ޚަބަރު

ހއ.ދިއްދޫ އާއި ފ.ފީއަލީގައިވެސް ކާފިއު ޢިއުލާންކޮށްފި


ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހއ.ދިއްދޫއާއި ފ.ފީއަލީގައި ކާފިއު ޢިއުލާންކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިދެރަށުގައި ކާފިއު ޢިއުލާންކޮށްފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އެއްހަފްތާގެ މުއްދަތަށްކަމަށެވެ.
ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން ޢާއްމުން ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށް އެޗްޕީއޭއިން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ހއ.ދިއްދޫއާއި ފ.ފީއަލީގައި ކާފިއު ހިންގުމަށް އެއޭޖެންސީންވަނީ ނިންމަވާފައެވެ. ކާފިއު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 ޖެހުމާހަމައަށެވެ.

މިދެރަށުގެ އިތުރުން ކޯވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުއްޓާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައިވެސްވަނީ ކާފިއު އިޢުލާންކޮށްފައެވެ. ދެކުނުގެ ބޮޑު ދެސިޓީކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ކާފިއު ޢިއުލާންކޮށް ކާފިއުގެ ވަގުތުވެސްވަނީ އިތުރުކޮށްފައެވެ. އެގޮތުން މިދެސިޓީގައި ހަވީރު 4އިން ފެށިގެން ފަތިހު 4 ޖެހުމާހަމައަށް އަންނަނީ ކާފިއު ތަންފީޒުކުރަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފ.ނިލަންދޫއާއި ގދ.ތިނަދޫގައިވެސްވަނީ ކާފިއު އިޢުލާންކޮށްފައެވެ.

ކާފިއު ވަގުތުގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުމާއި ކެފޭ ރެސްޓޯރެންޓުގައި ތިބެގެން ކެއިންބުއިމުގެ ކަންކަން ކުރިއަށްގެންދިޔުން މަނާވާނެއެވެ. ކާފިއު ވަގުތުގައި މިފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ޢާއްމުކޮށް ގޮސްގެން ޚިދުމަތް ހޯދާ ހުރިހާތަނެއް ބަންދުކުރުމަށް އަންގާފައިވާއިރު ފިހާރަތަކުން އެޗްޕީއޭގެ މިންގަނޑާއެއްގޮތަށް ޚިދުމަތް ދެވޭނެކަމަށް އެއޭޖެންސީއިން ވިދާޅުވެއެވެ.

ކާފިއު ގަޑިތަކުގައި ޢާއްމުކޮށް ބޭރުގައި އުޅުން މަނާކޮށްފައިވީނަމަވެސް ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގައި މަސައްކަތްކުރާ ފަރާތްތައް މީގެތެރެއިން އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ފުލުހުންނާއި ސިފައިންނާއި ސިއްޙީ އެހީތެރިންނާއި ރަށްރަށުގެ ކޯވިޑް ޓާސްކް ފޯސްގައި ޙަރަކާތްތެރިވާ ފަރާތްތައް އިސްތިސްނާވާނެއެވެ.