ޚަބަރު

ފިއްލަދޫއާ މާބައިދޫ ކައުންސިލްގެ ރައީސުން ހުވާކުރުން ފަސްކުރަން ހައިކޯޓުން އަމުރުކޮށްފި


ހއ. ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސާއި ލ. މާބައިދޫ ކައުންސިލްގެ އިންތިޚާބީ ރައީސް ހުވާކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އެކޯޓުން މި އަމުރު ނެރެފައި މިވަނީ ކައުންސިލް އިންތިޚާބާއި ގުޅިގެން އެކޯޓަށް ހުށައަޅާފައިވާ އިންތިޚާބީ ޝަކުވާތަކާއި ގުޅިގެންނެވެ.

ހައިކޯޓުން ނެރުނު އަމަރުގައި ބުނެފައިވަނީ އެކޯޓަށް ހުށައަޅާފައިވާ މައްސަލަ ނިމުމުގެ ކުރިން ހއ. ފިއްލަދޫ ކައުންސިލްގެ ރައީސާއި ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ ވޯޓާއި ގުޅިގެން މައްސަލަ ހުށައަޅާފައިވާ ފަރާތްތަކާއި ވާދަކުރި އެހެން ކެނޑިޑޭޓުންގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެކަމެއްކަމަށް ބެލެވޭކަމަށެވެ.

އެހެންކަމުން އެދެރަށުގެ ކައުންސިލްގެ ރައީސްގެ ވޯޓާއި ގުޅޭ ގޮތުން އެކޯޓުން ބަލަމުންދާ މައްސަލާގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވެންދެން ނުވަތަ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ފިއްލަދޫއާ މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ލޯކަލް ގަވަރަމެންޓް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްފައެވެ.

މިދިޔަ މަހު 10 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެއްވޯޓުގެ ތަފާތަކުން ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުވެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑިޕީގެ ކެނޑިޑޭޓު ފަތުހުﷲ ޙަސަންއެވެ.

އަދި މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އެއް ވޯޓުގެ ތަފާތުން ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހީމް ވިޝާމްއެވެ.

ފިއްލަދޫއާ މާބައިދޫގެ އިތުރުން ގއ. ކޮނޑޭ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރުމަށްވެސް ހައިކޯޓުންވަނީ އަމުރުކޮށްފައެވެ.