ދިވެހި ބަހުގެ އުސްތާޛް އަދި ދިވެހި ބަހުގެ ޢަދީބު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤު(ޞާދުބެ) ކޯވިޑް-19އަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޞާދުބޭގެ ޢާއިލާއިން ވިދާޅުވީ ސާދުބެ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ 12ވަނަ ދުވަހުކަމަށާއި، ވަރުދެރަވެ އުނދަގޫތަކެއްވާތީ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރީ މިއަދު ހަވީރުކަމަށެވެ.
ފެސިލިޓީއަށް ގެންގޮސް ފަރުވާދޭން ފެށުމުން މިހާރު ހާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ޢާއިލާގެ ފަރާތުން ވިދާޅުވެވެ.
ޢާއިލާއިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ޕޮޒިޓިވްވި ހިސާބުން ފެށިގެންވެސް ވަރަށްގާތުން މޮނިޓަރކުރަމުން ދިޔަކަމަށެވެ. ނަމަވެސް ވަރަށް ބޮޑަށް އަރިދަފުސްހުރުމާއި މެއަށް އުނގަދޫވާފަދަ ގޮތެއްވާތީ ޑޮކްޓަރުގެ ލަފާގެ މަތިން އެޑްމިޓުކޮށްފައި ވާކަމަށެވެ. އެއާއެކު އޮކްސިޖަން ޓްރީޓްމަންޓް ދޭންފެށުމުން ރަނގަޅުވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
ޢަބްދުﷲ ޞާދިޤްކީ ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ދިވެހިބަހުގެ އެކެޑަމީގެ ޚާއްޞަ މުޝީރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
މުލަކަތޮޅު މުއްޔަށް އުފަން މަޝްހޫރު ޞާދުބެއަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ޢުމުރުފުޅުން މިހާރު 85 އަހަރަށްވުރެ ގިނަދުވަސްވެފައިވީ ނަމަވެސް، ޞިއްޙީ ޙާލަތު ތަންދިން މިންވަރަކުން އެމަނިކުފާނު މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން އެ ގެންދަވަނީ، އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށްޓަކައި އުފެދިފައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުންކަން އެއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
ޢަބްދުﷲ ޞާދިޤު ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވި ދިގު މުއްދަތުގެ ޚިދުމަތުގެ އަޤު ވަޒަންކުރައްވައި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް އަރުވާފައިވަނީ 2019ވަނަ އަހަރުގައެވެ.