އިޓާލިއަން ސެރީއާގައި މިދިޔަ ސީޒަންގެ ޗެމްޕިއަން ޔުވެސްޓަސް އާއި މިސީޒަންގެ ޗެމްޕިއަން އިންޓަރ މިލާން ބައްދަލުކުރިމެޗް ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ. ޔޫވޭގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އިންޓަރއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. މިގޮތުން މެޗްގެ 24 ވަނަ މިނެޓްގައި ޔޫވޭގެ ތަޖްރިބާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ލަނޑެއް ޖަހާ މިމެޗްގައި އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް މިލަނޑު ޖެހިތާ 9 މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން އިންޓަރއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެެވެ. މިމެޗްގައި ޔޫވޭއިން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހުއާން ކުއަޑްރާޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިމެޗްގެ 55 ވަނަ މިނެޓްގައި ޔޫވޭގެ ރޮޑްރިގޯ ބެންޓަންކަރއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުން މިމެޗްގެ ފަހު 35 މިނެޓް އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އަދި މެޗްގެ 83 ވަނަ މިނެޓްގައި ޔޫވޭގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަތުން ބައިކޯޅަށް ވަން ލަނޑާއެކު މިމެޗް އެއްވަރު ވެގެން ނިމޭނެ ކަމަށް ހީވި ނަމަވެސް އޭގެ ފަސް މިނެޓް ފަހުން މިމެޗްގައި ޔޫވޭއަށް ލިބުނު ދެވަނަ ޕެނަލްޓީއާއެކު މިމެޗްގައި އެޓީމުން ތިންވަނަ ފަހަރަށް ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހާދިން ކުއަޑްރާޑޯއެވެ. މިމެޗްގެ އިތުރު ވަގުތުގައި އިންޓަރގެ މާސެލޯ ބްރޮޒޮވިޗްއަށްވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާފައެވެ.
މިކާމިޔާބީއާއެކު ޔޫވޭ މިހާރު އުޅެނީ ކުޅުނު 37 މެޗުން ލިބިފައިވާ 75 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. ނަމަވެސް މިހަފްތާގައި ނަޕޯލީ ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ އަނެއްކާވެސް ހަތަރުވަނައަށް ނަޕޯލީ އަރާނެއެވެ. މިހާރު ޕޮއިންޓް ތާވަލް އޮތް ގޮތުން މިވަގުތު މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ޔުވެންޓަސްއަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.