ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެ މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 100 އަރައިފިއެވެ. މިއަދު މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާ ނިޔާވެފައިވަނީ މި ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހު 04:41 ގައެވެ. މީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ދެ ވަނަ މީހާއެވެ.
ކޯވިޑް ބަލީގައި އިއްޔެވެސް ރާއްޖެއިން ވަނީ 3 މީހަކު ނިޔާވެފައެވެ. މިިދޔަ ހުކުރު ދުވަހުއެކަނިވެސް މި ބަލީގައި ރާއްޖެއިން 5 މީހަކުވަނީ ނިޔާވެފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 100 މީހުން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 13 ބިދޭސީންނެވެ. މި ބަލީގައި އިއްޔެ ވަނީ 30 އަހަރުގެ ޒުވާނެއްވެސް ނިޔާވެފައެވެ. މީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ.
ރާއްޖޭގައި ކޯވިޑް ބަލީގައި އެންމެ ފުރަތަމަ މީހަކު ނިޔާވީ މިިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 29 ވަނަދުވަހުއެވެ. އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނިޔާވީ ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗަށް ގެންދިޔަތާ މާގިނައިރު ތަކެއް ނުވަނީސްއެވެ. އާމިނަތު އާދަމް ނިޔާވީ ކޯވިޑަށް ޕިޒިޓިވްވި ކަން އެންގި ފަރުވާ ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ރާއްޖެއިން ކޯވިޑް ފެނުނުތާ 23 ދުވަސްފަހުން ނިޔާވި އާމިނަތު އާދަމަކީ މި ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ. ގޮތް ނޭގޭ ފަރުވާއެއް ނެތް މިބަލި އޭރު މާލެ ސަރަޙައްދުގައި ފެތުރެމުން އައިރު ތިބި ބިރުވެރިކަމަށް އިތުރު ހާސްކަމެއް ގެނުވީ އާމިނަތު އާދަމްގެ މަރާއެކުގައެވެ.
ރާއްޖޭގައި ކޯވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ މިހާރު މިވަނީ 1 އަހަރާއި ދެ މަހަށްވުރެ ގިނަދުވަސްވެފައެވެ. އަނެއްކާވެސް ރާއްޖޭގައި މިވަނީ މި ބަލީގެ ބިރުވެރިކަން އިތުރަށް ބޮޑުވެ މި އަންނަނީ ނުރައްކަލުގެ ރަނގަބީލު ޖަހަމުންނެވެ. ރާއްޖޭގައި މިބަލީގައި ފުރަތަމަ މީހަކު ނިޔާވިއިރު އޭރުގެ މިބަލީގެ މީހުންގެ އަދަދު ހުރީ 300 ވުރެ ދަށުގައެވެ.
މިއަދު މިވަނީ މި މަންޒަރު މުޅިން ބަދަލުވެފައެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑު ދުވަސްވަރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ނަމްބަރުތައް މިހާރު އެކައްޗަކަށްވެސް ނުވެއެވެ. އެ އަދަދުތައް ހުރަސްކޮށް މިއަދު މިވަނީ މިބަލީގައި ދުވާލެއްގެ މައްޗަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 ވުރެ މައްޗަށް އަރާފައެވެ. އަދި މިއަދަދުގައި ހުންނަތާ މީވަނީ ހަފްތާއަކަށްވުރެ ގިނަދުވަސްވެފައެވެ.
ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރުމިވަނީ 44،523 އަރާފައެވެ. މި ބަލީގައި އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ މީހުންގެ އަދަދު 100 އެރީއެވެ. ނަމްބަރުތަކުން ބަލާއިރު މީ ރާއްޖެ ފަދަ ކުޑަ، ވަސީލަތް މަދު ޤައުމަކަށް އެއްވެސް ހާލެއްގައި ކުޑަ ނުވަތަ މަދު އަދަދެއް ނޫންނެވެ.
މިވަގުތު ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 16 ހާހާއި ގާތްކުރާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 260 ވުރެ މައްޗަށް އަރާފައެވެ. ކޯވިޑަށް ޓެސްޓްކުރާ ކޮންމެ 5 މީހަކު އެކަކު އަންނަނީ މި ބައްޔަށް ހުށައެޅެމުންނެވެ. ކޮންމެ ދުވަހަކުވެސް އެތައް ރަށަކުން މީހުން މި ބައްޔަށް ޕޮޒިޓިވް މިވަގުތުވެސް 50ހަށް ވުރެ ގިނަ ރަށް އޮތީ މޮނީޓަރިންގެ ހާލަތުގައި އަރާ ފޭބުން މަނާކޮށްފައެވެ. ބައެއް ރަށްތަށް މިހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަދުވަސް މިވަނީ ވެފައެވެ. ވައިރަސް ވަންނަ ކޮންމެ ގެއަކުން އެ އަންނަނީ އައިލާ ހުރިހާ މެމްބަރުންނަށް ބަލި ޖައްސާ މުޅި އާއިލާ އެއްކޮށް ހާސްކަމުގެ ތެރެއަށް ވައްޓާލަމުންނެވެ. މާލެއާއި އެއްވަރަށް ކުދި ކުދި ރަށްތަކުންވެސް މި ބަލި އަންނަނީ ފެންނަމުންނެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ ލިސްޓުގައި ރަށްރަށުން ނިޔާވި މީހުންވެސް އެބަ ތިއްބެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ރާއްޖެއިން މިބަލީގައި 5 މީހަކު ނޫނީ ހަތަރު މީހަކު އަންނަނީ ނިޔާވަމުންނެވެ.
މީ އާދައިގެ ވާހަކައެއް ނޫނެވެ. އަވައްޓެރި އިންޑިއާއިން ފެންނަ މަންޒަރަށް ބަލާލާ މިކަމާއި ވިސްނާލާށެވެ. މާތް ﷲ އާއި ވަކީލުކޮށް ހުރިހާކަމެއް ދޫކޮށްލައިގެން އެ މީހަކަށް އެޅެން ހުރި ފިޔަވަޅުތައް ނާޅާ ހުރުމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން ބުނެދޭ ގޮތެއްވެސް ނޫނެވެ. މާސްކު އަޅާށެވެ. އެއްވުންތައް ނުބާއްވާށެވެ. ކަމެއް ނެތި ބޭރުގައި ނޫޅޭށެވެ. ހެދިފައިވާ އުސޫލަތަކަށް ފުރިހަމައަށް ތަބާވަށެވެ.