ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ކެނެޑާއިން މުވައްޒަފުން ހޯދުމުގެ މަސައްކަތް އެމެޒޯންއިން ފަށައިފި


އުފުލެމުންދާ ޑިމާންޑާއި އެއްވަރަށް ތަކެތި އުފެއްދުމަށް އޮންލައިން ވިޔަފާރިކުރާ އެމެޒޯންއިން އެމެރިކާ އަދި ކެނެޑާއިން ޖުމްލަ 75000 މުވައްޒަފުން ހޯދަން ނިންމައިފިއެވެ.

ދަތުރުފަތުރުކުރުމާއި ގުދަންތަކަށް ބޭނުންވާ މި ވަޒީފާތަކަކީ ދާއިމީ ވަޒީފާތެއްކަމަށާއި އަދި ކޯވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 100 ޑޮލަރުގެ ބޯނަސް އެއް ދޭންވެސް ކުންފުނިން ނިންމާފައިވާކަމުގައި އެމެޒޯންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދާދި ފަހުން ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދޭން ނިންމި އުޞޫލުގެ ދަށުން މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް 17 ޑޮލަރު ދޭން ނިންމާފައިވާ ކަމާއި އަދި މިހާރު ވަޒީފާތައް ވާނީ އިޢުލާނުވެސް ކޮށްފައިކަމުގައި އެމެޒޯންއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި އައު މީހުން ވަޒީފާތަކަށް ގެނައުމަށްޓަކައި އިނާޔަތެއްގެ ގޮތުގައި ސައިން އޮން ބޯނަސްގެ ނަމުގައި 1000 ޑޮލަރަށްވުރެ ގިނަނުވާގޮތަށް ބޯނަސްއެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިލިއަނަކަށްވުރެ ގިނަ މުވައްޒަފުން މިހާރުވެސް މަސައްކަތްކުރާ އެމެޒޯންއިން ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މުވައްޒަފުން ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އިނގިރޭސިވިލާތުގައި މިދިޔަ އަހަރު ކުންފުނިން ވަނީ 10000 ވަޒީފާ އިތުރުކޮށްފައެވެ.

ފުރަބަންދުގައި މީހުން ގޭގައި ތިބެންޖެހުމުގެ ސަބަބުން މިދިޔަ އަހަރާއި ޖެހެންދެން ކުންފުންޏަށް ދިޔައީ ފައިދާ ވަމުންނެވެ. ނަމަވެސް ކުންފުނީގެ މަސައްކަތްކުރާ ހާލަތާއި އެމެރިކާ އިޓަލީ އަދި ޖަރުމަންވިލާތުގެ ގުދަންތަކުގައި ހިންގި ހަޅުތާލުގެ ސަބަބުން ކުންފުންޏަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކަމާބެހޭ ބައެއް ފަރާތްތަކުން ބުނާގޮތުން މުސާރަ ބޮޑުކުރިކަމުގައި ވީނަމަވެސް އެމެޒޯންގައި ވަޒީފާ އަދާކުރާ ތަންތަނުގެ ޙާލަތު ރަނގަޅު ނުކުރެވޭކަމަށާއި މީގެ ސަބަބުން މީހުން ވަޒީފާތަކުން ވަކިވާ ކަމުގައެވެ. ނަމަވެސް އެމެޒޯންއިން ބުނަނީ މުވައްޒަފުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރާކަމަށެވެ.

އެމެރިކާގެ ގިނަ ގުދަންތަކުގައި އެމެޒޯން އިންވަނީ ވެކްސިން ޖެހޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.