ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުލުހުންނާއި ބައްދަލުކޮށްފި


ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސަންގު ޓީވީ ބަލައި ފާސްކުރަން އެސްޓޭޝަނަށް ވަދެ އެ ސްޓޭޝަންގައި ބޭނުންކުރާ ސިސްޓަމްތަކުގެ ހާޑް ޑިސްކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެސްޓޭޝަނުން ބްރޮޑްކާސްޓް ކުރުން ހުއްޓާލުމާ ގުޅިގެންނާއި އެނޫނަސް މުހިއްމު ބައެއް ކަންކަމާ މެދު މަޝްވަރާ ކުރުމަށް ބޮރޮޑްކާސްޓިންގ ކޮމިޝަނުން ފުލުހުންނާ ބައްދަލު ކުރައްވައިފިއެވެ.

ފުލުހުންނާއެކު ބޭއްވި މިބައްދަލުވުމުގައި ބްރޮޑްކާސްޓިންގ ކޮމިޝަނުން ފާހަގަ ކުރެއްވި އެންމެ މުހިއްމު އެއް މައްސަލައަކީ ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މިމަހުގެ 6 ވަނަ ދުވަހު ސަންގު ޓީވީ އަށްވަދެ ބަލައި ފާސްކޮށް އެސްޓޭޝަންގެ ސިސްޓަމްތަކުގެ ހާޑް ޑިސްކު ގެންދިއުމާ ގުޅިގެން އެސްޓޭޝަނުން ބްރޮޑްކާސްޓް ކުރުން ހުއްޓާލާފައި އޮތް އޮތުމާ ބެހޭގޮތުންކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.  މިގޮތުން ފުލުހުން އެރޭ އެ ސްޓޭޝަނަށްވަދެ އެ ސްޓޭޝަނުން ބްރޮޑްކާސްޓް ކުރުން ހުއްޓުވާފައިވާކަމަށް އެސްޓޭޝަނުން ބްރޮޑްކާސްޓިންގ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމާ ބެހޭގޮތުން ފުލުހުން ޢަމަލުކުރިގޮތް ފުލުހުންގެ ކިބައިން ސާފުކުިރިކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

ސަންގުޓީވީ އަށް ފުލުހުންވަދެ އެ ސްޓޭޝަން ބަލައި ފާސްކުރުމުގެ ކުރިން އެސްޓޭޝަންގެ ޓްރާންސްމިޝަން ހުއްޓާލަން އަންގާފައި ނުވާނެކަމުގައި މިބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ. 

އަދި އެރޭ ފުލުހުން ސަންގުޓީވީ ސްޓޭޝަނަށް ވަނީ އެރޭގެ 12 ގެ ޚަބަރަށް ފުރުޞަތު ދިނުމަށްފަހު ކަމަށާ ފުލުހުން ވަނުމުން އެސްޓޭޝަންގެ މުވައްޒަފުން ބޭނުންވީ ފުލުހުން ބަލައި ފާސްކުރުމަށް ކުރަމުންދިޔަ މަސައްކަތް ވީޑިއޯކޮށް ވަގުތުން ޢާއްމު ކުރަމުންގެންދަން ކަމަށާ އެކަން އެގޮތަށް ނުކުރެވޭނެކަން އެތަނުގެ މުވައްޒަފުންނަށް ފުލުހުން އެންގި ކަމުގައިވެސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އެތަނުގެ އެއްވެސް މުވައްޒަފަކަށް ފުލުހުންގެ ފަރާތުން އިންޒާރެއްދިނުންފަދަ ކަމެއް ކުރެވިފައި ނުވާނެކަމަށްވެސް މި ބައްދަލުވުމުގައި ހަމްދޫން ރަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސް ޕާސަން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ ފުލުހުން ސަންގު ޓީވީ ބަލައި ފާސްކުރަން ވަނީ ކޯޓު އަމުރުގެ ދަށުން ކަމަށާ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ހެކި ފުލުހުން އަތުގައި ހުރެގެން ކަމަށެވެ. އަދި ފުލުހުން ބަލައި ފާސްކުރުމަށް ތަނެއް ކޯޑްން ކުރުމަށްފަހު އެތަނެއްގެ ތެރޭގައި ފުލުހުން އަންގާ ގޮތެއްގެ މަތިން ނޫނީ ޙަރަކާތްތެރި ވުމުގެ ފުރުޞަތު ނުދެވޭނެ ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ ކުށުގެ ތުހުމަތުގައި އަދި ހެކި ހުރެގެން ބަލައި ފާސްކުރާއިރު މީޑިއާއެއްކަމުގައި ވިޔަސް އެކަން ކުރަން ފުލުހުން ފަސް ނުޖެހޭނެ ކަމަށާއި އެކަމާ ގުޅިގެން އެ ސްޓޭޝަނެއްގެ މަސައްކަތަށް ބުރޫ އެރުމަކީ ފުލުހުން އެމައްސަލާގައި އެތަނެއް ބަލައި ފާސްކުރަން ފަސްޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި މިނިވަން މީޑިއާތައް މިނިވަން ކަމާއެކު މަސައްކަތް ކުރުމުގައި ފުލުހުން އަބަދުވެސް މީޑިއާ ތަކަށް އެއްބާރުލުން ދެއްވާ ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު ވިދާޅުވީ ސަންގު ޓީވީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހާޑް ޑިސްކްތަކުގެ ތަޙްލީލުކޮށް ވީ އެންމެ އަވަހަކަށް އެތަކެތި ޙަވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ފުލުހުން އެސްޓެޝަންގެ ސާވާ ގެނެސްފައި ނުވާނެ ކަމަށާ ސާވާ ބޭނުން ކޮށްގެން އެ ސްޓޭޝަނަށް ބްރޮޑްކާސްޓް ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މިބައްދަލުވުމުގައި ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިންނާ ގުޅޭގޮތުން އެސްޓޭޝަނުން ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް ޝަކުވާތައްވެސް ފުލުހުންނާ ޙިއްސާ ކުރައްވާފައެވެ. މިގޮތުން މުލިއާގޭ ކައިރިން ގޮވާ އެއްޗެއް ފެނުނު ދުވަހު މާފަންނު ސްޓޭޑިއަމް ސަރަޙައްދުން މީހުން ދުރައްޖެއްސުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި ރާއްޖެ ޓީވީގެ 3 ނޫސްވެރިޔަކު ހައްޔަރު ކުރުމާ އާޓިފިޝަލް ބީޗުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބޭއްވި ޙަރަކާތެއްގެ ތެރެއިން ރާއްޖެ ޓީވީގެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އެސްޓޭޝަންގެ ފަރާތުން ހުރި ކަންބޮޑު ވުންތައް ހިމެނެއެވެ.

މިބައްދަލުވުމުގައި ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސް އާއި ބައެއް މެމްބަރުންނާ ސެކެޓްރީ ޖެނެރަލް އާއި ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު ބައިވެރިވެވަޑައިގަތެވެ.