ޚަބަރު

ކޯވިޑް-19 : ޓެސްޓުކުރާ ކޮންމެ 3އިން 1 ޕޮޒިޓިވް، ފަރުވާދޭން އިތުރު އިންތިޒާމްތައް ހަމަޖައްސަނީ - ޓެގް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އެޑްމިޓްކުރަންޖެހޭ ޢަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވޭތީ އައިޖީއެމްއެޗް ހިމެނޭގޮތަށް ވަރުވާދޭނެ އިތުރު ތަންތަން ހަމަޖައްސަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ރާއްޖޭގެ ޙާލަތަށް ބަލާއިރު ކުރިން ހަފްތާއަކު 900 މީހުން ޕޮޒިޓިވްވަމުން ދިޔަނަމަވެސް މިދިޔަ 3 ހަފްތާގައި އެޢަދަދު 5،000އަށް އިތުރުވެފައިވާކަމަށެވެ.

އަދި ފަހަކަށްއައިސް މާލެ ސަރަޙައްދުގައި އެވްރެޖްކޮށް 700 މީހުން ޕޮޒިޓިވްވަމުންދާކަމަށާ، މިއާއެކު ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު %5އިން %25އަށް އިތުރުވެފައިވާއިރު ސާމްޕަލް ޕޮޒިޓިވިޓީ ރޭޓުވެސް ކަންބޮޑުވާވަރަށް އިތުރުވެފައިވާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ޓެސްޓުކުރާ ކޮންމެ 3 ސާމްޕަލަކުން އެއް ސާމްޕަލް ނުވަތަ ތިން މީހަކުން އެކަކު ޕޮޒިޓިވްވަމުންދާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

"މާލެ ޞަރަޙައްދުން ނަގާ ކޮންމެ ތިން ސާމްޕަލަކުން އެއް ސާމްޕަލް މިވަނީ ޕޮޒިޓިވްވެފައި. އެހެންވީމަ ޓެސްޓުކުރާ ކޮންމެ ތިންމީހުންކުރެ އެކަކު މިދަނީ ޕޮޒިޓިވްވަމުން." ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝާހިދު ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށެވެ. އެގޮތުން މީގެ 3 ހަތްފާކުރިން ހަފްތާއަކު 100 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަނަމަވެސް މިވަގުތުވެސް 261 ދެމީހުންނަށް އެޑްމިޓްކޮސްގެން ފަރުވާދެމުންދާކަމަށެވެ. އޭގެ ތެރެއިން 16 މީހުންނަށް އައިސީޔޫގައި، އަދި 10 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު ފަރުވާދޭ މީހުންގެ ޢަދަދު އިތުރުވެ އެނދުތައް އަދިވެސް އިތުރުކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

"އަސްލުގައި ކެޕޭސިޓީ ފުރިގެން އެޑްމިޝަން ކެޕޭސިޓީ އިތުރުކޮށްގެން މިހާރު ފަރުވާދެމުން މިދަނީ. އެހެންވީމަ މިފެންނަ ޓްރެންޑަށް ބަލާއިރު، އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ މިއަށްވުރެވެސް ގިނަ އެނދުތައް ބޭނުންވާކަމަށް. އެހެންވީމަ އެގޮތަށް ބަލާފައި އައިޖީއެމްއެޗްގެ ވޯޑުތަކާއި، ހުޅުމާލޭ ހިޔާގައި އިތުރު އެރޭންޖްމަންޓްތަކެއް ހަދަމުން މިދަނީ." ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ބަލިޖެހިގެން ގޭގޭގައި ހޯމް އައިސޮލޭޝަންގައި ތިބޭ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު މިހާރުވެސް މާލެ ސަރަހައްދުގައި ޕޮޒިޓިވްގެން 5،000އަށްވުރެ ގިނަ މީހުން ގެތަކުގައި އެބަތިބިކަމަށެވެ. މީގެތެރޭގައި ހިމެނޭ ހައިރިސްކް މީހުންނަށް ފަރުވާދިނުމުގައި ލަސްތަކެއް ހުރުމަކީ ކަންބޮޑުވާ ކަމެއްކަމަށާާއި މިގޮތަށް ދިމާވަނީ ޕޮޒިޓިވްވާ މީހުން ގިނަވެ ފަރުވާދޭނެ ސިއްޙީ ޚިދުމަތްތެރިން މަދުވެފައިވާތީކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

އެހެންކަމުން ހައިރިސްކް މީހުންނަށް މިދިމާވާ ދަތިތައް ހައްލުކުރުމަށް ޚާއްސަ ކްލިނެކެއް ޤާއިމްކުރެވި ޚިދުމަތްދެމުންގެންދާކަމަށް ޑރ.ވިދާޅުވިއެވެ. އަދި މިކަންކަމަށް ބޭނުންވާ އިންސާނީ ވަސީލަތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ޓެގް ޓީމުގެ ޑޮކްޓަރު ވިދާޅުވިއެވެ.