ޚަބަރު

ކޯވިޑް-19 : 50 ރަށް މޮނިޓަރިންގައި


ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގެ ޢަދަދު 50 އަށް އަރައިފިއެވެ.

ކޯވިޑް-19 ރަށްރަށުގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާއިރު، ފަހަކަށް އައިސް މޮނިޓަރިންއަށް ލާފައިވާ ރަށްރަށަކީ ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރުމުން ޕޮޒިޓިވް މީހުން ފެންނަމުންދާ ރަށްރަށެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ރަށްރަށްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް އެސިޓީއާއި، ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި، ގދ. ތިނަދޫ، ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު ހިމެނެއެވެ.

މިވަގުތު އެންމެ ގިނަ ރަށްރަށް މޮނިޓަރިންގެ ހާލަތުގައި އޮތީ ކ. އަތޮޅާއި ލ. އަތޮޅުގެއެވެ. އެއިން ކޮންމެ އަތޮޅަކުން 6 ރަށް ވަނީ މޮނިޓަރިންގައެވެ.

މީގެ އިތުރުން އއ. އަތޮޅުގެ 5 ރަށަކާއި، ދ. އަތޮޅުގެ 4 ރަށެއްވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. މިރަށްތަކުގެ ތެރެއިން ކ. މާފުއްޓާއި، ބ. އޭދަށުފުށި، ޅ. ނައިވަރު އަދި މަތިވެރި ފަދަ ރަށްރަށުންވަނީ ގިނަ ޢަދަދެއްގެ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން 182 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޭސްތައް އިތުރުވުމާއި ބަލީގެ ހާލަތު ނުރައްކާވާނެ ކަމަށް ލަފާކުރެވޭތީ ބޮޑެތި ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށްވެސް އެޗްޕީއޭއިން މިހާރުވަނީ އަންގާފައެވެ. އެގޮތުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ޢިއުލާންކޮށްފައިވާ ކާފިއު ވަގުތު އިތުރުކޮށް، ބަލިން ރައްކާތެރިވުމަށް ގ.ދ ތިނަދޫއާއި ފ. ނިލަންދޫގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން މިމަހުގެ 12 ވަނަ ދުވަހު އެޗްޕީއޭއިން އަންގާފައިވެއެވެ.