެއްކަމެއް ނޭންގޭތަ؟ ކަމާބެހޭފަރާތަށް އެންގުމުގެކުރިން މިގޭދޮށުން ދިއުން ބުއްދިވެރިވާނީ، އިތުރަށް އެ އަންހެންކުއްޖާ ބުނެލިއެވެ. އެންމެ ފަހުފަހަރަށް އަހަރެން އިކްރާމްގެ މޫނަށް ބަލާލުމަށްފަހު ދަބަސް ހިފައިގެން ހިނގައިގަތީމެވެ. އަދި ހައެއްކަ ފިޔަވަޅު ކުރިއަށް އެޅުމަށްފަހު ފަސްއެނބުރި ބަލާލީމެވެ. އެކަކުވެސް ފެންނާކަށްނެތެވެ. އަހަރެން ގިސްލާ ރޮމުން އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. އޭރުހުރީ އިރުއޮއްސިފައެވެ. ފިނިކަމުން ތުރުތުރުއަޅައެވެ. މަގުހުރަސްކުރުމަށްފަހު ގާފޮޅުމަތީ އިށީންދެލައިގެން އިނީމެވެ.

ކަކޫމަތީ ބޯޖަހާލައިގެން އޮވެ ހިތްހަމަޖެހޭވަރަށް ރޯލީމެވެ. އަހަރެން އެހާވަރުން ބަލާބޮޑުކުރި ހަމައެކަނި ފުރާނަ މިއަދު އަމިއްލަ މައިމީހާޔާ ދޭތެރޭ އެކަންތައްކުރީ ހާދަ އިހާނެތިކޮށޭ ހިތައް އެރިއެވެ. އަހަރެންގެ ކޮންކުށެއް އޮވެގެންހެއްޔެވެ. އަހަރެންގެ ހަޔާތުގާ ހޯދަން ބޭނުންވި ހަމައެކަނި އުފާވެސް އެބީވީއެވެ. އަހަރެންގެ ހަޔާތަށް އައި އަނދރި ދުވަސްތަކަށްފަހު އުންމީދުގެ ހުޅުކޮޅުވެސް ނިވުނީއެވެ. ގަޑިއެއްހާއިރު އެތާ މަޑުކުރުމަށްފަހު ޓެކްސީއަކަށް އަރައިގެން އެނބުރި އެއަރޕޯޓަށް އައީމެވެ. އަދި އެންމެ އަވަހަށް މާލެ އައި ފްލައިޓްގައި މާލެއައިމެވެ. އަހަރެންގެ ދަރިއެއް ހުރި ކަމުގާ ވީނަމަވެސް އެއީ ނެއް މީހެކެވެ. ނަމަވެސް އަދިވެސް އަހަރެން އޭނާޔަށް އިންތިޒާރު ކުރާނަމެވެ. އޭނާޔަށް ސުވަރުގެ ދެވޭނީ އަހަރެންގެ ފައިތިލަ ދަށުންކަމަށްވާތީ އަހަރެން އިކްރާމްއަށް މާފްކުރަމެވެ. އަހަރެން އެދެނީ އިކްރާމް އަށް ބާއްޖަވެރިހަޔާތެކެވެ. އަދި އުފާވެރި ދިރުއުޅުމެކެވެ. ކޮންމެސް ދުވަހަކުން އިކްރާމަށް ހެޔޮވިސްނުންދެއްވާނެކަމަށް ދުޢާކުރަމެވެ.
- ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައެޅީ ޢަބްދުﷲ މަމްދޫހް/މ. ކެރިން ލައިޓްއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 03 ޟައްވާލް 1442 އެވެ.