ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރަން ފަށައިފި


މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ. މިކޮމިޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުން ގެންދަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މީގެ ކުރިން ވިޑާޅުވެފައެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވާ މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގަންނަވާފައެވެ. އަދި 16 ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ މިޙަމަލާގައި އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާފަދަ ޒަޚަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ކާމިޔާބު އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު އެމަނިކުފަނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގަންނަވާފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި 3 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.